ކޮވިޑަށް ބަޔަކު ޕޮޒިޓިވްވުމުން ހޯޑެއްދު އަށް އަރައިފޭބުން މަނާކޮށްފި

ގދ. ހޯޑެއްދޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމުން އެ ރަށަށް އަރައިފޭބުން އެޗުޕީއޭ އިން މިއަދު މަނާކޮށްފި އެވެ.


ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓް ޝަހުޒާ ހުސެއިން "މިހާރު" އަށް މިއަދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހަކު ހޯޑެއްދޫގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ، ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ނެގި ރިލީޒް ސާމްޕަލްގެ ނަތީޖާ މިދިޔަ ބުދަ ދުވަހު ލިބުމުންނެވެ. އެ ހަތަރު މީހުންނަކީ އެއް ގެއެއްގައި އުޅުނު އާއިލާއެކެވެ. އޭގެ ތެރޭގައި އުމުރުން ހަ އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ އާއިލާ އިން އިތުރު މީހަކު ކޮވިޑަށް ޓެެސްޓު ކުރި ނަމަވެސް އެ މީހާ އެ ބައްޔަށް ޕޮޒިޓިވް އެއް ނުވެ އެވެ.

ހޯޑެއްދޫ މޮނިޓަރިންގެ ހާލަތަށް ގެންނަން އެޗުޕީއޭ އިން ނިންމީ، އެ އާއިލާއާ ގުޅޭ އިތުރު ބަޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ޝަހުޒާ ވިދާޅުވިގޮތުގައި، އެ އާއިލާއާ ތިމާގެ ބަޔަކު އުޅޭ އިތުރު ދެ ގެއަކުން ތިން މީހަކު ކޮވިޑަށް ޓެސްޓު ކުރި އެވެ. އޭގެ ތެރެއިން އުމުރުން 21 އަހަރުގެ އަންހެނަކާއި 56 އަހަރުގެ ފިރިހެނަކު އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް ޝަހުޒާ ވިދާޅުވި އެވެ..

"ހޯމް ކަރަންޓީންގައި ތިބި މީހުންނާއި އެ ދެ ގޭގެ މީހުންނަކާ ޑައިރެކްޓް ކޮންޓެކްޓެއް ވެފަ އެއް ނެތް. ނަމަވެސް އެއް ގެ އިން އަނެއް ގެ އަށް ފޮއްޓެއް ގެންދިޔަ. އެއީ ހަމައެކަނި ކަނެކްޝަނަކީ،" އޭނާ ވިދާޅުވި އެވެ.

އެ ތިން މީހުން ކޮވިޑަށް ޓެސްޓުކުރަން ނިންމީ ބަލީގެ އަލާމާތްތައް ފެނުމުންނެވެ.

މި ކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން މިހާރު ކުރިއަށް ގެންދާ ކަމަށް ޝަހުޒާ ވިދާޅުވި އެވެ. ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާއްސަ ޓީމެއް ވެސް ކޮންޓެކްޓް ޓްރޭސިންގެ ކަންތައްތަކުގައި އެހީތެރިވާން ހޯޑެއްދު އަށް ދިޔަ އެވެ.

"ހައި ރިސްކު މީހުން ފާހަގަކޮށް، ސާމްޕަލް ނެގުމުގެ މަސައްކަތް މި ކުރަނީ،" ޝަހުޒާ ވިދާޅުވި އެވެ.

ހޯޑެއްދޫގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާ އާއި ވިލިނގިލީގައި ވެސް ކޮވިޑަށް ޕޮޒިޓިވް ދެ މީހުން އެބަ ތިއްބެވެ. އެ ދެ މީހުން ވެސް ތިބީ ހޯމް ކަރަންޓީންގަ އެވެ.

މިހާތަނަށް 8،281 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވި ނަމަވެސް އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން ދަނީ 2،769 މީހުންނެވެ.