ރަނގަޅު ކުރަން އެތައް ކަމެއް އެބަހުރި، ކާމިޔާބުވާނެ: ދުންޔާ

ގައުމުގެ ކަންކަން ހަމައަށް އެޅުވުމަށްޓަކައި ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެކުގައި މަސައްކަތްކޮށްގެން ކާމިޔާބުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.


މ. ކުނޫޒުގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ފޮޓޯއާއެކު ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާޒީ ބަދަލު ނުކުރެވުނަސް، އެކުގައި މަސައްކަތްކޮށްގެން ރައްޔިތުންގެ މުސްތަގުބަލު އުޖާލާ ކުރެވިދާނެ ކަމަށެވެ.

ދުންޔާ ކުރެއްވި ޓުވީޓު.

ދުންޔާ "މިހާރު" އަށް ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދު ކުރެއްވީ ވެސް ކުނޫޒަށް މައުމޫން އަމިއްލަފުޅަށް ވަޑައިގެން އެކަމަށް އެދިވަޑައިގަތުމުންނެވެ. ނަމަވެސް ވޭތުވެދިޔަ ކަންތައްތަކަށް ބަލައިގެން ކުރިއަށް ނުދެވޭނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.

މައުމޫން ވަނީ މިދިޔަ އާދީއްތަދުވަހު ކުނޫޒަށް ވަޑައިގެން ގާސިމާ ބައްދަލު ކުރައްވައި، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

"ތަޖުރިބާއާ އެކީގައި އެނގޭ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަން. ހަރުދަނާ ކުރަން ޖެހޭ އެތައް ކަންކަމެއް އެބަހުރި. ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަން އަޅުގަނޑު ގަބޫލުކުރަން،" ދުންޔާ ވިދާޅުވި އެވެ.

މައުމޫންގެ ދަރިކަނބަލުން ދުންޔާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި ރައްޔިތުން ބޭނުންވާ މިނިވަންކަމާއި އިންސާނީ ހައްގުތައް ހިމާޔަތްވެފައި އޮތް މުޖުތަމައުއެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފަހަތް ބަލައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެތި ގޮވުމުގެ ބަދަލުގައި ކުރިއަށް ބެލުން މުހިންމު. އަޒުމާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ. އެކީގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" ދުންޔާ ވިދާޅުވި އެވެ.

ގާސިމް އަދި ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު، މައުމޫން ނޫސްވެރިންނަށް ވިދާޅުވީ، އެ ބައްދަލުވުމުގައި މާ ބޮޑެތި ކަންތައްތަކެއް ނުނިންމި ނަމަވެސް އެއްބަސްވީ އެކި ލެވެލްގައި ވާހަކަ ދައްކައިގެން ދެ ޕާޓީ ގުޅިގެން މަސައްކަތްކޮށް އިސްލާހީ ބަދަލުތަކެއް ރާއްޖެއަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގީ މަންފާ އާއި ލާބަ ލިބެނިވި ގޮތެއްގެ މަތިން ބާރުތައް ވަކި ކުރެވިފައިވާ ސަރުކާރެއް ގާއިމުކޮށްގެން އޭގެ ހިދުމަތް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މައުމޫން ދެއްވި އެވެ.