ކޮރަޕްޝަން ނުހުއްޓުވާކަމަށް ތުހުމަތުކޮށް ޕީސީބީގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މަސަައްކަތް ނުކުރާކަމަށް ތުހުމަތުކޮށް އެ ބޯޑްގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.


ރައްޔިތުުންގެ މަޖިލީހުގެ މެދުދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިރޭ "މިހާރު" އަށް ވިދާޅުވީ ޕީސީބީގެ ބޯޑުން މަސައްކަތް ކުރާ ގޮތް ބަލަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްްއޯއީ ކޮމިޓީ)އަށް އޭނާ ހުށަހެޅުއްވީ އެބޯޑް އުފެއްދި ގާނޫނުގައި ބުނާ ގަވައިދުތައް އަދިވެސް ނުހަދާ ހުރުމުންނެވެ. އޭނާ ވިދާޅުވިގޮތުގައި އެ ގަވައިދުތައް ނުހަދައި ހުރުމަކީ ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގަން ހުޅުވާލާފައިވާ ދޮރެކެވެ.

"ދެހާސް ތޭރަ ވަނަ އަހަރު އެކުލަވައިލި ގާނޫނުގައި ކަންކަން ނުކޮށްގެން 19 ވަނަ މަޖިލީހުން ޕީސީބީގައި ތިބި ފަރާތްތައް ވަކިކޮށް އަލުން ބޯޑު އެކުލަވައިލީމާ އެ ބޯޑު ވެސްް މިވަނީ އިހުމާލުވެ، ގާނޫނުގައި ބުނާ ގަވައިދުތައް ހެދުމަށް ފަސްޖެހި، ސަަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްްޝަނަށް ދޮރު ހުޅުވާލައިފައި،" ބޮންޑޭ ވިދާޅުވި އެވެ.

ޕީސީގެ ޒިންމާ އަދާކުރާ ވަރު ބަލަން އޭނާ ހުށަހެޅުއްވި މައްސަލައިގައި ގިނަ ކަންތައްތަކެއް މަޖިލީހުން ބަލަން އެދިވަޑައިގެންނެެވި އެވެ. އެގޮތުން އެބޯޑުން މިހައިތަނަށް ހަދާފައިވާ ގަވައިދުތައް ހަދާފައި ވަނީ ބައިނަލްއަގުވާމީ ބެސްޓްޕްރެޖްޓިސްއާ އެއްގޮތަށްތޯ ބެލުމާއި ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ނުހަދާ ހުރީ ކޮންކޮން ގަވައިދުތަކެއްތޯ ބެލުން ހިމެނެ އެވެ. ޕީސީބީ އުފެއްދި ގާނޫނުގައިވާ ގޮތަށް އެބޯޑުން ސަރުކާރުގެ ކުންފުނިތައް މޮނިޓާ ކުރަމުންދޭ ތޯ ނުވަތަ ނޫންތޯ ބަލަން ވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވި އެވެ.

ޕީސީބީއަށް އާ މެމްބަރުން އައްޔަންކުރީ މި އަހަރު ކުރީކޮޅު އެވެ. އޭގެ ކުރިން ތިއްބެވި މެމްބަރުން ވަކިކުރީ އެބޭފުޅުންނަށް ރުހުން ހޯދަން ކުރީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާތީއާއި ބޯޑުގެ ޒިންމާ އަދާ ނުކުރާ ކަމަށް މަޖިލީހަށް ގަބޫލުކުރެވިގެން، އެކަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅުމުންނެވެ.

ޕީސީބީއަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސެވެ. އެކަމަކު ރައީސް އައްޔަންކުރައްވާ މެމްބަރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.