މަޖިލީހުގެ ރައީސް މަސީހު (ކ) އަދި ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ (ވ). ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވަނީ ތައްޔާރުވެފައި. - ފޮޓޯ: މަޖިލިސް
30 އޮކްޓޯބަރ 2016 - 14:31
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައެޅުއްވި ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހޯދައިފި އެވެ.
މަސީހުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ މެމްބަރަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީ އެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތު މަޖިލީހުގައި ނުދެއްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގައި ވަޒީރުންނާ ކުރަން ޖެހޭ އެތައް ސުވާލެއް އެބަހުރި، އެއްވެސް މައްސަލައެއް އެޖެންޑާނުކޮށް މިދިޔަ ދައުރު ވެސް ނިންމާލީ،" މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވި ގޮތުގައި ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަނީ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މަގާމެއްގައި ރިޒާ ހުންނަވައި، އެކިއެކި މައްސަލަތަކުގައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވަމުން ގެންދަވާތީ އެވެ.
އެނގިފައިވާ ގޮތުގައި މަސީހާ އާއި ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އަދި އެ ދެ މައްސަލަ ވެއްދުމަށް އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ލިބެ އެވެ.
ނަމަވެސް ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އަދި ހުށަހަޅާފައެއް ނުވެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންނަމަ، ސަބަބު ބަޔާންކޮށް 15 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.
އެކަމަކު ޖޭއެސްސީއަށް ކަނޑައެޅުއްވި މެމްބަރު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ވަކި އަދަދެއްގެ ސޮއި ބޭނުމެއް ނުވެ އެވެ. ނަމަވެސް ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ބައެއް މެމްބަރުން ސޮއި ކުރައްވަމުން ގެންދަވާކަން އެނގިފައިވެ އެވެ.
މަސީހު އާއި ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހާއި ރިޒާގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ، އެމަގާމުން އެމީހަކު އިސްތިއުފާ ދިނުމަށް މަޖުބޫރުވާނެއެވެ.
ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލިހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން އުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް އަަބްދުﷲ ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލިހުގެ ސާފު އަގުލަބިއްޔަތަށް ބުރޫ އެރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
މައުމޫނާ ގުޅިވަޑައިގެންނެވި މެމްބަރުންގެ އިތުރުން ޖޭޕީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއި މިހާރު ޖަލަށް ލާފައިވާ އަހުމަދު މަހުލޫފް އާއި އެމްޑީއޭގެ މެމްބަރު ހުސެން އަރީފް އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ހިމެނުމުން މަޖިލީހުގެ ދެބައި ކުޅައެއްހާ ވޯޓު ސަރުކާރާ ދެކޮޅަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެއްސޯ ހުތާ
01 November 2017
ތިޔަ ދެ މީހުން ބޭރުކުރަން ލަސްވެސް ވެއްޖެ. މީ ވަރަށް ވާހަކަ. ޝުކުރިއްޔާ....
އިބްރާހީމް
31 October 2016
އަހަރެން ވަރަށް އުފާވާނެ އެދުވަހަކުން.
މަރީ
31 October 2016
ތިކަން ކުރަން މާ ބޮޑަށްވެސް ލަސްވެއްޖެ. އަވަހަށް ކުރިއަށް ގެންދަވާ.
އިބިރިހިންބެއްޔާ
31 October 2016
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްވިއްޔާ ތިއްބަވާނީ ހެޔޮގޮތުގައި. ޕާޓީގެ ލާރީގައި ހޮވިގަތް ޕާޓީތަކުގެ މެމްބަރުންނަށް އަބަދުވެސް ހެދޭނީ ހާލި. ކޮޅުވެސް ބަދަލުކުރާނެ. ރައްޔިތުންނަށް، ދިވެހި ދައުލަތަށް ބަލައެއް ނުލާނެ. އެކަހަލަ "އިތްޒަތްތެރި" މެމްބަރުން މަޤާމުތަކުން ބާލަންވީ. އަދި ޤާނޫނު އަސާސީއަށް ބަދަލުގެނެސްގެންވެސް ތިވިދާޅުވާ "މަޖިލީހުގެ" މެމްބަރުން ދާއިރާގެ ވަކައަދަދެއްގެ މެމްބަރުންގެ ސޮޔާއެކު އަޅުން ބައި އެލެކްޝަނަކަށް ދެވޭގޮތަށް ނުވަތަ ކޯޓަށް ފޮނުވޭގޮތަށްވެސް ހަދަންވީ.
