ކްލައިމެޓް އެމްބެސެޑަރުކަމުގެ މަސައްކަތް ނަޝީދު ފައްޓަވައިފި

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން މަސަައްކަތްކުރާ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ ކްލައިމެޓް ވަލްނަރަަބުލް ފޯރަމްގެ "ތީމެޓިކް އެމްްބެސެޑަރު"ގެ މަސައްކަތް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ފައްޓަވައިފި އެވެ.


މަޖިލީހުގެ އިދާރާއިން ރޭ ބުނީ ތީމެޓިކް އެމްބެސެޑަރުކަމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން، ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ރިޔާސަތާއި އެ ފޯރަމްގައި ހިމެނިވަޑައިގަންނަވާ ބަންގްލަދޭޝްގެ އިސް ބޭފުޅުންނާ ނަޝީދު ބައްދަލު ކުރައްވާފައިވާ ކަަމަށެވެ. އެ މަނިކުފާނު ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވިި ބޭފުޅުންގެ ތެރޭގައި، އެ ފޯރަމްގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އަބްދުލް ކަލާމް އާޒާދާއި ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރްމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ކްލައިމެޓް ވަލްނަރަބުލް ފޯރަމް އުފައްދާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ ގައުމުތައް ގުޅިގެން 2009 ގަ އެވެ. އެ ފޯރަމް އުފެއްދުމުގައި ރާއްޖޭގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ބައްދަލުވުމުގައި ޑރ. އަބްދުލް ކަލާމު، ނަޝީދުގެ އެ މަސައްކަތްޕުޅު ފާހަގަކުރެއްވި ކަމަށެވެ.

ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ ޕެރިސް އެގްރިމެންޓުގައި ހިމެނޭ ކަންތައްތައް މި އަހަރު ނިމުމުގެ ކުރިން ތަަންފީޒު ކުރަން ގައުމުތަކަށް ބާރު އެޅުއްވުމަށެވެ. އެ އެގްރިމަންޓުގައި ބައިވެރިވެފައިވާ ގައުމުތަކުން ބޭނުންކުރާ ހަކަތައިގެ 100 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ އަށް ހަދަން މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ބާރު އަޅުއްވާނެ އެވެ.

ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުކަމުގެ މަގާމުގައި ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ އެ މަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަށް ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެ އެވެ.