ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
28 އޮކްޓޯބަރ 2020 - 10:26
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވި ބިލު މަޖިލީހަށް ތައާރަފްކުރައްވަން ފެއްޓެވުމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާ އޭނާއާ ދެމެދު މިއަދު ޒުވާބުތަކެއް ހިނގައިފި އެވެ.
ގާނޫނު އަސާސީ އަށް ބަދަލުގެންނަން ޖާބިރު ހުށަހެޅުއްވި ބިލް މަޖިލީހަށް ތައާރަފްކުރައްވަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ފުރުސަތުގައި މުޅި ބިލު ވިދާޅުވާން ޖާބިރު ފެއްޓެވި އެވެ. ބިލްތައް ތައާރަފްކުރެއްވުމުގައި މީގެ ކުރިން މެމްބަރުން އާއްމުކޮށް އަމަލުކުރައްވާ ގޮތަކީ ބިލްގެ މަފްހޫމް ވިދާޅުވުމާއި އެކު ބިލް ހުށަހެޅުއްވި މަގުސަދު ބަޔާން ކުރެއްވުމެވެ. އޭގެ ބަދަލުގައި ޖާބިރު މުޅި ބިލް ވިދާޅުވާން ފެއްޓެވުވުމުން ޝަރީފް ނިޒާމާ ބެހޭ ނުކުތާއެއް ނެންގެވި އެވެ.
ޝަރީފް ވިދާޅުވީ ބިލެއް ހުށަހަޅަން ލިބޭނީ 15 މިނެޓް ކަމަށާއި އެ ވަގުތުގެ ތެރޭގައި ހުށަހެޅުއްވޭ އެއްޗެއް ހުށަހެޅުއްވުނީ ކަމަށެވެ. ޝަރީފުގެ ވާހަކައަށް ޖަވާބެއް ނުދެއްވައި ރިއާސަތުން ނަޝީދު އަނެއްކާވެސް ފުރުސަތު ދެއްވީ ޖާބިރަށެވެ. އެ ހިސާބުން ޖާބިރު ޝަރީފަށް ވަރަށް ހުތުރުކޮށް ބަހުގެ ހަމަލާއެއް ރައްދުކުރެއްވި އެވެ. އެ ވާހަކަ އަށް ރައްދު ދެއްވައި ޝަރީފް ވެސް އަޑުގަދަ ކުރެއްވި އެވެ.
ބިލުގެ ތައާރަފްގައި ޖާބިރު ދެއްކެވި ވާހަކައަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވެސް ނިޒާމީ ނުކުތާ ނަންގަވައި ހުރަސް އެޅުއްވި އެވެ. އޭނާ ވިދާޅުވީ ޖާބިރު ހުށަހެޅުއްވި ބިލްގެ ސަބަބުން ބަރުލަމާނީ ސިފަތައް ވެސް އޮޅޭ ކަަމަށެވެ. ނިޒާމު ބަދަލުކުރުން ފަދަ ބޮޑެތި މައްސަލަތައް ގެންނަވަން ވާނީ ޕާޓީތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން މިކަހަލަ ބޮޑެތި ނިޒާމީ މައްސަލަތައް އަޅުގަނޑުމެން މިހެން އިންޑިވިޑުއަލް މެމްބަރަކު އައިސް ވަރަށް އާދައިގެ ގޮތަކަށް ހުށަހެޅުމަށް ވުރެ ބޮޑެތި ޕާޓީތައް މިކަހަލަ ޒާތުގެ ކަންކަމާ އުޅުނިއްޔާ މާ ރަނގަޅުވާނެހެން،" ހަލީމް ވިދާޅުވި އެވެ.
ހަލީމްގެ އެ ވާހަކަ އަށް ރިއާސަތުން ނަަޝީދު ޖަވާބު ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ކޮންމެ މެމްބަރަކަށް ވެސް ބިލު ހުށަހެޅުއްވުމުގެ ޖާގަ މަޖިލީހުގެ ގަވައިދުން ދީފައިވާ ކަަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް. ބަރުލަމާނީ ނިޒާމަށް ރާއްޖެ ބަަދަލުކުރަން ޖާބިރު ހުށަހެޅުއްވި ބިލަށް ނުރުހުން ފާޅުކުރެއްވި
ބިލުގެ ބަހުސްގެ ވަގުތުގައި އައްްޑޫ ޝަރީފް ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި، ބުއްދި ސަލާމަތުން ހުރި މީހަކު މިފަދަ ހުށަހެޅުމެއް މަޖިލީހަށް ހުށަނާޅާނެ ކަމަށެވެ. މިހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ވެސް ފަސްކޮށްފައިވާ ކަަމަށް ވިދާޅުވެ ރިފަރެންޑަަމް ބާއްވާނެ ފައިސާ މިވަގުތު ހޯދަނީ ކޮންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ޝަރީފް ވާހަކަ ދައްކަވަނިކޮށްް ވަގުތު ހަމަވެގެން ރަނގަބީލު ޖެހުމުން އޭނާ އެކަމާ ވެސް ނުރުހުން ފާޅުކުރެއްވި އެވެ. ރިއާސަތުން ނަޝީދު ވިދާޅުވީ ވަގުތު ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު އެދިވަޑައިގެންނެވި ވަރަށް ކަމަށެވެ.
