ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ވިލާއާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް

ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް އަނބުރާ ދޭން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިި އެވެ.


ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް 2013 ގައި ދިނުމަށް ފަހު، އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ އެ ތަން އަތުލައިފަ އެވެ. ނަމަވެސް ނޮވެމްބަރު، 2018 ގައި ސިވިލް ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އެތަން ވިލާ އެއާ އަށް އަނބުރާ ދިނުމަށެވެ. އެ ހުކުމަށް މިދިޔަ އަހަރު ހައި ކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

ސިވިލް ކޯޓުން ނިންމީ ކާޑެއްދޫ އެއާޕޯޓު 50 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުން ފޮނުވި ނޯޓިސް ބާތިލް ކަމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ވިލާ އަށް އޮންނާނެ ކަމަށެވެ. އެ މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު، އެތަން އަތުލުމުގެ މަސައްކަތް މަޑުޖައްސައިލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރު ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.