ރާއްޖެ އަށް އެމެރިކާ އިން 60 ވެންޓިލޭޓަރު ހަދިޔާކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖުކުރަން ރާއްޖެ އިން ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އެމެރިކާ އިން ރާއްްޖެ އަށް 60 ވެންޓިލޭޓަރު މިއަދު ހަދިޔާކޮށްފި އެވެ.


ފޮރިން މިނިސްޓްރީގައި ބޭއްވި ވާޗުއަލްް ރަސްމިއްޔާތެއްގައި އެ ވެންޓިލޭޓަރުތައް ރާއްޖެއާ ހަވާލު ކޮށްދެެއްވީ އެމެރިކާ އިން ރާއްޖެ އަށާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒް އެވެ. ރާއްޖޭގެ ފަރާތުން އެ ސާމާނާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެމެރިކާ އިން ރާއްޖެ އަށް ހަދިޔާކުރީ ކްރިޓިކަލް ކެއާ ވެންޓިލޭޓަރެވެ.

އެމެރިކާގެ ސަފީރު އެލައިނާ ޓިޕްލީޒް، މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މުޅި ދުނިޔެ އިން ކުރާ މަސައްކަތަށް އެހީތެރިވާން އެ ގައުމުން 20 ބިލިއަން ޑޮލަރު ހާއްސަ ކޮށްފައިވާ ކަމަށެވެ. ރާއްޖެ އަށް ހަދިޔާކުރި ވެންޓިލޭޓަރުތައް ވެސް ހިމެނެނީ އޭގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ވެންޓިލޭޓަރުތަކަކީ މުޅިން އާ އަދި ފެންވަރު ރަނގަޅު އެއްޗިއްސަށް ކަމަށް ވުމުން، ހާލު ބޮޑު ބަލިމީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާ ދިނުމަށް މަގުފަހިވާނެ އެވެ. ވެންޓިލޭޓަރުތައް ބޭނުންކުރުމަށް ބޭނުންވާ ފަންނީ އެހީ ވެސް އެމެރިކާ އިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑް-19 މެނޭޖު ކުރަން އެމެރިކާ އިން ދިވެހިރާއްޖެ އަށް ވެ ދިން އެހީތެރިކަމުގެ އަގު، މިއަދު މިދިން އެހީއާ އެކު ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރަށް އަރާނެ،" ސަފީރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއޭއައިޑީ) މެދުވެރިކޮށް، އެމެރިކާ އިން ހަދިޔާކުރި ވެންޓިލޭޓަރުތައް ލިބުމުން ރާއްޖޭގެ އައިސީޔޫ ކެޕޭސިޓީ އިތުުރުވާނެ ކަމަށާއި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު އޭގެ ސަބަބުން އިތުރުވާނެ ކަމަށެވެ. އެއީ ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ބަދަހި ގުޅުން ދައްކައިދޭ އެހީއެއް ކަމަށް ވިދާޅުވެ އޭނާ އެމެރިކާ އަށް ޝުކުރު އަދާކުރެއްވި އެވެ.