ޖާބިރު ހުށަހެޅުއްވި ބިލްގެ ބަހުސްގައި ޝަރީފުގެ އިތުރުން ބައިވެރިވެވަޑައިގަތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނިކޮށް އެފަދަ ކަމަކާ ބަހުސް ނުކުރެވޭނެ ކަމަށެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިސްލާހެއް ހުށަހެޅުއްވީ، އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރިއާސީ ނިޒާމުގައި ރައީސާއި ވަޒީރުން ޒިންމާދާރު ކުރުވޭވަރު ކުޑަކަމުން ރައީސްގެ ބާރު މާ ގަދަކޮށް އޮންނާތީ އެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅުއްވުމުގެ ކުރިން "މިހާރު" އަށް ޖާބިރު ވިދާޅުވެފައި ވަނީ ރިއާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ހެޔޮ ގޮތުގައި ހިންގޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި ނިޒާމުގައި ރައީސް އެ ހުންނަވަނީ ރަސްކަލެއްހާ ބާރުގަދަކޮށް. ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް. މީހުން ނުވެސް ދަންނަ ބަޔަކު ވަޒީރުންނަށް ލީމާ ކޮރަޕްޝަން ހިންގަވާފައި، އެ ބޭފުޅުން އެ ތިއްބަވަނީ ފިއްލަވައިގެން. ގައުމެއް ނުހިނގާ. ގައުމު މި އޮތީ ބަނޑަށް ޖެހިފައި،" ޖާބިރު އޭރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
29 October 2020
އިއްޒަތްތެރި މެންބަރ. ޤަބޫލު ކުރާންޖެހޭ ޙަޤީގަތަކީ "ރައްޔަތުންނަށް މިނިވަންކަން ނުލިބި" ސަރުކާރު ހިންގާ ނިޒާމް ބަދަލުކޮށްގެން ވަކި މޮޅެއްނުވާނެކަން. # މިހާރުއޮތް ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ކަމުނުދާކަން ތަޖުރިބާ ކުރެވިއްޖެ. ޕާލަމެންޓަރީ ނިޒާމްގެ ކުރިން ޑިސެންޓްރަލައިޒު ކުރުމަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ކަޑައަޅާ 3 ޕްރޮވިންސަށް ޤަވަރުނަރުންނާއި ނައިބުން އިންތިޙާބުކުރައްވާ.
އޮނަރަބްލް އަފީފު ދީދީ
29 October 2020
ނިޒާމް ބަދަލުކޮށް ބޮޑުވަޒީރު ޤައުމުހިންގާން ޙަވާލުވުމުގެކުރިން ލާމަރުކަޒީ ޤާނޫނަށް އިސްލާޙްގެނެސް މިހާރުތިބި ކައުންސިލަރުންނާއި މޭޔަރުންގެބަދަލުގައި ކޮންމެ ޕްރޮވިންސެއްގައި ޤަވަރުނަރާއި އޭނާގެނައިބް ހުންނަވާފަ ކޮންމެ ޕްރޮވިންސެއްގައި އެބަޔަކުބާއްވާ ލޯކަލްއިންތިޙާބަކުން ކަޑައަޅާ މުނިސިޕަލް ކައުންސިލެއްބާއްވަންވީ. # މިބަދަލަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ޕރޮވިންސްހަދާންޖެހޭ.
