ފަސްޓް ލޭޑީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވާހަކަދައްކަަވަނީ.-- ފޮޓޯ: އަޒްހަރު
30 އޮކްޓޯބަރ 2016 - 19:49
ދެ ފަޅިވެފައިވާ ޕީޕީއެމަށް މެމްބަރުން އިތުރުކުރަން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހާއްސަ ކެމްޕޭނެއް މިއަދު ފައްޓަވައިފި އެވެ.
ޖަނަވަރީ މަގުގައި ހުންނަ ފަސްޓް ލޭޑީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިރެ އިން ފެށިގެން ކޮންމެ ރެއަކު ރޭގަނޑު 8:00 އިން 11:00 އަށް އަދި މެންދުރުފަހު 2:00 އިން 6:00 އާ ދެމެދު ޕީޕީއެމަށް ވަންނަން ބޭނުންވާ މީހުންނަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ފަސްޓް ލޭޑީގެ އޮފީހަށް ހުށަހަޅާ ފޯމުތައް، ޕީޕީއެމްގެ ދަފްތަރުގައި ހިމެނޭނެ ކަމުގެ ޔަގީންކަން މުއާޒު ދެއްވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމަށް ވަންނަން ފޯމު ފުރާފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި ނަމަވެސް އަދިވެސް ބައެއް ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވާ ކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން ކުރަން ފެށި މި މަސައްކަތުގެ ތެރެއިން މި އޮފީހުން މެމްބަޝިޕް ފޯމް ފުރައިދޭނެ. އަދި އެ ފޯމްތައް ޒިންމާދާރުކަމާ އެކު އިލެކްޝަން ކޮމިޝަނާ ހަމައަށް ގެންދިއުމުގެ މަސައްކަތް ކުރާނެ،" މުއާޒް ވިދާޅުވި އެވެ.
މެމްބަރުން އިތުރު ކުރުމާ އެކު، ކައުންސިލް އިންތިހާބާ ގުޅޭ މަސައްކަތްތަކުގައި ވެސް އެ އޮފީހުން އެހީތެރިވެދޭނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިފަހުން ގެނައި ބަދަލު ތަންފީޒުކުރަން ފެށުމާ އެކު މެމްބަރުން އެންމެ ގިނަ ޕާޓީއަކަށް ޕީޕީއެމް ވަނީ ވެފަ އެވެ. އެ ގޮތުން، ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިދިޔަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 46،608 މީހުން ރަޖިސްޓްރީވެފައިވީ ނަމަވެސް ފިންގަޕްރިންޓް ނެތުމުގެ ސަބަބުން އެ ޕާޓީން 18،803 މީހުން ވަނީ ވަކިކޮށްފަ އެވެ. މިހާރު އާއްމުކޮށްފައިވާ ދަފުތަރުގައިވާ ގޮތުން އެމްޑީޕީގައި ތިބީ 27،805 މެމްބަރުންނެވެ.
ޕީޕީއެމްގައި ކުރިން ތިބީ 36،232 މެމްބަރުން ކަމަށްވީ ނަމަވެސް، ފިންގަޕްރިންޓް ހިމެނޭ އިތުރު ފޯމު ހުށަހަޅައިގެން އެ ޕާޓީން ވަނީ މެމްބަރުންގެ އަދަދު 37،633 އަށް އިތުރުކޮށްފަ އެވެ.
ފަސްޓް ލޭޑީގެ އޮފީހުން މެމްބަޝިޕް ފޯމު ފުރަައިދޭން ފެށިއިރު، ޕީޕީއެމް ވަނީ ދެ ފަޅިވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ ދެ ބޭފުޅުންގެ ދެ ފެކްޝަން އުފެދިފަ އެވެ. ޕާޓީ ހިންގުން ކޯޓުގެ ހުކުމެއްގެ ދަށުން ރައީސް ޔާމީނާ ހަވާލުކޮށްފައި ވިޔަސް، މައުމޫން އެކަން ގަބޫލެއް ނުކުރައްވަ އެވެ. އެކަމަކު، ޕާޓީގެ އޮފީސް ރައީސް ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
31 October 2016
ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނާއި އައިޖީއެމްއެޗް މޯލްޑިވިއަން ފްލައިޓާއި ބޭންކް އޮފް މޯލްޑިވްސް ފަދަ ނިކަމެތި ރައްޔިތުން ހިދުމަތް ލިބިގަންނަ ތަންތަނުން ފޯމު ފަސޭހައިން ފުރޭނެ އިންތިޒާމް ''ސޮދޮގާތް ފައުންޑޭޝަން'' އިން ހަމަޖައްސާލަ ދެއްވުން އެދެން.
