އަސްކަރީ އެކި ދާއިރާތަކުން އެމެރިކާގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ސަރުކާރުން ހުޅުވާލައިފި އެވެ.
ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ބަންދުވާ އެ ސްކޮލާޝިޕްތަކުގައި އަސްކަރީ އެކި ދާއިރާތަކުން އެމެރިކާގެ އަސްކަރީ ތިން ކޮލެޖެއްގައި ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު 18 ފަރާތަކަށް ލިބޭނެ އެވެ. އެ ކޯސްތަކުގެ ޚަރަދުތައް ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުން ހަމަޖައްސާއިރު ކިޔަވާ ނިމުމުން ވަޒީފާ އަދާކުރަން ޖެހޭނީ އެމްއެންޑީއެފްގަ އެވެ.
ކިޔެވުމުގެ ފުރުސަތު ލިބެނީ ކަނޑައަޅާފައިވާ 37 ދާއިރާއެއްގެ ތެރެއިން އެ މީހަކު ބޭނުންވާ ދާއިރާއަކުން ޑިގްރީ ފެންވަރަށެވެ. އެ ސްކޮލާޝިޕްތަކުގައި ކިޔަވައިދޭނީ އެމެރިކާގެ މިލިޓަރީ އެކަޑަމީ އާއި އެމެރިކާގެ ނޭވަލް އެކަޑަމީ އަދި އެމެރިކާގެ ކޯސްޓް ގާޑް އެކަޑަމީގަ އެވެ.
ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތަކީ އުމުރުން 17 އަހަރު ފުރި އަދި އަންނަ އަހަރުގެ ޖޫން 26 އަށް 23 އަހަރު ނުފުރޭ މީހަކަށް ވުމާއި ކައިވެންޏެއް ކޮށްފައި ނެތުމެވެ. އޭގެ އިތުރުން އޭލެވެލް ނުވަތަ އެ ފެންވަރުގެ ސެޓްފިކެޓެއް އޮތުމަކީ ވެސް ޝަރުތެކެވެ.