ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހަތަރު އަހަރު ފަހުން ހުޅުވާލައިފި

ސިއްހީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރަން އައްޔަން ކުރަންޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް މީހަކު އައްޔަން ނުކޮށް، ހަތަރު އަހަރު ފަހުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.


ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސަކީ 2015 ވަނަ އަހަރު އަމަލު ކުރަން ފެށި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ޚިދުމަތުގެ ފެންވަރު ބެލުމަށްޓަކައި އައްޔަން ކުރަންޖެހޭ މަގާމެކެވެ. ހަތަރު އަހަރުވީއިރު ވެސް، އެ ޒިންމާއާ ހަވާލުވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް މީހަކު އައްޔަނެއް ނުކުރެ އެވެ. އެ މައްސަލަ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވެސް ބެލި އެވެ.

ސީއެސްސީން މިއަދު ކުރި އިއުލާނުގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. މަގާމުގެ ޝަރުތަކީ ކޮލިޓީ އެޝުއަރެންސްގެ ދާއިރާ އިން މާސްޓާސް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތުމާ އެކު ހަ އަހަރުގެ ތަޖްރިބާ ހުރުމެވެ.

ޓެކްނިކަލް ޑިރެކްޓާ ޖެނެރަލް ފެންވަރުގެ އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް މަހަކު 24،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް މީހަކު އައްޔަން ނުކުރާ މައްސަލަ މަޖިލީހުން ބަލަން ފެށުމުން ސީއެސްސީން ބުނީ އެ މަގާމަށް މީހަކު އައްޔަން ކުރަން ހެލްތު މިނިސްޓްރީން އެދިފައިނުވާ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދިނީ ކަމަށެވެ.