ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ހާއްސަކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
28 ސެޕްޓެމްބަރ 2020 - 23:37
ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭ އިން މިންގަނޑެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ދަށްވެފައިވާ ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ. މި ސްކޯ އަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ބެހޭ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިދާނެކަން އަންގައިދޭ މިންވަރެވެ.
މިދިޔަ މަހު 12-18 އާ ދެމެދު މި ސްކޯ 9 އަށް އެރި އެވެ. އެއަށް ވުރެ އެންމެ ނަންބަރެއް މައްޗަށް ޖެހުނަސް، އެއީ ބަލި ކޮންޓްރޯލްކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ހިސާބު ކަމަށް އެޗްޕީއޭ އިން އޮންނަނީ ކަނޑައަޅައިފަ އެވެ. ލުއިތަކާ އެކު ކުރިއަށްދެވޭ ހިސާބަށް ނުވަތަ ”މޫވް އޭޒް އިން އީޒް ޕްލޭން“ މިންގަނޑަށް އިންޑިކޭޓާ ސްކޯ ދަށްވެފައި މި ވަނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 15 ވަނަ ހަފުތާ އިން ފެށިގެން (ޖުލައި 22 އިން ފެށިގެން) "ރެސްޓްރިކްޓިވް މެޝާސް" ގެ މިންގަނޑުގެ ތެރޭގައި ހުރުމަށް ފަހުގަ އެވެ.
އިންޑިކޭޓާ ސްކޯ 4 އަށް ދަށަށް މި ދިޔައީ 23 ވަނަ ހަފުތާގެ ތެރޭގަ އެވެ. އެއީ މި މަހުގެ 16-22 އާ ދެމެދުގަ އެވެ.
އެންމެ ފަހުން އެޗްޕީއޭ އިން އަޕްޑޭޓްކުރި މައުލޫމާތަށް ބަލާއިރު 23 ވަނަ ހަފުތާގައިވަނީ އަންލިކްޑް ކޭސް ނުވަތަ ބަލި ޖެހުނީ ކާކުގެ ފަރާތުންކަން ނޭނގޭ މީހުންގެ އަދަދު ހުންނަ ވަރު ވެސް އެންމެ ދަށް ލެވަލް ނުވަތަ އެލާޓް ލެވަލް 1 އަށް ދަށްވެފަ އެވެ. އެއީ 29 ކޭސްއާ އެކުގަ އެވެ. މިއީ ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރު ވެސް އެންމެ ރަނގަޅަށް އަންގައިދޭ ނަންބަރެވެ.
ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ
ޑަބްލިން ރޭޓް ނުވަތަ ބަލި ޖެހޭ މީހުންގެ އަދަދު ދެ ގުނަ އަށް އިތުރުވާން ހޭދަވާ މުއްދަތު ވެސް 22 ވަނަ ހަފުތާގައި 76 ގައި ހުރުމަށް ފަހު 23 ވަނަ ހަފުތާގައިވަނީ 102 އަށް އަރައިފަ އެވެ. މާނަ އަކީ ބަލި ފެތުރުން ލަސްވެފައި ވުމެވެ.
ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް ވެސް 12.61 ޕަސެންޓުގައި ހުރުމަށް ފަހު 23 ވަނަ ހަފުތާގައި ވަނީ 10 ޕަސެންޓަށް ދަށްވެފަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކުރި އަދަދު ވެސް 52 އިން 45 އަށް ވަނީ ދަށްވެފަ އެވެ.
