އަންނަ އަހަރު ދިރާސީ ދެ އަހަރު ކިޔަވައިދޭން އެދި ރައީސަށް ޕެޓިޝަނެއް

ކުރިއެކޭ އެއްގޮތަށް އަންނަ އަހަރު ވެސް ޖެނުއަރީ މަހު ދިރާސީ އާ އަހަރު ފަށައި އެކަމަކު ދެ ވަނަ ދިރާސީ އަހަރެއް އޮގަސްޓް މަހު ފަށައި ދަރިވަރުން އެއް ގްރޭޑެއްގައި ރިޕީޓް ނުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ބެލެނިވެރިން ތައްޔާރުވެއްޖެ އެވެ.


ބެލެނިވެރިންގެ މެދުގައި ދައުރުކުރަމުން އަންނަ ޕެޓިޝަންގައި ބުނަނީ، ދަރިވަރުންގެ ތައުލީމީ އުމުރާ އެ ކުދިންގެ މުޅި މުސްތަގުބަލް ގުޅިފައިވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ދިރާސީ އަހަރު ނިމޭ ތާރީހު ފަސްކުރުމުން، ކުރިއަށް އޮތް ނުވަ އަހަރު، ގްރޭޑު 10 ނިމޭ އުމުރު 16 އަހަރުން 17 އަހަރަށް އަދި ކުރިއަށް އޮތް ތިން އަހަރު، ނާސަރީ، ޖޭކޭޖީ، އަދި އެސްކޭޖީގައި ކިޔަވާ ދަރިވަރުން ގްރޭޑު 1 އަށް ބަދަލުވާއިރު 8 އަހަރަށް މަތިވާނެ ކަމަށެވެ.

އެއީ ބެލެނިވެރިންނަށް ތާއީދުކުރެވޭނެ ސިޔާސަތެއް ނޫންކަމަށް ޕެޓިޝަނުގައިވެ އެވެ.

"ސަބަބަކީ، ދަރިވަރުން މަތީ ސާނަވީ ތައުލީމް ނިންމައި ޔުނިވާސިޓީ ފެށޭ އުމުރު 20 އަހަރަށް ބަދަލުވެގެންދާނެތީ އެވެ. އޭގެ ބަދަލުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑް-19 ގެ ޕެންޑަމިކާ ގުޅިގެން އަމަލުކުރި އުސޫލާ އެއްގޮތަށް ކިޔަވާ ކުދިންނަށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އާ ދިރާސީ އަހަރަަށް ޕްރޮމޯޓްވެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަކީ މުހިއްމު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަމެވެ،" ޕެޓިޝަންގައި ބުންޏެވެ.

އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޯގަސްޓް 10 އަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، ކޮވިޑާ ގުޅިގެން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލުކުރުމަށެވެ. ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ.

މިނިސްޓްރީގެ އެ ނިންމުން މުރާޖައާކުރަން ގޮވާލައި، އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސީ އަހަރު ފެށުމަށް ފަހު، އޯގަސްޓް މަހު ވެސް ދިރާސީ އާ އަހަރެއް ފެށުމުން ކުދިންގެ ތައުލީމީ އުމުރުުން އަހަރެއް ގެއްލިގެން ނުދާގޮތަށް ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެވޭނެ ކަމަށް ބުންޏެވެ.

"ދިރާސީ އަހަރު ފެށޭ ތާރީހު ޖޫން ނުވަތަ ޖުލައި މަހަށް ބަދަލުކުރާ ނަމަ، 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ޖެނުއަރީ 2021 ގައި ފަށާ، އެ އަހަރުގެ ސްކޫލު ޗުއްޓީ ކުރުކުރުމަށްފަހު، ހާއްސަ ޕްލޭނަކާއެކު ދިރާސީ އަހަރު އެ މުއްދަތުގައި ނިންމުމަށްފަހު 2021 އަހަރުގެ އޮގަސްޓް މަހު އާ ދިރާސީ އަހަރެއް ފަށާގޮތަށް ހަމަޖެހިއްޖެ ނަމަ، ކުދިންގެ އުމުރުން އަހަރެއް ގެއްލިގެން ނުދާގޮތަށް އަދި އިތުރު ހަރަދުތަކެއް ނުކޮށް، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެވިގެން ދާނެކަމުގައި ވެސް ދަންނަވަމެވެ،" އެ ޕެޓިޝަންގައި ބުންޏެވެ.

އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ ނިސްބަތުން އެންމެ ދޮށީކޮށް ސްކޫލަށް ވައްދާ އެއް ގައުމުކަން ފާހަގަކޮށް ބުނީ އިންޑިއާގައި ފަސް އަހަރުގައި ގްރޭޑު 1 ފަށާއިރު އިނގިރޭސިވިލާތް، މެލޭޝިއާ، ޖަޕާން، ނިއު ޒިލެންޑް، އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި އެންމެ ލަސްވެގެން ހަ އަހަރުގައި ގްރޭޑު އެކެއްގައި ކިޔަވައިދޭން ފަށާ ކަމަށެވެ.

ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންނަށް ފީ ދައްކަން ނުޖެހުނަސް ޕްރައިވެޓް ސްކޫލުތަކުގެ ބެލެނިވެރިން އަމިއްލައަށް ގިނަ ހަރަދުތަކެއް ކުރާ ކަމަށާއި މި ބަލި މަޑުކަމުގައި ވެސް ބަރާބަރަށް ފީ ދައްކަން ޖެހުނުކަމަށް ބުންޏެވެ. އެއާއެކު ދިރާސީ އާ އަހަރު ފެށުން ފަސްކުރުމުން އިތުރު ހަ މަހު ފީ ދައްކަންޖެހޭނެ ކަމަށް ޕެޓިޝަންގައި ބުނެ އެވެ.

ނަމަވެސް ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލު ބަންދުކޮށްފައި ހުރުމުން މި އަހަރަށް ކަނޑައަޅާފައިވާ މުގައްރަރު ނިންމަން ދަތިތައް ކުރިމަތިވެފައިވާކަން ގަބޫލުކުރާ ކަމަށް ބުންޏެވެ. ބައެއް ސްކޫލުތަކުގައި ފުރަތަމަ ޓާމުގެ މުގައްރަރް ނިންމައި ދެ ވަނަ ޓާމުގެ މުގައްރަރު ނިމެން ގާތްވެފައިވާއިރު ރަށްރަށުގައި ވެސް ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދީފައިވާކަމަށް ބެލެނިވެރިން ބުނެ އެވެ.

"އެހެންކަމުން ސްކޫލުތަކުގެ ކިޔެވުން ހަ މަސް ދުވަހަށް އިތުރުކޮށްފިނަމަ، ކުދިންގެ މުގައްރަރު ލުއިވެ، އެ ކުދިންގެ ޝައުގުވެރިކަން ދަމަހައްޓަން އުނދަގޫތަކާ ކުރިމަތިވާނެކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެ އެވެ،" ޕެޓިޝަންގައި ބުންޏެވެ.

މިދިޔަ ހަފުތާގައި ތައްޔާރުކުރި ޕެޓިޝަންގައި ބެލެނިވެރިންގެ އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރަކާއި ދަރިން ތިބި އަދަދު ވެސް ހިމަނަންޖެހެ އެވެ. އެކަމަކު އޭގައި ސޮއިކުރި ބެލެނިވެރިންގެ އަދަދެއް ސާފެއް ނުވެ އެވެ.