ކޮވިޑް-19: ހޯނޑެއްދޫގެ މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލައިފި

ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ، އެ ކްލަސްޓާ ބޮޑުވަމުންދާތީ އެ ރަށުގެ މިސްކިތްތައް މިއަދު ބަންދުކޮށްފި އެވެ.


ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ބަލި ޖެހުނު މީހުންނާއި ބައްދަލުވެފައިވާ މީހުން ތިބުމުން އިސްލާމިކް މިނިސްޓްރީގެ އިރުޝާދާއެކު، ރަށުގައި ހުންނަ ތިން މިސްކިތުގައި މިއަދުގެ އަސްރު ނަމާދުން ފެށިގެން ނަމާދުކުރުން ހުއްޓާލައި އެ މިސްކިތްތައް ބަންދުކޮށްފައިވާ ކަމަށެވެ.

އާބާދީގައި 1،314 މީހުން ދިރިއުޅޭ ހޯނޑެއްދޫ އިން ކޮވިޑަށް ޕޮޒިޓިވްވި ބަޔަކު ފެނުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިސްކިތްތަކުގައި ނަމާދު ނުކުރިއަސް މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ގޭގައި ބަރާބަރަށް ނަމާދުކޮށް ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް ކައުންސިލުން ނަސޭހަތްތެރިވެފައި ވެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯނޑެއްދޫން މިހާތަނަށް 111 ކޮންޓެކްޓުން ފެނިފައިވާ ކަމަށެވެ. އޭގެ ތެރެއިން ކޮވިޑް ބަލީގެ އަަލާމާތްތައް ހުރި 60 މީހަކު ތިބިއިރު 50 އަހަރުން މަތީގެ ފަސް މީހަކާއި އަހަރު ނުވާ ދެ ކުދިން ހިމެނެ އެވެ.

ހޯނޑެއްދޫ އިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ ކޭސް ފެނުނެވެ. އެ ރަށުގެ ގިނަ ކޭޭސްތައް ފެނުނު މިދިޔަ ހޮނިހިރު ދުވަހު 19 ކޭސް ފެނުނެވެ. އެ އެންމެންނަކީ ވެސް އެރަށުގެ ފަސް ގެއަަކާ ގުޅިފައިވާ މީހުންނެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އެ ރަށުން ފާހަގަވި 111 ކޮންޓެކްޓުންނަކީ ވެސް ފުރަަތަމަ ޕޮޒިޓިވްވި 21 މީހުންގެ ކޮންޓެކްޓުންނެވެ.

ހޯނޑެއްދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުގެ ކަންކަން ވެސް މިހާރު އަންނަނީ ކުރަމުންނެެވެ. އެ މީހުންގެ ޓެސްޓްތަކުގެ ނަތީޖާއެއް އަދި ނުލިބެ އެވެ.