ޕޮލިސް އެކަޑެމީ އަޅާތީ ޝާހިދުގެ ޝުކުރު ޑރ. ޖަމީލާއި އުމަރަށް

ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.


ދ. ވާނީގައި އިންޑިއާގެ ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ދެ ވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މިއަދަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ޚިދުމަތް ފެށިތާ 16 އަހަރު ފުރުނު ދުވަހެވެ. މިގޮތަށް ހިންގަން ފަށައި ފުލުހުންނަށް ތަމްރީނުދީ، ގާބިލް ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ ވެސް މުހިއްމު އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ވާނީގައި އިމާރާތްކުރި މަރުކަޒަކީ ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރުވި ބޮޅެއް ކަަމަށް ވިދާޅުވެ އައްޑޫގައި އިމާރާތްކުރާ ޕޮލިސް އެކަޑެމީއާ އެކު އިތުރު ކުރިއެރުން ލިބޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ވާނީގެ މަރުކަޒުގެ ދެ ވަނަ ފިޔަވަހި ނިމުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަންނަވަނީ. -

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް މަސައްކަތްތަކުގައި ހައްގު ޝުކުރު އަދާކުރަން ޖެހޭ ކަމަށް ވިދާޅުވެ، އައްޑޫގައި ޕޮލިސް އެކަޑަމީގެ ބިންގާ އެޅީ ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެ ހޯމް މިނިސްޓަރުން ޖަމީލާއި އުމަރުގެ ވެސް މަސައްކަތުން ކަމަށް ވިދާޅުވި އެވެ. އެ ދެ ބޭފުޅުންނަށް ޝާހިދު މިއަދު ޝުކުރު އަދާކުރެއްވި އިރު މި ވެރިކަން ފެށުމާ އެކު ޚާރިޖީ ގުޅުމުގައި އިންޑިއާ މާ ބޮޑަށް ގާތްކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ވަރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދޭ ކަަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އިންޑިއާ އިން އެކި ނަން ނަމުގައި ދަރަނީގެ ލޯނުތައް ނެގުމާ އެކު، ވިސްނުމަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުން ކަަމަށާއި އެ ޖާގަ ނުދޭނެ ކަމަށް ބުނެ އިދިކޮޅުން މިހާރު ވަނީ އަޑުއުފުލަން ފަށައިފަ އެވެ. ޝާހިދުގެ މިއަދުގެ ވާހަކަ މި އައީ އެ އަޑުތައް އިތުރަށް ގަދަކޮށްފައިވާ ދުވަސްވަރެއްގަ އެވެ.

އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރާ އައްޑޫގެ ޕޮލިސް އެކަޑެމީއަކީ، ޝާހިދު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފެށުމެއް ނޫނެވެ. އެއީ، 2012 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މަސައްކަތެއް ކަން އޭނާ ހަނދާންކޮށްދެއްވި އެވެ. އޭރުގެ ރައީސަކީ ވަހީދެވެ. ހޯމް މިނިސްޓަރަކީ ޖަމީލެވެ.

އައްޑޫ ޕޮލިސް ޓްރޭނިން އެކެޑެމީ ހަދާ ސަރައްހަދު. ފޮޓޯ/ އަހުމަދު ޒާހިދު

ޝާހިދު ވިދާޅުވީ އެ މަރުކަޒު އަޅަން އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ފުރަތަމަ ސޮއިކުރެއްވީ ސެޕްޓެމްބަރު، 29، 2012 ގައި ޖަމީލް ކަމަށެވެ. އިންޑިއާ ސަރުކާރުން ސޮއިކުރެއްވީ އެ ގައުމުގެ ހޯމް މިނިސްޓަރެވެ.

"އޭގެ ފަހުން އެކި ބަދަލުތައް އެ ޕްރޮޖެކްޓަށް އައިސްފައިވޭ. އެންމެ ފުރަތަމަ އެ ޕްރޮޖެކްޓުގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު ސޮއިކުރައްވައި އިންޑިއާގެ ސަރުކާރާ އެކީގައި މި މަސައްކަތް ކުރިއަށް ގެންދެވުމަށް، އެ މަނިކުފާނުގެ ސޮއި އެޅުއްވިއިރު އެކަން ކުރަން ގަސްތުކޮށްފައި އޮތީ ޅ. އަތޮޅު ދިއްފުށިމާދޫގައި،" ތަފްސީލް ދެއްވަމުން ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މި މަޝްރޫއު 2014 ގައި ލ. އަތޮޅަށް ބަދަލުކުރި އެވެ. ތިން ވަނަ ތަނެއްގެ ގޮތުގައި އައްޑު އަށް މަޝްރޫއު ބަދަލުކުރަން މަޝްވަރާ ކުރެއްވިއިރު އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އައްޑު އަތޮޅަށް މި ޕްރޮޖެކްޓް ބަދަލުކުރައްވައި އައްޑު އަތޮޅުގައި މިހާރު އެ ގާއިމްކުރެވެމުންދާ މަރުކަޒު ގާއިމްކުރެވޭ ބިން ކަނޑައެޅުމާއި ކަންކަމުގައި އެމަނިކުފާނު [އުމަރު ނަސީރު] އިސްކޮށް ހުންނަވައި މަސައްކަތް ފައްޓަވާފައި ވަނީ،. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު، އެންމެ އިސްކަމެއް ދޭ އެއްކަމަކީ މި ދެންނެވިހެން ފުލުހުންނަށް ތަމްރީން ލިބޭނެ ވަސީލަތްތައް ގާއިމްކުރުން،" ޝާހިދު ވިދާޅުވި އެވެ.

ފުލުހުންގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ފޮރިން މިނިސްޓްރީ

އޭނާ ވިދާޅުވީ ކަންކަން ދިގު ދަންމައި ލަސްކުރާކަށް މި ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އެހެންވެ މިދިޔަ އަހަރުން ފެށިގެން މި ޕްރޮޖެކްޓަށް އިތުރު ހަލުވިކަމެއް ގެނެސްފައިވާ އިރު، ލަސްތަކެއް ނުވެ އެ މަރުކަޒުގައި ދިވެހި ފުލުހުންނަށް ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އާ ކޮށްދެއްވި އެވެ.

"މި ވާހަކަ މިގޮތަށް އަޅުގަނޑު މި ދަންނަވާލީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް ހުއްޓަސް ކަމެއްގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންތަކެއް ވިއްޔާ އެ ބޭފުޅުންނަށް ހައްގު ޝުކުރު ދަންނަވާލަން. އެހެންކަމުން ފުލުހުންގެ 16 ވަނަ މި އަހަރީ ދުވަހު، އައްޑު އަތޮޅުގައި ގާއިމްކުރަން މަސައްކަތްކުރާ މަރުކަޒު ގާއިމުކުރަން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އުމަރު ނަސީރަށް އަޅުގަނޑާއި ތިޔަ އެންމެ ބޭފުޅުންގެ ފަރާތްޕުޅުން ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

އައްޑޫގައި އިމާރާތްކުރާ ޕޮލިސް އެކަޑެމީއަކީ ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު އެ ޕާޓީގެ ބައެއް މީހުން ނުކުމެ އައްޑޫގައި ހިންގި ބޮޑު ހަމަނުޖެހުންތަކުގެ ތެރޭގައި، ހިތަދޫގައި ހުރި ޕޮލިސް ޓްރޭނިން ސްކޫލް އަންދައިލުމުން އިންޑިއާ އިން ހިލޭ އިމާރާތް ކޮށްދޭ ތަނެކެވެ. ނަޝީދުގެ އިސްތިއުފާއާ އެކު އައި ހަމަނުޖެހުމުގައި އައްޑޫ ނޫނަސް އެހެން ބައެއް ރަށްރަށުގައި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުން ދީ، ރޯކުރި އެވެ.

ޖުމްލަ 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން، އައްޑޫގައި ޕޮލިސް އެކަޑެމީއެއް އިމާރާތް ކުރުމުގެ މަޝްރޫއު އިއުލާންކުރީ އޭޕްރީލް 6، 2014 ގަ އެވެ.

މި އިންސްޓިޓިއުޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ---ފޮޓޯ: ޕޮލިސް

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް އަންނަނީ ބޮޑެތި އެހީތަކެއް ވަމުންނެވެ. އެ އެހީތައް ވަނީ ރައްޔިތުންނަށް ފައިދާ އާއި ލާބަ ލިބޭނެ ގޮތަށް ކަމަށާއި ވާނީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސަކީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރުގައި ދެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އވެެ.

"މި 106 މިލިއަން ރުފިޔާގެ ތެރެއިން ހިނގާ ތަފާތު މަސައްކަތްތައް ނިމި ހެޔޮ ނަތީޖާ ދިވެހި ރައްޔިތުންނަށް ފޯރަން ފަށައިފި،" ޝާހިދު ވިދާޅުވި އެވެ.

އައްޑޫގެ މަގު ހެދުމާއި ހދ. ހަނިމާދޫގައި އެއާޕޯޓު ތަރައްގީ ކުރުމާއި ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އެޅުން ފަދަ ތަފާތު ބޮޑެތި ކަންކަން ކުރާ ކަަމށް އޭނާ ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް އޭގެ ފައިސާ ސީދާ ގޮތެއްގައި ކުރާނެ ކަންކަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅުވައިލަދޭ ބްރިޖް މަޝްރޫއު ވެސް ވެސް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭ ދީލަތި އެހީ އާއި ލޯނާ ގުޅިފަ އެވެ. މި އެހީތަކާ ގުޅިގެން ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.