ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީއަކަށް ދީބާނާޒް އައްޔަން ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރަކަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ މިއަދު އައްޔަން ކުރައްވައިފި އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ދީބާނާޒް އާއި ސ. ހުޅުދޫ ހެޕީޑްރީމް މުހައްމަދު މިސްބާހު އައްޔަން ކުރެއްވީ އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ދެ ބޭފުޅުންނަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މިއީ ކްރިމިނަލް ކޯޓުގެ ގާޒީކަން އަންހެން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރެވެ.

ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދީބާނާޒަކީ ހައިލީ ރެކޮމެންޑެޑް ކަމަށް ކޮމެޓީން ފާހަގަ ކޮށްފައިވާ ބޭފުޅެކެވެ.

ދީބާނަޒަކީ 2008 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އުފެދުނީއްސުރެން ފެށިގެން އެ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮކްޓޫބަރު، 2012 ގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި ދީބާނާޒް އެ މަގާމުން އިސްތިއުފާ ދެއްވީ ނޮވެމްބަރު، 2013 ގަ އެވެ.