ތަކީ
31 October 2016
މަޖްލީހުގެ ރައީސަކަށް އެންމެ ޤާބިލް ބޭފުޅަކީ ތިމަރަފުށީ މުސްޠަފާ އެވަރުގެ ހީވާގި ކެރޭ އަމާނާތްތެރި އެއް މަޖިލީހުގައި ނެތް. އޭނާއަކީ ޒަޢީމް މައުމޫން ދެކެ ލޯބިވި ބޭފުޅެއް.
އަޒާން
31 October 2016
ތިޔައީ ދިނީ ހަމަތަކުންނާއި ޤާނޫނީ ހަމަތަކުން ބެލިކަމުގައިވިޮޔަސް ރައްޔެތުންގެ މަޖިލީހުގެ މެމްބަރުން ގެ މައްޗަށް މިހާރު ލާޒިމް ވެފައިވާކަމެއް. ތިކަން ކުރުމަކުން ފާފަފަވެރި ނުވާނޭކަންކަށަވަރު ވަނީ ޤައުމުގައި މި ހިންގާ ހުރިހާ ޖަރީމާތަކެއް ފެތުރެމުން މިދަނީ މަޖިލީސް މެމްބަރުން ޙައްޤު ބަސް ނުބުނެ އަޅުވެތި ވެފައި ތިބުމުގެ ސަބަބުން
އަލިދީދީއައްޑޫސިޓީ
31 October 2016
ނަގޫ ގޮށްޖެހި ވާންވަނީ. ތަދުވާނެ ވަރަށް. ހަޅޭއްލަވާ އަޑުވެސް އިވޭނެ. ދެބުޅާ ކޯޅޭއިރު އެހުންނަ ކަހަލަ ފޯރި ހުންނާނެ. ކުރިޔަށް އޮތީ ނަސްރުގެ ދުވަސް އަދި ޖުމްހޫރީ ދުވަސް. އެއީ ރައްޔިތުންގެ ދުވަސްތައް. ހެޔޮގޮތުގައި އެ 2 ދުވަސް ފާހަގަކުރާތި. ސަލާމަތީ ބޭފުޅުން މިގައުމު ސަލާމަތްކޮށްދެއްވާ! އާދޭސް މިކުރަނީ. ހެޔޮނުވާނެ. ތިޔަހެން މިގައުމަށް ނުހައްދަވާ.
ޏ އައިކު
30 October 2016
މަސީހު ވަކިވުމަކީ މި ފުވައްމުލަކު ރައްޔިތުންގެވެސް އުއްމީދު.
ސަބުރާ ( ދޮންބެ)
30 October 2016
މަސީހު ވަކިކުރަން މިހާރު މާބޮޑަށްވެސް ލަސްވެއްޖެއެވެ. މިކަންނުކުރެވިފައިއޮތީ ފުރިހަމަ އަޣުލަބިއްޔަތު ނުލިބިގެންނެވެ. އަޅުގަނޑު އުއްމީދުކުރަނީ މިކަން މާލަހެއްނުވެ އެހެން މެމްބަރުންގެވެސް ތާއީދާއިއެކު ކުރެވޭނެ ކަމުގައެވެ.
ޢަލީ
30 October 2016
މީހަމަތެދެއް
ބަދީއު
30 October 2016
މިއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު. ބޭނުންގޮތެއް ނުހެދޭނެ. އިގިއްޖެ.
ާޢަބުދުﷲ ޢަލީ
31 October 2016
ކުރިންވެސް ބަޔަކަށް ހީކުރެވުނު ތިފަދައިން ކާކުތޯހުރީ ޔާމީން ކައިރީގައި އޭނަޔަށް ހެޔޮ އެދިގެން.އިޚްލާސްތެރިކަމާއި އެކު މަސއްކަތް ކުރި މީހުންވަނީ ދުރުކޮށްފައި.ވާނުވާނޭގިގެންތޯ ތިއުޅުއްވަނީ.