ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ލަހެއް ނުވެ ނިމޭނެ: އޭސީސީ

ކޮވިޑް-19ގެ ފަރުވާ އަށް ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ވަރަށް އަވަހަށް ނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


މި ތަހުގީގަށް ޖާގަ ދެއްވައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސައްކަތުން އެކަހެރިވެވަޑައިގެން ހުންނަވާތާ ވެސް މިއަދަށް މަހެއް ވެއްޖެ އެވެ.

ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި އާއްމުންގެ ތުހުމަތުތަކެއް އަމާޒުވުމުން މިދިޔަ އެޕްރީލް މަހުން ފެށިގެން އޭސީސީން އައީ އެކަން ބަލަމުންނެވެ. އެ ތަހުގީގު ނިމެން އުޅެނިކޮށް، ފުލުހުންނާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ފެށީ، އޮޑިޓު ރިޕޯޓުގައި ހުރި ތުހުމަތުތައް ބަލަން ރައީސް އޮފީހުން އެންގުމުންނެވެ.

މި ތަހުގީގު ލަސްވާ ސަބަބާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ދެންނެވުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުއައްސަސާތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދައި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. ނިމުމުގެ މަރުހަލާގައި އޮތް ތަހުގީގު ދެން ލަހެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ތަހުގީގަށް، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް މީހުން އޭސީސީއަށް ހާޒިރުކޮށް ސުވާލުކުރި އެވެ. ވެންޓިލޭޓަރު ހޯދުމުގައި، ހެލްތު މިނިސްޓަރު އަމީނާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ އިތުރުން ބިޑްކޮމިޓީގެ މެމްބަރުން އުޅުއްވާފައިވާ އިރު، ތަހުގީގަށް މި ހުރިހާ ބޭފުޅުންނާ ސުވާލުކުރި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

އޮޑިޓް ރިޕޯޓް ނެރުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްދު ކުރައްވާ ކަމަށެވެ. ކޮވިޑު-19ގެ މި ހާލަތުގައި އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އޭސީސީން އަމިއްލަ އަށް އިސްވެ ތަހުގީގު ކުރަން ފެށި މައްސަލައިގައި ބައެއް ކަންކަން ފާހަގަކޮށް، މެއި، 21، 2020 ގައި ޚުލާސާ ރިޕޯޓެއް ނެރުނެވެ. އޭރު ކޮމިޝަނުން ބުނީ ތަހުގީގު އެއްކޮށް ނުނިންމައި، ރިޕޯޓު ނެރުމުގެ މަގްސަދަކީ އެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވެފައި، މައްސަލަ ކުރިއަށް ނުދާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރުމުން މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު އަންގައި ދިނުން ކަމަށެވެ. ވެންޓިލޭޓަރު މައްސަލަ އޭސީސީން ތަހުގީގު ކުރަމުން އަންނަތާ މިހާރު ފަސް މަސް ވެއްޖެ އެވެ.

އެއްބަސްވި މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި ޝަކުވާ ބޮޑުވުމުން، އެކަމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީން ދިނެވެ. އެކަމަކު އޮޑިޓް ރިޕޯޓުން ވަނީ ބޮޑެތި ގޯސްތަކެއް ދައްކައިފަ އެވެ. އެހެން ކުންފުނިތަކަށް ފުރުސަތު ގެއްލޭ ގޮތަށް ވަކި ކުންފުނިތަކެއް ހޮވައި ނާޖާއިޒު ފައިދާއެއްވާ ގޮތަށް ހަވާލުކުރިއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ދުބާއީގެ އެގްޒެކިއުޓާސް އަށް ނާޖާއިޒު ފައިދާ ހޯދައި ދިން މައްސަލަ އެވެ.

އޮޑިޓުގެ ކުރިން ވެސް އެ ކުންފުންޏާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަަމަށެވެ. އެކަމަކު އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި ހޮވުމުގައި ޑަބްލިއުއެޗްއޯގެ އެއްވެސް ދައުރެއް ނެތް ކަން ލިއުމުން ވަނީ އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އެހެންކަމުން އެއީ ޑަބްލިއުއެޗްއޯގެ ނަމުގައި ހިންގި އޮޅުވާލުމެއް ކަަމަށް އޮޑިޓުގައިވެ އެވެ. އެކަމަކު މިނިސްޓަރު އަމީން ވިދާޅުވަނީ ޑަބްލިއުއެޗްއޯއާ އެކު އޭނާ ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާއާ އެކު ހޮވި ކުންފުންޏެއް ކަމަށެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައިވާ މައްސަލައަކީ ޕާފޯމަންސް ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޮޑިޓުގައިވެ އެވެ. ދިވެހި ދެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.