ބޯގޯސް އަފީފު ދީދީ
29 October 2020
ކޮޅުމަޑުޅުން އައްޑޫއަށޭ؟ ތީ ކިހިނެތް އެޅި ރޮނގެއް؟ ބަޔަކު ނޫޅޭ މޮޔަވެގެން އައްޑޫ މީހުން ދަށުވާކަށް. ފުވައްމުލަކަކުންވެސް ހުވަދޫއަކުންވެސް ބޭނުމެއް ނުވޭ.. މިއޮއް ހުރިހާ ދުވަހުވެސް ތިހެންކިޔައިގެން އައްޑޫއަށް ހުރިހާ އެއްޗެއް ޖަމާކުރީ. އިންޓަރނޭޝަލް އެއަރޕޯޓާއި، ޓާޝިއަރީ ހޮސްޕިޓަލާއި ލިންކު ރޯޑާ.. އެހެން އަތޮޅުތަކު ރައްޔިތުންނަށް ވީފައިދާއެއްނެތް. އާބާދީ ބޮޑިއްޔޭކިޔާފަ އައްޑޫއަށް ހުރިހާ ފައިދާއެއް. އަހަރުމެން ނޫޅެން ތިޕްރޮވިންސުަގައި ބައިވެރިވާކަށް
އޮނަރަބްލް އަފީފު ދީދީ
29 October 2020
ބޯގޯހުގެ ކޮމެންޓަށް ޖަވާބުދެން: މިދެންނެވި ބަދަލު ނުގެނެސްފިނަމަ މާލެއާއި އެހެން އަތޮޅު ތަކާއި ހުރި ފަރަޤު ބޮޑުވެ ރާއްޖޭގައި ފަޤީރުން ގިނަވެ އަމާންކަން ގެއްލިދާނެ. # ރީޖަންތަކަށް ބަހާލުމުން އައްޑޫގެ ދަށަށް އެހެންއަތޮޅުތައް ދާންޖެހޭ ސަބަބު ބުނެބަލަ؟! އައްޑުއަށް ވުރެން ހުވަދޫގައި މީހުން ދިރިއުޅޭ ރަށާއި ފަޅުރަށްތައް ގިނަ. ލ. ޢަތޮޅު ބިން އައްޑުއަށްވުރެން ކުޑައެއްނޫން. ޤަވަރުނަރު ހޮވާން ތ. ލ. ޙުވަދޫ އަދި މުލަކުން ވޯޓްދޭ އަދަދު ބޮޑުތަނުން އިތުރުވާނެ. ދެން؟؟!!
އޮނަރަބްލް އަފީފު ދީދީ
29 October 2020
ބޯގޯހުން އަބަދުވެސް ދައްކާނީ ރނޑ ވާހަކަ. ޕްރޮވިންސް ތަކަށް ބަހާއިރު މައްސަލައެއްނެތް ޕްރޮވިންސްގެ ކެޕިޓަލަކީ ފުވައްމުލަށް، ތިނަދޫ، ނޫނީ ލ. ގަން ކަމުގައިހެދިޔަސް. # އަހަރުމެންމިބުނަނީ 460 ހަކަށް ނޮޓިކަލްމޭލު ދުރުގައިއޮތް ރަށްގަނޑަކުން އަހަރުމެންގެކަންކަން ބަލާންނުޖެހޭނެއޭ. އަދި އެކަންއެގޮތަށް ނުވެސްހިގައޭ. # ރީޖަންތަކަކަށް އޮތުމުން ޤާނޫނުހަދާ މަޖިލީހުގައި ބާރު ގަދަވެދާނެތީދޯ ކަލޭ ޙަސަދަވެރިވެގެންތިއުޅެނީ. ކުލީ އަޅުން މަދުވެދާނެތީދޯ ތިވަރަށް ރުޅި އަންނަނީ؟؟
ބަރުމަލާނީބެ
29 October 2020
މިހާރުވަރައް ސާފް ތިޔަ ބިލައްވޯޓް ނުދިނީ ކީއްވެގެންކަން ލޯކަލް އިންތިހާބައް ބުރޫ އަޅާފާނެތީ އަނެއްކޮޅުން ތީ ހެދި ޓެސްޓެއް ކިހިނެއްތޯ ރައްޔިތުން ރިއެކްޓުކުރަނީ
ގުދުގުދާ ބެއްޔާ
28 October 2020
މަށަކީ %100 އެމްޑީޕީ މީހެއް! އަސްލު ބަރުލަމާނީ ނިޒާމް ނަސީދު ގެންނަން ބޭނުންވަނީ ދެން އޮތް 5 އަހަރު ނުހޮވޭނެކަން ޔަޤީންވާތީ! އޭރުން މަޖިލިސްގެ މެންބަރުން ގަނެލައިގެން ތާ އަބަދައް ވެރިކަމުގައި ތިބެވޭނެކަމަށް! ނަސީދު މާލޭ މީހުންނަށް ގޯތި ދޭންވީ ވަޢުދު ހަނދާން ނައްތާލައި ދެން ވޯޓް ލާދަުވަހު އަހަރުމެން މެންބަރުންނަށް ގުޅާލީމާ ފިސާރި ރީތިބަހުން ޖަވާބު ދޭނަން! މިހިރީ އެދުވަހަށް އިންތިޒާރު ކޮއް ކެއްމަދުވެފަ!
