އެމްސީއާ ނުލައި ސަލާމް ބުނެވޭ ދުވަސްތަކުގެ އަދަދު 15 އަށް މަދުކުރަން ފާސްކޮށްފި

މެޑިކަލް ސެޓްފިކެޓް ހުށަނާޅައި އަހަރަކު 30 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގައި އޮތް އޮތުން 15 ދުވަހަށް ބަދަލުކޮށް ވަޒީފާއާ ބެހޭ ގާނޫނުގެ އިސްލާހުތައް މިއަދު ފާސްކޮށްފި އެވެ.


ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް ކޮމިޓީގެ މަރުހަލާގައި ގެނައި ގިނަ ބަދަލުތަކާއި މަޖިލީހުގެ ތަޅުމުގައި މެމްބަރުން ހުށަހެޅި ގިނަ ބަދަލުތަކަކާ އެކު މިއަދު ފާސްކުރީ 55 މެމްބަރެއްގެ ވޯޓުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ފުރަތަމަ ހުށަހެޅި އިސްލާހުގައި އޮތީ ސަލާމް ބުނާ ކޮންމެ ދުވަހަކު ވެސް އެމްސީ ހުށަހަޅަންޖެހޭ ގޮތަށެވެ. އެގޮތަށް ހުށަހެޅި އިރު ކުރިން އޮތީ ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް އަހަރަކު 30 ދުވަހު، އެމްސީ ހުށަނާޅައި ވެސް ސަލާމުގައި ހުރެވޭ ގޮތަށެވެ. އެގޮތަށް އިސްލާހު ހުށަހެޅުމުން އާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކޮމިޓީ މަރުހަލާގައި ބިލު އިސްލާހުކުރީ އެމްސީ ހުށަނާޅައި ވެސް 15 ދުވަހު ސަލާމް ބުނެވޭ ގޮތަށެވެ. އެކަމަކު އެއީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް، ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށެވެ. މަޖިލީހުން މިއަދު ފާސްކުރީ އެގޮތަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އެވެ. އެކަމަކު މަޖިލީހުގެ ތަޅުމަށް އެބިލް އިއްވި ދުވަހު އެ ވަގުތު ޖެހުނު އިރު އަހުމަދު އީސާ ވަޑައިގެން ނެތުމުން ތަޅުމަށް ބިލް އިއްވެވީ ހުޅުމީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބެެވެ.

އެ ބިލަށް އާއްމުންގެ ހިޔާލާއި ވަޒީފާ ދޭ ބޮޑެތި ބައެއް ކުންފުނިތަކުގެ ހިޔާލު ވެސްް ކޮމިޓީ މަރުހަލާގައި ހޯދި އެވެ. ބިލް ދިރާސާކުރީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީ ގުޅިގެން އުފެއްދި ވަގުތީ ޖޮއިންްޓް ކޮމިޓީއަކުންނެވެ. ކޮމިޓީން ބިލް ދިރާސާކުރުމަށް ފަހު އެކުލަވައިލި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސަލާމުގެ ޗުއްޓީގައި ހުންނަ ކޮންމެ ދުވަހަކަށް އެމްސީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް މާއްދާ އަށް އަކުރެއް އިތުރުކޮށް، އެމްސީއާ ނުލައި 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ހެދީ ކުރިން އޮތް ގޮތަކީ މީހުންނަށް ވަރަށް ދަތިވާނެ ކަމެއްކަން ކޮމިޓީ އަށް ގަބޫލުކުރެވިގެންނެވެ.

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރަން މިއަދު ފާސްކުރި ބިލުގައި ގިނަ ބަދަލުތަކެއް ހިމެނެ އެވެ.