ވެންޓިލޭޓަރުގެ މައްސަލަ: ތަހުގީގަށް ސުވާލު ކުރަނީ

ކޮވިޑް-19ގެ ފަރުވާ އަށް ތިން ކުންފުންޏަކާ ހަވާލުކޮށްގެން 149 ވެންޓިލޭޓަރު ހޯދުމާ ގުޅޭ އޮޑިޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގަށް ސުވާލު ކުރަން ފަށައިފި އެވެ.


އެނގިފައިވާ ގޮތުގައި، އޭސީސީ އަށް ހާޒިރުކޮށް ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ބަޔާން ވަނީ ނަގައިފަ އެވެ. އެކަމަކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ފައިނޭންޝަލް އެގްޒެކްޓިވް އަހްމަދު އަސްލަމްގެ އިތުރުން ބިޑް ކޮމިޓީގެ ބައެއް މެމްބަރުން އަދި ހާޒިރެއް ނުކުރެ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނާ އެކު ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

އޮޑިޓް ނެރުމާ އެކު ރައީސް އޮފީހުގެ އެންގުމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް ވަނީ ސަސްޕެންޑްކޮށްފަ އެވެ. މިނިސްޓަރު އަމީން މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތީ އަމިއްލަ އަށެވެ.

މިނިސްޓްރީގެ ބިޑް ކޮމިޓީގެ ބޮޑެތި އިހުމާލުތަކެއް ފާހަގަކޮށްފައިވާ އޮޑިޓު ރިޕޯޓުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ގޮތެވެ. އެ ކުންފުންޏަށް ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ބޭންކް ގެރެންޓީއަކާ ނުލައި ދޫކޮށްފަ އެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ 34 މިލިއަން ރުފިޔާ އަށް ޕޯޓަބަލް 10 ވެންޓިލޭޓަރާއި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ.

ކޮވިޑްގެ ފަރުވާ އަށް ކޮންމެހެން ވެސް ވެންޓިލޭޓަރުތަކެއް އަވަހަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ އެވެ. ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ.