ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ހެނދުނުގެ ކިޔެވުން ފެށެނީ އެސެމްބްލީއަކަށް ފަހުގައި ނަމަވެސް ގިނަ ދަރިވަރުންނަށް އެކަން ވެފައި އޮންނަނީ ފޫހި، މުހިއްމު ނޫން ކަމެއްގެ ގޮތުގަ އެވެ. އެހެންވެ، ހެނދުނުގެ މި ވަގުތު ބޭނުންތެރިގޮތުގައި ހިފުމަށް، ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ހާއްސަ ހަރަކާތެއް ހިންގާފަ އެވެ.
މި އަހަރުގެ ކިޔެވުން ފެށުނު ދުވަހުން ފެށިގެން، ސްކޫލުގެ ހުރިހާ ދަރިވަރުން އެސެމްބްލީގައި ގުރުއާން ކިޔަވަމުން އައިސް، އިއްޔެ ވަނީ ސްކޫލުގެ 400އަށް ވުރެ ގިނަ ދަރިވަރުންނާއި މުސްލިމް ޓީޗަރުން ގުރުއާން ހަތިމުކޮށްފަ އެވެ.
ސްކޫލުގެ މެނޭޖްމެންޓުން އިސްނަގައިގެން ފެށި މި ހަރަކާތް ކޮންމެ ދުވަހަކު ވެސް ބާއްވަނީ 500 މީހުންގެ ޖާގައިގެ ސްކޫލު ހޯލުގަ އެވެ. ގްރޭޑް 1-10ގެ ހުރިހާ ދަރިވަރުން ވެސް އެސެމްބްލީގައި ބައިވެރިވާއިރު، ކޮންމެ ކްލާހެއްގެ ދަރިވަރުން ވެސް ތިބެނީ އެކުގަ އެވެ. ގުރުއާން އޯޑިއޯ ޖެހުމުން ހުރިހާ ދަރިވަރުން ވެސް އަޑުދަށުން، ކަނޑައަޅާފައިވާ މިންވަރަށް ކިޔަވަނީ އެވެ.
ކޮންމެ ދުވަހަކު ވެސް ހަތަރު ސަފުހާ ކިޔަވާއިރު، މިދިޔަ ރޯދަ މަހު ވަނީ އެ ނިސްބަތް އިތުރުކޮށްފަ އެވެ.
"ކިޔަވާ މިންވަރު އަޅުގަނޑުމެން ކަނޑައަޅާފައި އެވަނީ އެކަޑަމިކް ކަލަންޑަރަށް ބަލައިގެން، ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭ ދުވަހަށް ބަލައިގެން. އެކަމަކު ބައެއް ކަހަލަ ދުވަސް ދުވަހު އެސެމްބްލީ ނުބޭއްވޭތީ އަޅުގަނޑުމެން ނިންމީ ރޯދަ މަހު ހަ ސަފުހާ ކިޔަވަން،" ސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގޮތަށް ކަނޑައަޅާފައިވާ މިންވަރަށް ކިޔަވަމުން އައިސް، ހުރިހާ ދަރިވަރުންނާއި ޓީޗަރުން އެކުގައި ގުރުއާން ހަތިމު ކުރެވުމުން ސްކޫލަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. މިކަން ފާހަގަ ކުރުމަށް ބެލެނިވެރިން ވަނީ ހުރިހާ ދަރިވަރުންނަށް ބޮނޑިބަތް ބަހާފަ އެވެ.
"މިގޮތަށް އެކުގައި ކިޔަވަމުން އައިސް ހަތިމު ނިމޭތީ ހުރިިހާ ކުދިން ވެސް ތިބީ ވަރަށް އެކްސައިޓްވެފައި. އެ އުފާވެރިކަން އިއްޔެ ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެނުނު،" ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގޮތަށް ކޮންމެ ދުވަހަކު ގުރުއާން ކިޔަވަން ފެށުމުން، ސްކޫލަށް ނާދެވޭ ކުދިން ވެސް އަނެއް ދުވަހު ސްކޫލަށް އައިސް، ނުކިޔެވުނު ބައި އަމިއްލައަށް ފުރިހަމަ ކުރާ ކަމަށެވެ. އަދި މިއީ ކުދިން އަމިއްލައަށް ފެނިގެން ކުރާ ކަމެއް ކަމަށާއި އެހެންވެ، ކަނޑައަޅާފައިވާ ދުވަހަށް ގުރުއާން ހަތިމް ކުރުމަށް ހުރިހާ ދަރިވަރުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް ވިދާޅުވި އެވެ.
ވެލިދޫ ސްކޫލުގެ ދަރިވަރުން ގުރުއާން ކިޔެވުމަށް ފަހު ކޮންމެ ދުވަހަކު ވެސް ސްކޫލުގެ ކިޔެވުން ފަށަނީ ހެނދުނުގެ ދުއާތަކުންނެވެ. އަދި ހަތިމް ކުރުމަށް ފަހު، އެ ކުއްޖަކު ބޭނުން ދުއާއެއް ކުރުމުގެ ފުރުސަތު އިއްޔެ ދަރިވަރުންނަށް ދިން ކަމަށްް އަލީ ވިދާޅުވި އެވެ.
"ގިނަ ކުދިން ދުއާ ކުރީ ކިޔެވުމުގައި ކާމިޔާބު ލިބުމަށް އެދި. އެކަމަކު ބައެއް ކުޑަކުދިން ވަރަށް މަޖާ ދުއާތައް ވެސް ކުރި،" ޕްރިންސިޕަލް ވިދާޅުވި އެވެ.
"ކޮންމެއަކަސް އިއްޔެ އަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް،"
ވެލިދޫ ސްކޫލުގެ ދަރިވަރުން އިއްޔެ ހަތިމް ކުރި ނަމަވެސް، ކިޔެވުން ނިންމާލީ އަންނަ އަހަރު އަލުން ގުރުއާން ކިޔެވުމަށް ސޫރަތުލް ފާތިހާ ކިޔެވުމަށް ފަހު އެވެ. އެހެންވެ، ދެން ކޮންމެ އަހަރަކު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް ސްކޫލުން ބުންޏެވެ.
ވެލިދޫ ސްކޫލުގެ މި ޕްރޮގްރާމް ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. އެހެންވެ، ބައެއް ސްކޫލުތަކުން ވެލިދޫން މިކަން ކުރިގޮތް ހޯދައި ބަލަމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.