މަގުމަތި ބަލާލީމަ ބައްޔެއް އުޅޭހެން ހިއެއްނުވޭ: ޑރ. އަފްޒަލް

މާލޭގެ މަގުމަތީގެ ހަރަކާތްތަކަށް ބަލާއިރު ބަލިމަޑުކަމެއް އުޅޭހެން ހީނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


އެ އެޖެންސީން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މަގުމަތިން ފެންނަ މަންޒަރުތަކަށް ބަލާއިރު ބަލިމަޑުކަމެއް ފެތުރިގެން އުޅޭ ތަނެއްހެން ހީނުވާ ކަމަށެވެ. މަގުމަތީގައި އެހާ ވެސް މީހުން ގިނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި އެގޮތަށް ބޭރަށް ދާ ދިއުން މަދުކުރުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

އަޅާ ފިޔަވަޅުތަކުން ކުރާ އަސަރުތައް ބެލުމަށާއި މުޖުތަމައުގެ ތެރެއިން ފެންނަ ކަންކަމާ މެދު ކޮންމެ ދުވަހަކު ވެސް މަޝްވަރާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑެތި އެއްވުންތަކާއި ޕާޓީތައް ބޭއްވުން މަނާކޮށްފައިވާއިރު އެކަމުގައި ފަރުދީ ޒިންމާއެއް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިސާލަކަށް ޕާޓީ ދޭ މީހާ އެ ޕާޓީ ދިން ކަމުގައި ވިއަސް އެއަށް އަންނަ ފަރާތްތައް ވެސް ހަމަ ރުހިގެން އައީމަ ނޫންތޯއޭ ހަގީގަތުގައި ބޮޑު ގެދެރިންނެއް ހިނގާނީ. އެހެންވީމަ ޕާޓީ ދޭ މީހާ އެކަންޏެއް ނޫން ކުށްވެރިވާނީކީ، ޕާޓީއަށް އަންނަ މީހާ ވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ސަބަބުން ބައެއް ފަހަރު ނުރަނގަޅު އަސަރުކުރާ ކަމަށެވެ. އެހެންވެ ވީހާ ވެސް ބޮޑަކަށް ބަލަނީ ކަމުގެ މުހިއްމުކަން ވިސްނައިދީގެން ބަލި ކޮންޓްރޯލް ކުރުމަށް ކަމަށާއި އެކަމަކު ވަކި ހިސާބަކުން އިތުރު ހަރުކަށި ފިޔަވަޅުތަކާ ދިމާލަށް ވެސް ދާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޕާޓީއެއް ބާއްވައިގެން ނުވަތަ ގިނަ ބަޔަކު އެއްވެގެން އުޅޭނަމަ އެކަމުގެ މައުލޫމާތު އެޗްއީއޯސީއަށް އެންގުމަށް އޭނާ އެދިވަޑައިގަތެވެ.

ލޮކްޑައުނަށް ދިން ބޮޑު ލުޔާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު މި ދޭތެރެއިން އިތުރުވި ނަމަވެސް މިހާރު އެ ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ވެސް ވަރަކަށް ދަށްވެފައި ވެ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 99 މީހަކަށް ކޮވިޑް ޖެހިގައި ވެ އެވެ.

އަފްޒަލް ވިދާޅުވީ ދަތުރުތަކާއި ބޭރުގައި ބާއްވާ ހަރަކާތްތަކަށް ދިއުމުގެ ބަދަލުގައި މިއީ ކެތްތެރިކަން އިސްކޮށް ބަލި ކޮންޓްރޯލްކުރުމަށް އެންމެންގެ އެއްބާރުލުން ދޭންވީ ވަގުތެވެ. ކޮވިޑު ފަދަ ބައްޔެއް ކޮންޓްރޯލް ކުރެވޭނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

ރަށުގައި ހޯމް ކަރަންޓީނުގައި ހުންނަ ހުރުމަކީ ވެސް ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެއް ކަމަށް މީހުންގެ ފަރާތުން އަންނަ ކަމަށާއި އިތުރު ދެ ރަށަކުން ވެސް ފުރަބަންދު ރިލީޒްގައި އިތުރު ސާމްޕަލްތަކެއް ޕޮޒިޓިވްކަން އެނގުމުން މިހާރު މިކުރާ ވަރަށް ކަރަންޓީނު ނުކުރާނަމަ ހަލުއިކަމާއެކު ބަލި ފެތުރިގެންދާނެތޯ ހިތަށް އެރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަބަދު ވެސް އިރުޝާދަކީ ތި ބޭފުޅުން ވީހާ ވެސް ބޮޑަކަށް ބޭރުތެރޭގައި އުޅުން މަދުކުރުމާއި އަދި ބޭރުތެރޭގައި އުޅުމުގެ ތެރޭގައި ހަމަ މާސްކް އަޅައިގެން އުޅުން އަދި ގައިދުރުކަން ވީހާ ވެސް ބޮޑަށް ބެހެއްޓުން. ބޭރުގައި އުޅެލާފައި ގެއަށް ވަންނަ ކޮންމެ ފަހަރަކު އެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން. މިސާލަކަށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ އިތުރަށް ރަނގަޅުވާނެ ކަމަށް އުއްމީދުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބޭރަށް ނުކުންނަ މީހުން ގެއަށް ވަނުމަށްފަހު އެފަދަ ކަމެއް ނުފެންނަ ނަމަ، ޓްރެންޑުތަކަށް ބަލައި އިތުރަށް ދަށްވެއޭ ނުވަތަ އިތުރުވެއޭ ބުނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ހުރީކީ މާ އުއްމީދުކުރެވޭ ކަހަލަ ހާލަތެއްގައެއް ނޫން. އަދި އަޅުގަނޑުމެންނަށް ފެންނަ ކޭސްތައް ސިގްނިފިކެންޓް މިންވަރަކަށް މަދުވާތަނެއް އަޅުގަނޑުމެންނަށް ނުފެނޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.