ނަންބަރުތައް ދަށްވަމުން އައި ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ މެދު ފަރުވާ ކުޑަކޮށްލައިފި ނަމަ އަނެއްކާވެސް ހާލަތު ގޯސްވެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ހިސާބަށް ހިނގައިދާނެ ކަމަށް އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކުޑަކޮށް ދަށްވުމާ އެކު، ފަރުވާ ކުޑަކުރާކަން ފާހަގަވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މިއަދަކީ ރާއްޖޭން ކޮވިޑް-19 ފެނުނުތާ 205 ވަނަ ދުވަހެވެ. މިއަދުގެ އިރުއޮއްސި 6:00 އާ ހަމަ އަށް ޕޮޒިޓިވް އާ 59 ކޭހާ އެކު 10،157 މީހަކަށް ބަލި ޖެހިފައި ވާއިރު 8،950 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބަލީގައި މިހާތަނަށް މަރުވީ 34 މީހުންނެވެ. އެހެންވެ ބަލި ޖެހިފައި މިހާރު ތިބި މީހުންގެ އަދަދަކީ 1،166 އެވެ. އެހެންވެ މިހާރު ވަނީ ބަލި ޖެހުނު މީހުންގެ ތެރެއިން 88.12 ޕަސެންޓް މީހުން ރަނގަޅުވެފަ އެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 6،415 މީހުންނަކީ ދިވެހިންނެވެ. ދެން އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އެއީ 2،814 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝާން
30 September 2020
ކަލޭ މެން ދައްކާވާހައެއް ގަބޫލެއް ނުކުރަން
ސަމަރުބުލޫ
29 September 2020
މިހެން ހަފްތާއެއް ވިޔަސް ދޫދޭ އިރަށް އަނެއްކާ ދާނީ ކޮންޓްރޯލުން ނެއްޓިގެން. ކުޑަ ދުވަސް ކޮޅެއް ވަންދެން ހިފަހައްޓާލަން ވީނުން. ކޮބާތަ ކޮވިޑު ހުއްޓުވަން ނުކުތް މީޑިއާ؟ ބަލިފަތުރަން އުޅޭހެން ހީވަނީ.
އަންދަލސް
29 September 2020
ރައްޔިތުން ކޮންޓްރޯލްކޮށްގެން. ރައްޔިތުންގެ ފައިސާ ކައިނަގާ ދެން
ބޯވަ
29 September 2020
މިހާރު އަޅާފައިވަނީ ހަގީގަތުގައި މާ ބޮޑު ފިޔަވަޅު ތަކެއް ނޫނެވެ. މި ފިޔަވަޅުތައް މި ގޮތުގައި އެންމެ މަދުވެގެންވެސް އޮކްޓޫބަރު ނިޔަލަށް ހިފަހައްޓާލަންޖެހެއެވެ. އެއަށްފަހު ނޫނީ ދުލެއް ދިނުން ބުއްދިވެރިއެއް ނޫނެވެ. އެހިސާބަށް ދާއިރު އިރާދަކުރެއްވިއްޔާ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެއެވެ.ލުއިދިނުމުން ބަލިއަނެއްކާވެސް އިތުރުވާނެއެވެ. ނަމަވެސް ކަންބޮޑުވާ މިންވަރަށް އެހާ އަވަހަކަށް ނުދާނެއެވެ. ވިސްނުންތެރިކަމާއެކު ކުރިޔަށް ދިޔުން ރަގަޅެވެ.
އާދަމް ޝަރީފް
29 September 2020
މައްސަލައަކީ 14 ދުވަހު ކަރަންޓީންގަ ހުރެފަ ޓެސްޓްހަދާއިރުވެސް ޕޮސިޓިވް ކަމަށްދައްކާތީ. 10 ދުވަސްވުމުން އެހެންމީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ނެތްނަމަ ކަރަންޓިނަށް ލުޔެއް ދެވޭނެގޮތެއް އޮތްތޯ ބެލުން ރަގަޅު. މާސްކް އެޅުން ދޫކޮށްލުން ރަގަޅެއްނޫން. ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުން ބާއްވާއިރު ގައިދުރުކަން ޔަގީންކުރުން މުހިއްމު. މިސްކިތްތަކުގައިވެސް ގައިދުރުކޮށް ޖަމާއަތް ހެދޭނެގޮތެއް އޮތްތޯ ބެލުން ރަގަޅު.
ހޭހަން
29 September 2020
ދަރުބާރުގޭގާ އެޗްޕީއޭ ގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ފައިސާ ލިބިފަ އަނެއްބައި މީހުނަށް ފައިސާ ނުލުިބެނީ ކީތްވެ؟ އެހެން އޮފީހެއްގެމީހަކު އައިސް ދަރުބާރުގޭގާ ތިޔަ މަސައްކަތުގާ އުޅެންޏާ އެމުވައްޒަފުންނަށްވެސް ލިބެންވާ އެއްޗެއް ލިބެންވާނެ. އެކިގައުމުތަކުން ރާއްޖެއަށް ހަދިޔާކޮށްފާވާ ފައިސާތަކަށް އަޑީގާތިބެ ބަޔަކު އެދަނީ ހަދާނެއެއްޗެއް ހަދަމުން.