ހޭލާ
31 October 2016
ޗެކު ކުރާތި ،،، އެމް ޑީ ޕީ އިން އުނިކުރިމީ ހުން މިކަމައް ސަމާލުވާންވާނެ..
މޮހޮރު
31 October 2016
އެންމެ ރަނގަޅުވާނީ ސުމަކުން ފެއްޓިއްޔާ. އާފެށުމަކުން ފަށާއިރު، ފަށަންވާނީ ޕާރޓީގައި މިހާރު ތިބި އެންމެން ވަކިކޮއްގެން. އޭރުން ފަސްޓް ލޭޑީގެ ހަގީގީ ތާއީދު ފެންނާނެ. ހީވަނީ 3،000 ވެސް ހަަމަނުވާނެހެން.
އެދުރުބެ
31 October 2016
މޮހޮރު އަށް ހީވާގޮތް އު ތަ؟ މެޑަމް ފާތުން އަކީ ގިނަ އަދަދެއްގެ ދިވެހިންގެ ރުހުމާއި ލޯބި ލިބިފައިވާ ފަސްޓް ލޭޑީ އެއް.
ޢަލީ
31 October 2016
ބާޜު އޮތިއްތާ ތިކަން މިހާރު ކުރެވިދާނެ. އެކަމަކު ތިޔައީ ބޭކާރު ކަމެއް. ކިތަންމެ ގިނަ މީހުން ޕާޓީއަށް ވެއްދިޔަަސް ވޯޓެއް ނުލިބޭނެ. މިހާރު ތިކަންވާނީ ވަޒީފާގެ ބޭނުމުގައި ނުވަތަ އަމިއްލަ މަންފާއެއް ލިބޭނެތީ
ބުރޭންޑަޑް
31 October 2016
އިސްލާމިކު މިނިސްޓުރީން އެބަ ބަލަންޖެހޭ ޞަދަޤާތުގެ ނަމުގައި މީހުން ހިންގާ މިކަހަލަ ޖަރީމާ
އިބިރިހިންބެއްޔާ
31 October 2016
ބަލަ ބަލަ ބަލަ. މިއީ ރިޔާސީ ވެރިކަމެއް. މިވެރިކަމަށް ހޮވުމަށްހު ރައީސާއި ފަސްޓް، ސެކަންޑް އަދި ތާރޑްވިޔަސް ބީފާނުމެނަކީ ދިވެހިރައްޔިތުންގެ ޚާދިމުން. ވީހިންދު ވަކިޕާޓީއަކަށް މެމްބަރުން އިތުރުކުރައްވަން އުޅުވުމަކީ ވަކިކޮޅަކަށް ޖެހިވަޑައިގަތުން. ވީމާ ބެއްޔާގެ ނަސޭހަތަކީ އެފަދަ ނުރަގަޅު ކަންތަކާއި ދުރުވެ އަވަހަށް އިސްލާޙުވުން. ޝޭޚެއްގެ ޚިޔާލު ހޯއްދަވާ، މިއީ އުރެދުމަކަށްވާނަމަ ތައުބާވެސްވެ ވަޑައިގަތުން.
އެމޭޒިންގް
31 October 2016
ޕީޕީއެމް މިހާރު އެވަނީ ލިޓިލް ސިންގަޕޯރ އަށް ރިބާރތް ކޮށްފައެވެ. ދެން މުޅިން ވެސް ޕީޕީއެމްގެ ތެރޭން ފެނިގެން ދާނީ ބިއުޓިފުލް ނިންމުން ތަކެވެ. މަމެން މިއުޅެނީ މާލެ ސަރަހައްދުން ވިޔަފާރި ކުރާ ފަރާތް ތަކަށާއި އަދި އޮންލައިން ނޫސް ހިންގާ ފަރާތް ތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އެއިން ކޮޮންމެ ކުންފުންނަކަށް 5000 އަކަފޫޓް 100 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްލަން އެވެ. އިޒިންޓް އިޓް އެމޭޒިންގް އެން ވޮންޑަރފުލް..
