އަލީ ވަހީދުގެ މައްސަލަ މަޝްވަރާ އަށް ޕީޖީ އަށް ފޮނުވައިފިން: ޕޮލިސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ ކުރިން ޕްރޮސިކިއުޓަ ޖެނެރަލްގެ މަޝްވަރާއަކަށް އެދި ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ތަހުގީގުކުރާ މައްސަލަތައް ޕީޖީގެ މަޝްވަރާއަށް ފޮނުވަނީ، ތަހުގީގު ފުރިހަމަކޮށް ދައުވާ އުފުލުމުގެ ކުރިން، އިތުރު ކަމެއް ފުރިހަމަކުރަން އޮތްތޯ ބެލުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް އަލީ ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި، ދައުވާ އުފުލަން ފޮނުވާނީ އެ މަޝްވަރާ އަށް ފަހުގަ އެވެ.

ތަހުގީގު އަދި ފުރިހަމަ ނުވާ އެ މައްސަލައިގައި ފުލުހުން ބޭނުންވާ މަޝްވަރާ ދެމުން އަންނަ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އެ މައްސަލައިގައި ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ. ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް އަލީ ވަހީދަށްކޮށް ފުރަތަމަ ޝަކުވާ ހުށަހެޅީ ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީ އަށެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅިއިރު، އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވީ އެވެ. މަގާމުން ވަކިކުރެއްވީ އެ އެންގެވުމަށް އިޖާބަ ނުދެއްވުމުންނެވެ.

އަލީ ވަހީދާ ދެކޮޅަށް، މައްސަލަ ހުށަހެޅި މުވައްޒަފުން ވަނީ އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށާއި އޭނާގެ އުނދަގޫ ބޮޑުވެގެން މިނިސްޓްރީގެ ވަޒީފާ ބައެއް މީހުން ދޫކޮށްލަން ޖެހުނު ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ފުރައްސާރައިގެ ތުހުމަތަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅޭ ތަފުސީލެއް ނުދެ އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަލީ ވަހީދު ދޮގުކުރައްވަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުރަތަމަ ފަހަރަށް ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، އަލީ ވަހީދު ޖުލައި، 19 ގައި ވިދާޅުވީ އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. އިންސާފުވެރި ތަހުގީގަކުން ކުށެއް ނުކުރާކަން ސާފުވާނެ ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އަލީ ވަހީދު ވަނީ އިންކާރު ކުރައްވައިފަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވެ އަޅުގަނޑު [ފުލުސް އޮފީހުގައި] ދަންނަވާފައި އޮންނާނެ ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،" އޭނާ ވިދާޅުވެފައިވެ އެވެ.