ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ދީފި

ރޫޓް ފިހާރަ އިން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް މިދިޔަ އާދީއްތަދުވަހު ފައިސާ ޖަމާކުރަން ދަނިކޮށް ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، 50،000 ރުފިޔާ މިއަދު ދީފި އެވެ.


ރޫޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ބީއޯސީގެ ސެކިއުރިޓީ ބަލަހައްޓަން ހުރި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ މުވައްޒަފު މުހައްމަދު ހަސަން މަނިކު ނެތް ނަމަ، އެ ކުންފުނިން ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ގެއްލުނީސް ކަމަށެވެ. ފޭރުން ހުއްޓުވުމުގައި އޭނާ ކުރި ހިތްވަރު ފާހަގަކުރުމުގެ ގޮތުން ފައިސާގެ އިނާމަކާ އެކު ރަމްޒީ ލިއުމެއް ވެސް ދިނެވެ.

ރޫޓުގެ އެމްޑީ އަބްދުﷲ ރާފިއު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޭރުން ހުއްޓުވުމަށް ހަސަން މަނިކު ކުރި މަސައްކަތަށް ރާފިއު ޝުކުރުއަދާ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަންޒަރެއް އެެހެން މީހަކަށް ފެނިއްޖެ ނަމަ ވެސް ފަސް ޖެހުމުގެ ބަދަލުގައި އެހީވެ ދޭން ރާފިއު އެދިވަޑައިގަތެވެ.

"އެ ދުވަހު ހަމަ އަޅުގަނޑުމެންނަށް ފެނުނު އެންމެން ދުރަށް ދާން ދުވި މަންޒަރު ވެސް. ހިފަހައްޓަން މަސައްކަތްކުރި ނަމަ ހަތަރު މީހުން ވެސް އެ ދުވަހު ހިފެހެއްޓުނީސް،" ރާފިއު ވިދާޅުވި އެވެ.

ރޫޓް ފިހާރަ އިން ފައިސާ ޖަމާކުރަން ދަނިކޮށް އެ ފައިސާތައް ފޭރިގަންނަން އުޅުނީ ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި އައިސް މަގުމައްޗަށް މަޑުކުރި ހަތަރު މީހަކެވެ. އާއްމުންގެ ކުރިމަތީގައި ފައިސާ ފޭރެން އައި އެ މީހުންނަށް އެކަން ކާމިޔާބު ނުކުރެވުނީ ރޫޓް ފިހާރައިގެ މުވައްޒަފުންނާއި ހަސަން މަނިކުގެ ހުޝިޔާރުކަމުންނެވެ.

ފޭރެން ހުއްޓުވުމުގައި އެހީވި ރޫޓް ފިހާރައިގެން ތިން މުވައްޒަފުންނަށް ވެސް ކޮންމެ މީހަކަށް 10،000ރ. ދިނެވެ. އެއީ، ފޭރެން އައި މީހެއްގެ ލޮލަށް ބޮޑީ ސްޕްރޭ ޖެހި މަރިޔަމް ޖީލާ އާއި އެ ކުންފުނީގެ ޑްރައިވަރު ބާދުޝާހު އާއި ލޭބަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖަލާލުއްދީނެވެ.

ފޭރެން އުޅުނު މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އެއީ 20 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނެކެވެ.