އެންޑީއެމްއޭގެ އޮޑިޓް: ހަކުރު ކިލޯއެއް ގަތީ ތިން ގުނަ ބޮޑުކޮށް 16ރ. އަށް!

ސަރުކާރުން އަގު ކޮންޓްރޯލްކޮށް، 4.80ރ. އަށް ވިއްކަމުން އަންނަ ހަކުރު ކިލޯއެއް 16ރ. އަށް ގަތުން ފަދަ ޚަރަދުކުރުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އަމަލުކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.


މިދިޔަ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް އެ އޮތޯރިޓީގެ ޚަރަދުތައް އޮޑިޓްކޮށް ނެރެފައިވާ ރިޕޯޓުން ފެންނަ ގޮތުގައި ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބައެއް ތަކެތި ވިއްކާ އަގުގެ ހަތަރު ގުނަ ބޮޑުކޮށް ވެސް ގަނެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ހަކުރާއި ފުށާއި ހަނޑޫ ފަދަ ކާބޯތަކެތީގެ ތެރެއިން ރީޓެއިލްކޮށް ވިއްކޭނެ އެންމެ މަތީ އަގު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފައިވާ ބައެއް ތަކެތި ހިމެނެ އެވެ. ކާޑުގެ ބާވަތްތަކުގެ އިތުރުން ބާޒާރުގައި އާއްމުކޮށް ބައެއް ބާވަތްތައް ވިއްކާ އަގަށް ވުރެން ވެސް އެތައް ޕަސެންޓް ބޮޑުކޮށް ބައެއް ތަކެތި ގަނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ބައެއް މުދާ ވިއްކަން ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާއި ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓުން އެ ތަކެތި ގަތް އަގުތައް ހިމަނައިފަ އެވެ.

މުގު ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 45ރ. އެވެ. އެކަމަކު އެންޑީއެމްއޭ އިން އެއަށް ވުރެ 19ރ. އަގު ބޮޑުކޮށް 64ރ އަށް މުގު ކިލޯއެއް ގަނެފައިވެ އެވެ. ހަނޑޫގެ ކޮންޓްރޯލްގެ އަގަކީ 4.80ރ. ނަމަވެސް 5-8ރ.އާ ދެމެދުގެ އަގުތަކެއްގައި ހަނޑޫ ކިލޯއެއް ގަނެފައިވެ އެވެ.

އަގު ކޮންޓްރޯލްކޮށް 3.80ރ އަށް ވުރެން ބޮޑުކޮށް ނުވިއްކޭނެ ކަމަށް ކަނޑައަޅާފައިވާ ފުށް ކިލޯއެއް 8ރ. އަށް ގަނެފައިވާ ކަން އޮޑިޓް ރިޕޯޓުން އެނގެ އެވެ.

އެންޑީއެމުން ބައެއް ބާވަތްތައް ގަނެފައިވާ އަގު އޮޑިޓު ރިޕޯޓުގައި.

އޮޑިޓް އޮފީހުން ބުނީ ބާޒާރުގައި އާއްމުކޮށް މުދާ ލިބެން ހުންނަ އަގުތަކަށް ވުރެން ވެސް ބޮޑު އަގުގައި ބައެއް ތަކެތި ގަނެފައިވާ ކަމަށެވެ. ވަޅޯ މަސް ކިލޯއެއްގެ އާއްމު އަގަކީ 140ރ. ނަމަވެސް އެންޑީއެމްއޭ އިން ކިލޯއެއް 200ރ. އަށް ގަތެވެ. މީގެ އިތުރުން މަސްދަޅު ކޭހާއި ހިކި މިރުހާއި މިލްކް ޕައުޑާ އާއި ކަނޑުމަހާއި ރިހާކުރާއި އަސޭމިރުހާއި ކޮކާކޯލާ އާއި ފެންޓާ އޮރެންޖާއި ޗިކަން ބޭކަން ފަދަ ތަކެތި ވެސް ވަރަށް ބޮޑު އަގުގައި ގަނެފައިވާ ކަން އޮޑިޓް ރިޕޯޓުގައި އާއްމުކުރި ލިސްޓުން އެނގެ އެވެ.

އެންޑީއެމުން ބައެއް ބާވަތްތައް ގަނެފައިވާ އަގު އޮޑިޓު ރިޕޯޓުގައި.

އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާ އަށް އަނބުރާ ޖަމާކުރުމަށެވެ. އަދި ކޮންޓްރޯލްކޮށްފައިވާ އަގުތަކަށް ވުރެން ބޮޑުކޮށް ވިއްކި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ވެސް އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދީފައިވެ އެވެ.

"ސިންގަލް ސޯސްގެ އުސޫލުން ތަކެތި ހޯދި ނަމަވެސް ތަކެތި ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގާއި ބާޒާރުގައި ތަކެތި ހުރި އަގު އަޅާކިއުމަށް ފަހު އެކަށީގެންވާ އަގެއްގައި މެނުވީ ތަކެތި ނުގަތުމަށް ދަންނަވަމެވެ،" އޮޑިޓުގައިވެ އެވެ.

މީގެ އިތުރުން ވެސް އެންޑީއެމްއޭގެ އޮޑިޓުން ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ކޮށްފަ އެވެ. އޭގެ ތެރޭގައި ގެސްޓު ހައުސްތަކުގައި ތިބި މީހުންގެ މައުލޫމާތު ކަށަވަރު ނުކޮށް ބިލްތަކަށް ފައިސާ ދައްކާފައިވުމާއި ގެސްޓު ހައުސްތަކާ އެކު އެއްބަސްވުން ނަހަދައި ފައިސާ ހޭދަކުރުމާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސްޓޮކް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމާއި އޯޑަރުކުރި ތަކެތި ލިބުނު ކަން ކަށަވަރުނުކޮށް ތަކެތި ލިބުނު ކަމަށް ސިސްޓަމްގައި ރެކޯޑް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.