ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނިންމަވައިފި އެވެ.


ޅ. އަތޮޅުން ހިމާޔާތްކުރާނީ އެ އަތޮޅު ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި މާކޯ، ވައްވަރު އަދި ދަނޑިފަޅުގެ ކަނޑު އޮޅީގެ އިތުރުން ދަނޑުފަޅި އަދި ދަށުގިރީގެ ފިނޮޅު ސަރަހައްދު ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ސަރަހައްދުތައް ހިމާޔަތްކުރަން ނިންމީ އޮންލައިންކޮށް އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އެންވަޔަރަމެންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށް ފަހު އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ރައީސް އޮފީހުން ބުނީ އެ ސަރަހައްދުތައް ކަނޑައެޅުމުގައި ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރަތުވަމުން އައިސްފައިވާ މައުލޫމާތާއި އެ ސަރަހައްދުތަކާ ގުޅޭ ގޮތުން ލިބެން ހުރި ދިރާސާ ރިޕޯޓުތަކަށާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާއާ ގުޅޭ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތަށް ރިއާޔަތްކުރި ކަމަށެވެ.

ޅ. އަތޮޅުގެ ދެ ސަރަހައްދެއް މީގެ ކުރިން ވެސް ވަނީ ހިމާޔަތްކޮށްފަ އެވެ. އެ އަތޮޅު ފުށިފަރުގެ ތިލަ ސަރަހައްދު 1995 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ އިރު ކުރެއްދޫ ކަނޑުއޮޅި ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ 1999 ގަ އެވެ.

އެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާ އިރު އުމްރާނީ ތަރައްގީއަށް ހުރަސްނޭޅޭނެ ގޮތަކަށް ކަންކަން ހަމަޖައްސަވާނެ ކަމަށް ކެބިނެޓުގެ ބައްދަލުވުމުގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި ފަރާއި ކަނޑޫފާ ރައްކާތެރިކުރަން މި ސަރުކާރުން ވަނީ ވައުދު ވެފަ އެވެ. މި ސިޔާސަތު ދަމަހައްޓަން 2018 އިން ފެށިގެން މިހާތަނަށް 11 ފަރު ނުވަތަ ފަޅާއި ހަތް ރަށަކާއި ހަތް ކުޅި އާއި ފާ ބިން ހިމާޔަތްކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. އެންމެ ފަހުން ހިމާޔަތްކޮށްފައި ވަނީ އައްޑޫގެ ކުޑަ ކަނޑު ސަރަހައްދާއި މާކިޅި އާއި ފެހެލެ ކިޅި ސަރަހައްދާއި މާފިށި ކިޅި ސަރަަހައްދާއި މަތިކިޅި ސަރަހައްދެވެ.