މިނިސްޓަރު ނަހުލާއާ ދެކޮޅަށް ވިޔަފާރިވެރިންތަކެއް އޭސީސީއަށް މައްސަލައެއް

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި، ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އުވާލެއްވީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.


މި މައްސަލަ ހުށަހަޅާފައިވާ ކަން އޭސީސީގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ.

ގިނަ ބަޔަކު ސޮއިކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ގަވާއިދު މިނިސްޓަރު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ޚިލާފަށް ކަމަށެވެ. މިއީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދަން ކުރެއްވި ކަމެއްގެ ތުހުމަތާ އެކު އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން އެދިފައިވެ އެވެ.

އޭސީސީއަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެކި ވިޔަފާރިތަކުގައި އެންމެ އިސްކޮށް ހަރާކާތްތެރިވާ ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތައް ހިމެނެ އެވެ. ގާތްގަނޑަކަށް 64 ވިޔަފާރިއަކުން ނަހުލާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފައިވެ އެވެ.

މި ގަވާއިދު މިނިސްޓަރު އުވާލެއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ލިއުންތަކުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ 16 ގައި ގެޒެޓްކުރި ގަވާއިދު، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލެއްވީ ގާނޫނު ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރައްވަ އެވެ. އެ ގަވާއިދު ތަންފީޒުނުކުރާތީ އެ ޝަކުވާ ވެސް ޝިޕިން އެޖެންސީތަކުން ތަކުރާރުކޮށް ހުށަހަޅަމުންދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކަންބޮޑުވުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ވެސް މިނިސްޓަރަށް ތަކުރާރުކޮށް އެންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"މަތީގައި ބަޔާންކޮށްފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމާއި އެއީ އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫނެވެ،" މައްސަލައިގެ ލިއުންތަކުގައިވެ އެވެ.

އެކަން ތަފްސީލްކޮށްދޭން ހަވާލާދީފައި ވަނީ ކޮރަޕްޝަންގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އެވެ. އޭގައި ބުނެފައި ވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އޭނާގެ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަކީ ކުށެއް ކަމަށެވެ.