ގާޒީ އާދަމްއާ ކޯޓު ހިންގުުން ހަވާލުކުރީ އުސޫލާ އެއްގޮތަށް: ޖޭއެސްސީ

ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދާ ވަގުތީ ގޮތުން ހަވާލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.


ކްރިމިނަލް ކޯޓު ހިިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ އާދަމް މުހައްމަދާ ވަނީ ހަވާލު ކޮށްފަ އެވެ. އޭނާއަށް ވުރެ ތަޖްރިބާ ހުރި ފަނޑިޔާރުން ތިއްބަވަނިކޮށް އޭނާއާ ކޯޓު ހިންގުން ހަވާލުކުރީ ކޯޓުތައް ވަގުތީ ގޮތުން ހިންގުން ހަވާލު ކުރުމާ ބެހޭގޮތުން ޖޭއެސްސީން ކުރިން އެކުލަވާލި އުސޫލާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައިފަ އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ އެ ކޮމިޝަނުން މިދިޔަ އަހަރު ނެރުނު އުސޫލުގެ ދަށުން ވަގުތީ ގޮތުން ކޯޓުތައް ހިންގުން ހަވާލު ކުރުމުގައި ތަޖްރިބާއަށް އިސްކަން ދޭން ޖެހެނީ ދާއިމީ އިސް ފަނޑިޔާރު ޗުއްޓީގައި ނުވަތަ ސަލާމުގައި ނުވަތަ ހައްޖާއި އުމްރާގެ ޗުއްޓީގައި ހުރެއްޖެ ނަމަ ކަމަށެވެ. އަދި އިސް ފަނޑިޔާރު ސަސްޕެންޑް ކުރެވޭ ނުވަތަ އެ މަގާމު ދާއިމީކޮށް ހުސްވާ ހާލަތްތަކުގައި އެ އުސޫލު އިސްތިސްނާވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އިސް ފަނޑިޔާރު މަގާމު ދާއިމީކޮށް ހުސްވާ ހާލަތްތަކުގައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކުރާނީ ޖޭއެސްސީންނެވެ.

އެ ބަޔާނުގައިވަނީ އެކިއެކި ސުލޫކީ މައްސަލަތަކުގައި ފަނޑިޔާރު ކަމުން ވަކިކުރަން ނިންމުމުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅުން އެ ކޮމިޝަނާ މެދު އިތުބާރު ގެއްލުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ.