ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް. އެތަނުން ވެސް ވަނީ ކޮވިޑް ފެނިވައި.
11 އޮކްޓޯބަރ 2020 - 01:09
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ދެ ކުއްޖަކަށް ކޮވިޑް ޖެހިއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ދެ ކުއްޖެއްގެ ސާމްޕަލް މިދިޔަ ބުރާސްފަތި ދުވަހު ނެގީ އެ ކުދިންގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ކަމަށެވެ.
އެ ދެ ކުދިންގެ ޓެސްޓްގެ ނަތީޖާ މިއަދު ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވް ވުމުން ކޮންޓެކްޓުންގެ ގޮތުގައި ތިބި ފަރާތްތައް ޓެސްޓްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އވެ. އެ ކުދިންގެ ކޮންޓެކްޓުންގެ އަދަދަކީ ނަޒްލާ ވިދާޅުވި ގޮތުގައި، 89 އެވެ. އޭގެ ތެރެއިން ހަތަރު ފަރާތެއް އިއްޔެ ޓެސްޓްކޮށްފައިވާ ކަމަށާއި އެ ސާމްޕަލްތައް ކޮވިޑަށް ނެގެޓިވް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިތުރު 86 ސާމްޕަލް ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ނެގިފައި،" ނަޒްލާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ހިޔާ އިން ކޮވިޑް ކޭސްތަކެއް ފެނުނު އިރު ހުޅުމާލޭގައި ހުންނަ ފިޔަވަތިން ވެސް ވަނީ އެބަލީގެ ކޭސްތަކެއް ފެނިފަ އެވެ. ފިޔަވަތިން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 23 އަށް އަރައިފަ އެވެ. އެއީ 11 ކުދިންނާއި 11 ކެއާވޯކަރުން އަދި ސީނިއާ ސްޓާފެކެވެ.
ފިޔަވަތިން ކޮވިޑް ޖެހުނު ކުދިން ފެސލިޓީތަކަށް ބަދަލުކޮށް، ތޮއްޖެހުން ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ކުރިން ބުންޏެވެ. އެތަނުން 26 ކުއްޖަކު އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ވެސް ބުންޏެވެ.
މިދިޔަ 24 ގަޑި އިރުގެ ތެރޭގައި އަލަށް ކޮވިޑަށް ޕޮޒިޓވް 57 މީހުންނާ އެކު ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 10،859 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
11 October 2020
އަވަސް ޝިފާއަކަށް އެދެން.