ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ދަރުބާރުގެއަށް ގެންދަނީ: ފުލުހުންނާ ނުލައި ޕީޕީއެމް އޮފީސް ހުންނަ ތެމާއަށް ވަނުމަށް ވެރިފަރާތުން ވަނީ ދެކޮޅު ހަދާފައި. -- މިހާރު ފޮޓޯ/ ނިޝާން އަލީ
01 ނޮވެމްބަރ 2016 - 17:58
ޕީޕީއެމް އޮފީސް ހުންނަ ހ. ތެމާއަށް ފުލުހުންގެ ބެލުމުގެ ދަށުން ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ގޭގެ ވެރިފަރާތުން ފުލުހުންނަށް ސިޓީއެއް ފޮނުވައިފި އެވެ.
ތެމާގެ ވެރި ފަރާތް ޝަރީފާ މުހައްމަދު، ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން އަރީފަށް ފޮނުވި ސިޓީއެއް ގައި ބުނީ ޕީޕީއެމް އޮފީސް ހިންގަމުން ދިޔަ ފަރާތަށް ވެސް އެންގުމަކާ ނުލައި އެ އިމާރާތަށް ގަދަކަމުން ވަދެ ބަޔަކު މުދާތައް ގެންގޮސްފައިވާ ކަމަށެވެ.
އެހެންވެ، އިމާރާތުގެ ތަޅުދަނޑިއާ އޭނާ ހަވާލުވާއިރު އަދި އިމާރާތަށް ވަންނައިރު ފުލުހުންގެ ބެލުމުގެ ދަށުން އެކަން ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ޝަރީފާގެ ސިޓީގައި އެދިފައިވެ އެވެ.
"މިދިޔަ އާދިއްތަ ދުވަހު ޕީޕީއެމްގެ ހަޒާންދާރު އަހުމަދު ޒަމީރު ވަނީ ތެމާގައި ހުރި ޕީޕީއެމް އޮފީހުގެ ތަޅުދަނޑި އަޅުގަނޑާ ހަވާލު ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އަޅުގަނޑު އެ ތަޅުދަނޑިއާ ހަވާލެއް ނުވަމެވެ،" ޝަރީފާ ބުނެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުން ތެމާގެ އެއްބައި ޕީޕީއެމަށް ކުއްޔަށް ދޫކޮށްފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ގޮތް ނޭނގޭ ބަޔަކު ގޭގެ ގޭޓުގައި ޗޭނުގަނޑަކާއި ތަޅެއް އެޅުވި އެވެ. އަދި ޖެހިގެން އައި ހުކުރު ދުވަހު ވެސް ގޮތް ނޭނގޭ ބަޔަކު ގޭގެ ތަޅު ކީހާލައި އެތަނުގެ ތަޅު ހަލާކުކޮށްލުމަށް ފަހު، ޕީޕީއެމް އޮފީސް ތެރެއަށް ވަދެ، އެ ތަނުގައި ހުރި މުދާތައް ލޮރީއަކަށް އަރުވައިގެން ގެންދިޔަ ކަމަށް ޝަރީފާގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ފުލުހުން ފޯރިމަރަމުން ދަނިކޮށް ތެމާގައި ތަޅު އެޅުވީ ރައީސް އަބްދުﷲ ޔާމީން ފެކްޝަނަށް ތާއީދު ކުރާ ބައެކެވެ. އެ ތަޅު އެޅުވުމުން މައުމޫން ފެކްޝަނަށް ތާއީދު ކުރާ ބަޔަކު ވެސް އޮފީހުގައި ތަޅު އެޅުވި އެވެ. އެއާއެކު ރައީސް ޔާމީން ފެކްޝަން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިސްކޮށް ހުންނަވައި އިތުރު ބަޔަކާއެކު އެ އޮފީހުގައި އެޅުވި ތަޅު ކީހާލައި މުދާތައް ލޮރީއެއްގައި ދަރުބާރުގެއަށް ވަނީ ގެންގޮސްފަ އެވެ.
ޝަރީފާ ވަނީ ޕީޕީއެމް ތެރޭގައި މައްސަލަ އުފެދި ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި ޕާޓީ އޮތުމުން ޕީޕީއެމް އޮފީސް ހިންގުމަށް ތެމާއިން ދިން ބައި އަތުލުމަށް ނިންމައި އެއްބަސްވުން ވެސް ބާތިލްކޮށްފަ އެވެ.
ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފޮނުވި ސިޓީއެއްގައި ޝަރީފާ ބުނީ 2012 ގައި ތެމާގެ ބައެއް ޕީޕީއެމަށް ކުއްޔަށް ދިނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށެވެ. އެކަމަކު އަނގަ ބަހުން ކުރެވުނު މަޝްވަރާތަކަށް ފަހު އާއި މައުމޫނަށް ކުރާ ތާއީދާއި އިތުބާރެއްގެ ސަބަބުން އެއްބަސްވުމަކާ ނުލައި ޕީޕީއެމް ހިންގުމަށް ތެމާ ދިނީ ކަމަށް ޝަރީފާ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރައްކާ
02 November 2016
ޝަރީފާއަށް ތިއުޅެވެނީ ވަރަށް ޑޭންޖަރ ޒޯނެއްގަ. މައްސަލަ އެއްކޮށް ހައްލުވަންދެން ޝަރީފާ ސަލާމަތުގައި ލަހައްޓަވާށި.
އުދުހޭ
01 November 2016
ސާހަބޭ ޝަރީފާ. އެއްބަސްވުމުގެ މުއްދަތު ހަމަވެ އަނގަބަހުން މައުމޫނަށް ކުރާ އިތުބާރަކަށް ތަން ނާތުލާ ހުއްޓާ އެތަނަށް ބަޔަކު ވަދެ ލޫޓުވި މައްސަލަ ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ފުލުހުންނަށް ހުށައަޅަންފެނޭ. އަނގަބަހުން މައުމޫނާއެކު ވެވިފައިވާ އެއްބަސްވުމަކަށްވާތީ ތަނުގަ ހުރި ފަރުނީޗަރާ މިފަދަ އެއްޗެއްސަކީ ތަން ދޫކޮށްލާއިރު ގޭގެ ވެރިފަރާތަށް ދޭންޖެހޭނެ އެއްޗެއްކަމަށްވެސް އެއްބަސްވެފައި އޮވެދާނެ. މިސާލަކަށް އަޅުގަނޑު ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމަންޓުގައި ހަރުކުރާ އޭސީފަދަ ތަކެއްޗަކީ މިބުނި އުސޫލުން ތަން ދޫކޮށްލާއިރު ގެންދެވޭނެ އެއްޗެއްސެއް ނޫން.
މަރީ
01 November 2016
ގޮތެއް ފޮތެއް ލަދެއް އަގަލެއް ނެއް ބަޔެއް ހީވަނީ ތިމާމެންގެ ވާރުތަ މުދާހެން މިހާރު ފަހަތުން އެބުރޭނެ 2018 ކާމިޔާބެއް ނުވާނެ އިރާދަކުރެއްވިއްޔާ މިޙާރު އާރާއި ބާރުގެބޭނުން ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ކުރެވިދާނެ.
ރަދީފް
01 November 2016
''އަސްލުމީހާ'' ދޯ މުދާތައް ގެންދިޔައީ.އެހެންވެ ޖަލްސާއަށްވެސް މިކިޔަނީ ''އަސްލު''. ލަދުކޮބާ؟؟