ސިޔާސީ ދާއިރާއަށް ނުކުންނަށް މެދުވެރިވި އެއް ސަބަބަކީ ހުސައިން: ރައީސް

ސިޔާސީ މަސައްކަތްތަކަށް ނިކުމެވަޑައިގަތުމަށް މެެދުވެރިވި އެއް ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


މިމަހުގެ ހަތަރު ވަނަ ދުވަހު އަވަހާރަވި ހުސައިންގެ ހަނދާނުގައި މިރޭ ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ 32 އަހަރު ކުރިން ޓީވީ މޯލްޑިވްސްގައި ހުސައިންގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިިވަޑައިގަތުމަކީ ގައުމުގައި ހުރި ކަންކަމާ މެދު ވިސްނައިވަޑައިގަނެވުނު ސަބަބު ކަމަށެވެ. އޭރު އެ މަނިކުފާނުގެ ވެރިއެއްގެ ގޮތުން ބޮޑެތި އެތައް މަސައްކަތްތަކެއް ހުސައިން ހަވާލު ކުރެއްވީ ވަރަށް ބޮޑަށް އިތުބާރު ކުރެއްވުމަށް ފަހު ކަމަށާއި އެއީ އެ މަނިކުފާނު ސިޔާސީ ދާއިރާއަށް ވަޑައިގަތުމުގެ އެއް ސަބަބު ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާސީ މައިދާނަށް ނިކުންނަން ދިމާވި އެއް ސަބަބު ކަމުގައި އެކަން ވެގެންދާނެ. އަޅުގަނޑުގެ ސިކުނޑި ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ހުޅުވިގެން ދިޔަ އެއް ފުރުސަތު އެއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން ފުރަތަމަ ދެ ބޭފުޅުން މަސައްކަަތް ކުރެއްވީ ފިކުރު ތަފާތު ދެ ޕާޓީއެއްގައި ކަމަށް ވިޔަސް، ހުސައިންގެ އިރުޝާދު އަބަދުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ފަހުން އިސްލާހީ ހަރަކާތްތަކުގަަ އާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ހުސައިންގެ އެހީތެރިކަން ލިބިވަޑައިގަތް ކަމަށާއި އެ ޚިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަން ދިމާކުރި ގޮތުން އެއް މުޒާހަރާގައި އަޅުގަނޑު ވެސް ޖަލަށް ދާން ޖެހުނު. އެރޭ އަޅުގަނޑާ އެކީގައި ހުސައިން ވެސް ޖަލަށް ވަޑައިގަތް. އެއް ރޭ ދޫނިދޫގައި އަޅުގަނޑުމެން ހޭދަކުރަން ޖެހުނު،" އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ކުރީގެ މެމްބަރު ހުސެއިން -- ފޮޓޯ/މިހާރު

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެންމެ އުނދަގޫ ދުވަސްތަކުގައި ހުސައިންގެ އެހީތެރިިކަމާއި އެއްބާރުލުން ލިބިވަޑައިގަތް ކަމަށާއި އެއްވެސް މީހަކާ ދޭތެރޭގައި ހިތް ބުރަކަމެއް ނުބޭއްވުމަކީ ހުސައިން އެންމެ ޚާއްސަ ސިފަ ކަމަށެވެ. އަދި ދަތި އުނދަގޫ ވަގުތުތަކުގައި ހިކުމަތްތެރިކަމާ އެކު ހުސައިން މަސައްކަތް ކުރެއްވި ކަމަށާއި ހުސައިންއަކީ ބައްޕައެއް ފަދަ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

"ފަހަކަށް އައިސް ވަރަށް ގިނައިން ގުޅުއްވައި، ވަރަށް ހެޔޮ ނަސޭހަތް ދެއްވައި އަދި ކަންތައްތަކަށް ހިތްވަރު ދެއްވައި، އަޅުގަނޑުމެންނަށް ބައްޕައެއް ފަދަ ގޮތަކަށް ހުސައިން މުހައްމަދާ ދޭތެރޭގައި ދެކެވޭހާ ވެސް ގާތްކޮށް މަސައްކަތް ކުރެއްވީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ 2004 ވަނަ އަހަރު ޚާއްސަ މަޖިލީހުގެ ދުވަސްވަރުން ފެށިގެން ހުސައިންއާ އެކު މަސައްކަތް ކުރެއްވިއިރު އަބަދުވެސް ހެޔޮ އިރުޝާދާއި ލަފާ ލިބިވަޑައިގަތް ކަމަށެވެ. އަދި މީޑިއާ އާއި ތައުލީމީ ދާއިރާގައި ހުސައިން ކުރެއްވީ އަގު ނުކުރެއްވޭނެ ޚިދުމަތްތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ހުސައިންއަކީ ގިނަ ދާއިރާތަކަކުން ރައްޔިތުންނަށާއި ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި ގެއްލިގެން ދިޔައީ އަގުހުރި ބޭފުޅެއް ކަމަށެވެ.

މީޑިއާ އާއި ތައުލީމީ ދާއިރާގެ މަސައްކަތް ކުރެއްވުމަށް ފަހު 2005 ވަނަ އަހަރުން ފެށިގެެން 2009 ވަނަ އަހަރާ ހަމައަށް އަރިއަތޮޅު އުތުރުބުރީ މެމްބަރުކަން އަދި 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް މަތިވެރި ދާއިރާގެ މެމްބަރު ކަން ކުރެއްވި އެވެ.