ީހށނ
28 October 2020
ބަރުލަމާނީ ވިޔަސް، ރިޔާސީ ވިޔަސް %100 ކޮރަޕްޓްގަ އުމެ އްގަ ރަނަގަޅުކުރެވޭނެ ކަމެ އް ނެތް.
ކައުންސެލަރު
28 October 2020
މީނާއާ އިސްތިއުފާފިން މީހާޔާ ދެމީހުންވެގެން އަމިއްލަ ބޮނޑި ބޮޑުކުރެވޭނެގޮތް ބަލަނީ. ގައުމުގެ އަދުއްވުން!؟
އޮނަރަބްލް އަފީފު ދީދީ
28 October 2020
މަލްޓިޕާޓީ ޑިމޮކްރަޓިކް ނިޒާމެއްގައި "އޮންނާންވާނީ ޕާލަމެންޓަރީ ސިސްޓަމެއްކަމަށް" އައްޑޫސިޓީގެ ރައްޔަތުން އޭރުވެސްވަނީ ވޯޓަކުންބުނެ ކަޑައަޅާފަ. # ނަމަވެސް ރައްޔަތުންނަށް މަޖުބޫރީހާލަތް މެދުވެރިކޮށް މަޖިލީހުން މިސިޓީއަށް އިތުރުވާންހުރި ގޮނޑިތަކަށް އަސަރުކުރާގޮތަށް ސިޓީގެ އެތައްބަޔަކު މާލޭ "ދަފުތަރު" ކިޔާ އެއްޗެއްގައިޖައްސުވާ މަޖިލީހުގައި މާލެއަށްހުރިގޮނޑިތައް ވަނީ އިތުރުކޮށްފަ. އިންސާފުންބޭރު މިއަމަލު އަދިވެސް ތަކުރާރުވާނެ. ފުރަތަމަ މިކަން ބަދަލުކުރޭ.
އޮނަރަބްލް އަފީފު ދީދީ
28 October 2020
ޖާބިރަކީ މަޖިލީހުގައި "މިސްޓަރބީން" ފަދަ ޖޯކަރެއްކަމަށް ބަޔަކަށްހީވިޔަސް ރައީސް ފިޔަވާ "ޖާބިރުއާއި ގާތްކުރައްވާމެންބަރަކުވެސް މަޖިލީހުގައިނެތް" ކަމަށްދެކެން. # އަޅުގަނޑު އެދެނީ "މަޖިލިސް އެކުލެވިގެންވާނެގޮތް" ވެސް ބިލްގަހިމަނާ ބަރުލަމާލީނިޒާމާއިއެކު ރާއްޖެ އިދާރީ ޤާނޫނީ 3 ޕްރޮވިންސަކަށްހަދާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެހިމެނޭގޮތަށް)ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދަރން ކަޑައަޅާ ޕްރޮވިންސަކަށް 40 ގޮނޑި ބިލްގަ ކަޑައަޅުއްވާ.
ބާބާ
28 October 2020
ރައްޔަތުންގެ ސީދާ ވޯޓަކުން ނޫންގޮތަކަށް ވެރިޔަކު ހޮވާނަމަ ވެރިކަމަށް އަތުވެދާނެ ފަދަ ބޭފުޅަކު ތިބިލް ހުށަހަޅުއްވައިގެން ތިއުޅުއްވަނީ. އެކަމަކު މިއީ ރިޔާސަތުން ބާރުދީގެން ހުށަހާފައިވާ ބިލެއްކަން ޔަގީން.
ގަޓް ބްރޯ
28 October 2020
ދުނިޔޭގަ "ކަނޑުކޮހުން" އުޅޭ ގާތްގަނޑަކަށް ހުރިހާ ގައުމެއްގަހެން އޮންނަނީ ރިޔާސީ ނިޒާމް.
ބޮއްޅަބެ
01 November 2020
މިއީ ނިޒާމަކުން ވާކަމެއްނޫން.. ތިކަހަލަ ކަނޑުކޮހުން އުޅޭތީ ވާގޮތެއް