އެއާޕޯޓް ނިމޭއިރު އިތުރު 3،000 ވަޒީފާ އުފެދޭނެ: މިނިސްޓަރު ސައީދު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތައް ނިމޭއިރު އެއާޕޯޓުގައި އިތުރު 3،000 ވަޒީފާ އުފެދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ދެ މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެން އެ އެއާޕޯޓްގެ އެރައިވަލް ހޯލުގައި ބެހެއްޓި ފަސިންޖަރުންގެ ހަށިގަނޑު ސްކޭން ކުރާ މެޝިން އިފްތިތާހު ކުރުމަށް މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓުގައި ގާތްގަނޑަކަށް 2،300 އެއްހާ މުވައްޒަފުން ތިބި އިރު އޭގެ ތެރެއިން 90 ޕަސެންޓަކީ ދިވެހިން ކަމަށެވެ.

"މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމޭއިރު ގާތްގަނޑަކަށް 6،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ. މާނައަކީ [މިހާރު ތިބި އަދަދަށް ވުރެ] އިތުރު 3،000 ވަޒީފާ އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.

އައިއެންއައިއޭގައި ބެހެއްޓި ފަސިންޖަރުންގެ ހަށިގަނޑު ބަލާ ފާސްކުރާ މެޝިން ބޭނުންކުރާ ގޮތް ކަސްޓަމަސްގެ އޮފިސަރަކު ދައްކާލަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި އައިއެންއައިއޭގެ ތަރައްގީ އަށް ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި ސަރުކާރުން 90 މިލިއަން ޑޮލަރު ހަރަދު ކުރި މަޝްރޫއުގެ ތެރޭގައި އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރުމާއި ނޯތު އޭޕްރަން ތަރައްގީ ކުރުން ފަދަ ކަންތައް ހިމެނޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"ކުރީގެ ޕްލޭނަށް ބަލައިފި ނަމަ ދެވަނަ ރަންވޭއެއް އެޅޭކަށް ނެތް. ނަމަވެސް މި ސަރުކާރުން އެމްއޭސީއެލްގެ މެނޭޖްމަންޓުން އަދި ބޯޑުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ރައީސްގެ ލަފާފުޅަށް ދެވަނަ ރަންވޭއެއް ކޯޑް އެފްގެ ސްޓޭންޑަޑަށް 65 މީޓަރުގެ ފުޅާ މިނުގައި، އެންމެ ބޮޑު މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކުރަން ފެށީ،" ތިން އަހަރުގެ ތެރޭގައި ހިންގި މަޝްރޫއުތަކުގެ ވާހަކަދައްކަވަމުން ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާ ރަންވޭ ހަދާ ސަރަހައްދުގެ ބިން ހިއްކުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އެއްކޮށް ނިމޭއިރު ހުޅުލޭ ބިމުގެ ސައިޒުގެ ތިން ބައިކުޅަ އެއްބައި އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިއެންއައިއޭގައި ބެހެއްޓި ފަސިންޖަރުންގެ ހަށިގަނޑު ބަލާ ފާސްކުރާ މެޝިން އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި އެމްސީއެލްގެ އެމްޑީ އާދިލް އާއި އިކޮނޮމިކް މިނިސްޓަރާއި ހޯމް މިނިސްޓަރު އަދި ކަސްޓަމްސްގެ ކޮމިޝަނަ ޖެނެރަލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު

"މިގޮތަށް ގެންނަ ހުރިހާ ތަރައްގީއެއް ނިމި ޓާމިނަލް ފެސިލިޓީ ނިމި 2018 އަށް ދާ އިރު އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކު ފަޚުރުވެރިވާ ބަލައިގަންނާނެ ބޮޑު ޕްރޮޖެކްޓަކަށް މިކަން ވެގެންދާނެ. މީގެ ނަފާ އެތައް ގުނައަކަށް އިތުރުވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.

އެއާޕޯޓުގެ އެރައިވަލް ހޯލުގައި ބެހެއްޓި ބޮޑީ ސްކޭނިން މެޝިނަކީ ރާއްޖެ އަށް ޑްރަގާއި އެނޫން ވެސް އެތެރެ ކުރުން މަނާ ތަކެތި ހިފައިގެން އަންނަ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރަން ބޭނުންކުރަން ބެހެއްޓި މެޝިނެކެވެ.