މެންޓަލިސްޓް
31 October 2016
ބަލަ މާފަސޭހަގޮތެއް އެބައޮތްނޫންތޯ ؟؟ ސިވިލްކޯޓުން ހުކުމެށް ނެރޭނީ އެހެންޕާޓީތަކުގައި ތިބި މީހުންނަކީ ވެސް އަސްލު ޕީޕީއެމްގެ މީހުންކަމަށާއި ، އެހެންޕާޓީތަކުގެ ފޯމްތަކަކީ ސައްހަފޯމްތަކެށްނޫންކަމަށާއި ، އަދި މިހާތަނަށް މަރުވެފައިވައި އެންމެންނަކީވެސް އަދިވެސް ޕާޓީގެ މެންބަރުން ކަމުގައި ،، ދެން މީހަކު ކިޔާނެއެއްޗެއްނޯންނާނެ ،، ކޯޓްހުކުމާއި ބެހޭގޮތުން ވާހަކަދެއްކުމަކީ ގާނޫނީ މަނާކަމެށް ،،، ދެން މެޑަމް ހުންނާނީ އުފަލުން އަތްޖަހާލަޖަހާލަ ،، މިގޮތް އޯކޭތަ ؟؟
ކޮމާންޑޯ
31 October 2016
ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމުގެ ބަދަލުގައި އިތުރު ކަދުރާއި ހައްޖު ކޯޓާތައް އިތުރު ކޮށް ޖަމާކުރަން ފެނޭ......ވަރަށްސަލާމް
މޯލްޑިވިއަން
30 October 2016
މިތަނުގައި ބައެއް މީހުން ސުވާލު އެބަ އުފައްދަ ޕީޕީއެމް މެމްބަރޝިޕް ފޯމް ފުރުމުގެ މަސައްކަތް މެޑަމް އިސްވެ ހުންނަވައިގެން ކުރައްވާތީ. މިކަމުގައި ބުނެލަން އޮތީ ޕީޕީއެމްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބައިގިނަ އެންމެ ވަރުގަދަ ޕާޓީއޭ. ޕާޓީގައި މިހާ ގިނަ މެންބަރުން މިތިބީ އެންމެންގެ އަތުގައި ބިޑި އަޅުވައިގެން ސޮއިކޮށްގެންނެއް ނޫނޭ. ޢެ މީހަކު ޕީޕީއެމްއާ ހިތުން ރުހުމުން އަމިއްލައަށް ވަންނަން ބޭނުންވެގެން ވަދެ ތިބި މީހުންނޭ. އެހެން ޕާޓީތަކުގައި މީހުން މަދުވަނީ ކަންނެތްކަމުން މިވަރުވެސް ކޮށްލަން ނުކެރޭތީއޭ.
ޢަިޝަތު އަނިޔާ
31 October 2016
މޯލްޑިވިއަން ތިހުންނެވީ ހަމަހޭގައިތޯ.... ކޮމެންޓައް ލިބެމުންދާ ތަރުހީބު ބައްލަވާ...ވާނުވާ ނޭނގޭވަރައް ތިހިރީ ކޮރޮޕުޓުވެފައި
ކަމަނަ
31 October 2016
މޯލްޑިވިއަން އޭކިޔައިގެން މާ ދިވެހިވެގެން ތަނެއްދޮރެއް ނޭނގި ވާޙަކަ ނުދައްކާށެވެ. އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް ވެފައިވަނީ ބައެއްގެ މުރާލިކަމުން ކަމަށް ބުނާއިރު ތި ޕާޓީގެ ހުރިހާމަެއްވެސް ކާމިޔާބު ކުރަމުން ތިގެންދަނީ ގަދަބާރުން ކޯޓް މެދުވެރިކޮށް ޖަހައިގަންނަ އުޞޫލުންކަން ތިފަރާތަށް އޮޅިފައި އޮތަސް އަހަރުމެނަކަށް ނޯޅެއެވެ. ހަމައެހެންމެ ތިޕާޓީއަށް މެމްބަރުން އިތުރުކޮށްފައިވަނީ ބިޑިއަޅުވައިގެން ގަދަ ބާރުން ނޫނަކަމަށް ބުނާއިރު އެއީ ހަމަ ތެދެކެވެ، ބިޑިއެއް ނާޅުވައެވެ. ދައކަނީ ބިރެވެ. އެއީ ވަޒީފާގެ ބިރާއި ޖަލުގެ ބިރެވެ. ހަމައެގޮތައް މެމްބަރުން ހޮވި ރައީސަކު ހުއްޓާ ޕާޓީގެ ވެރިކަން ވެސް ތިއޮތީ ފޭރިގެންފައެއްނޫންތޯ؟