ހޯޑެއްދޫން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގދ. ހޯޑެއްދޫން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


އެ ރަށުގައި އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީޏްގައި ތިބި ހަަތަރު މީހެކެވެ. އެ މީހުންނާ ގުޅުމެއް ނެތް ދެ މީހަކު ފަހުން، ޕޮޒިޓިވްވުމުން މިދިޔަ ހުކުރުދުވަހު ވަނީ އެ ރަށަށް އަރާ ފޭބުން މަނާކޮށްފަ އެވެ. އޭގެފަހުން އެ ރަށުން ސާމްޕަލް ނަގައި ޓެސްޓްކުރިއިރު މި ކޭސްތަކާ ގުޅުން ހުރި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ އެވެ. ކޯޒްވޭއަކުން އެ ރަށަށް ގުޅާލާފައިވާ މަޑަވެއްޔަށް ވެސް ބަލި ފެތުރުން އެކަށީގެންވާތީ އެ ރަށަށް އަރާ ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ހޯޑެއްދޫން އެންމެ ފަހުން ޕޮޒިޓިވްވީ ފަސް އަންހެނުންނާއި ފަސް ފިރިހެނުން ކަމަށެވެ. އޭގެ ތެރޭގައި 60 އަހަރުން މަތީގެ ދެ އަންހެނަކާއި ދެ ފިރިހެނުން ހިމެނެ އެވެ. އަދި 13 އަހަރުގެ އަންހެން ކުއްޖަކާއި ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް މި ބަލި ޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑަށް ޕޮޒިޓިވްވި 10 މީހުންނަކީ ވެސް ގުޅިފައިވާ ކޭސްތަކެއް ކަަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރެއިން އަށް މީހުންނަކީ، މި ބަލި ޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ސެކަންޑަރީ ކޮންޓެކްޓުންނެވެ.

ހޯޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާ 70-80 އަހަރުގެ ފިރިހެނެއްގެ ހާލު ދެރަވުމުން އެ ރަށު ސިއްހީ މަރުކަޒުގައި މިއަދު އެޑްމިޓްކުރި އެވެެ. އޭނާގެ ހާލު ގޯސްވާން ފެށުމުން ކޮވިޑް ފެސިލިޓީއަކަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އެ ރަށުގެ ކޮވިޑް ކަލަސްޓާތައް އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒޓިވްވެފައި ވަނީ 8،741 މީހުންނެވެ. އޭގެ ތެރެއިން 6،157 މީހުން ރަނގަޅުވެފައި ވާ އިރު 29 މީހުން ވަނީ މަރުވެފަ އެވެ.