އަދުރޭ
29 September 2020
ލުއި ދޭންވީ. އެއްބަޔަކު ބަންދުވެފަ ތިބެން މިޖެހެނީ. އަނެއްބަޔަކު ހެޔޮ ކޮންމެތާކަށް ފުރައިގެން ދިޔަސް. ތިކަންވެސް އެއްގޮތަކައް ނުބޭއްވެންޏާ ދެރަކަމެއް.މިގައުމުގަ ދެރަމީހުން މިޖެހެނީ ހާލުގަ އުޅެން. މީ ދެރަކަމެއް. ލުއި ދޭންވީ.ހުރިހާ ކަމެއް ހުޅުވާލަންވީ. ކީއްކުރަންތަ ބަންދުކޮއްފަ މިބާއްވަނީ.ވަކި ބަޔަކު ފައިދާ ނަގަނީ އެކަމުންވެސް.ޒީރޯ ޓޮލަރެންސް. ފައިބާ ގެއައްދޭ.ހިންގަން އެގޭ ހަމަ އެކަކު ނެތޭ.
ޕީއެސްއެމްގެ ސިޔާސީ ރައިވަރު
29 September 2020
ލުއިދެވޭކަށްނެތް، ފުރޮންޓުލައިން އެލަވަންސް ގެއްލިދާނެ!
ޢައިޝާ
29 September 2020
ޅުއި ދިނީމަނު ބަލި ކޮންޓްރޯލްނުވެ ގިނަދުވަސްވެ ބަލި ދެމިގެންދާނީ ނޫންތަ؟
އަޝްރަފް
29 September 2020
އަދި ލުއިދޭން ގާތްނުވޭ އެކަމަކު ރޭގަނޑު 9 އިން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރަންވީ އެހެން ލުއިތައް ހުރި ގޮތައް ބަހައްޓަންވީ ރެސްޓޯރަންޓް ތަކުގެ ވެރިންވެސް ވިސްނަންވީ މިއީ އެއްމެނަށްވެސް ދަތި ދުވަސްވަރއްކަން އެހެންވީމަ ކެތްތިރިކަމާއި އެކު ކުޑަ ހިތްވަރެއް ލައިގެން ތިއްބަވާ
ރަބަރު
29 September 2020
ކިތަންމެ ދަށަށް ދިޔައަސް ބަލައިގެން އުޅެންޖެހޭ. މާލެ އަށް މިބަލި ފެތުރުނުއިރު ކިތައްމީހުން ޕޮޒިޓިވްވީ؟ ދެތިން މީހަކު. ދުވަސްކޮޅަކުން މުޅި މާލެއަށް ނުރައްކާވި. އަދި އެހެން ރަށްތަކަށްވެސް ފެތުރުނު. އެހެންކަމުން އެންމެ މީހަކު ހުރުންވެސް ނުރައްކާ.
ޓޯކީ
29 September 2020
ރަބަރު ދަންނަ އެއްޗެއްތަ. އިމިއުނިޓީ އާއި ކުރޮސް އިމިއުނިޓީ އާއި ޓީސެެލް އިމިއުނިޓީ އާ ބަލި އޭގެ ޒާތުގައި ދުވަސްތައްވީމާ އޭގެ ޕެތޯޖެނިސިޓީ އާއި ވިލެރަންސް ދަށްވާކަމާ މިއުޓޭޓްވާކަން. މިކަންކަން އެނގޭނަމަ ބަލި ފުރަތަ ދުނިޔެއިން ފެނުނު އިރާއި އަދި ރާއްޖެ އިން ފެނުނު އިރާ އޭގެ އެތަށް މަހެއް ފަހުން ހާލަތު ބަދަލުވެފައ އޮންނާނެ މިންވަރު އަންދާ ކުރެވޭނެ. ހާލަތު ބަދަލުވާއިރު ހާލަތާ ނުގުޅޭ ފިޔަވަޅުތައް އަޅައިގެން ރަގަޅު ނަތީޖާ އެއް ނުނުކުންނާނެ.
ލައިޓް
29 September 2020
ޕީ.އީ.ޕީ އައި އާ އެއްގޮތަށް އަމަލު ކުރެވޭނީ ޕްލޭނެއް އޮވެގެން. އިކޮނޮމީ ވެންޓިލޭޓަރުގައި. ގެސްޓްހައުސް ހުންނަ ރަށަކުމް މާލެ އަޔަސް މިޖެހެނީ ކަރަންޓީނުވާން. އެޗް. ޕީ. އޭ އެބަޖެހޭ ބޮޑުމަންޒަރު ބަލަން. ނަންބަރު އައިނެއްއަޅާބަލަ.