ތައުލީމުގެ ގާނޫނުގެ އަމާޒަކީ އެ ދާއިރާގެ ކަންކަން ތަރުތީބުކޮށްދޭ ޗާޓަކަށްވުން: މިނިސްޓަރު

މިިދިޔަ ހަފުތާގައި ތަސްދީގުކުރި ތައުލީމުގެ ގާނޫނުގެ އަމާޒަކީ އެ ދާއިރާގެ ކަންކަން ތަރުތީބުކޮށްދޭ ޗާޓަކަށްވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


ތައުލީމުގެ ގާނޫނާ ގުޅޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އެފަދަ ގާނޫނެއް ވުޖޫދުވުމަކީ ތައުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް އެ ގާނޫނު ރަނގަޅަށް ތަންފީޒުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.

"ދައުލަތުން ދައުލަތުގެ ޒިންމާ އަދާކޮށްގެން، މުދައްރިސުން އެ ބޭފުޅުންގެ ޒިންމާ އަދާކޮށްގެން، ބެލެނިވެރިން އެ ބޭފުޅުންގެ ޒިންމާ އަދާކޮށްގެން އަދި ދަރިވަރުން އެ ކުދިންގެ ޒިންމާތައް އަދާކޮށްގެން. އަޅުގަނޑުމެންގެ އުއްމީދަކީ މި ގާނޫނަކީ ތައުލީމީ ކަންކަން ކުރިއަރުވައި މަގު ދައްކާ އެކަން މިސްރާބުކުރާ ޗާޓަކަށް ވުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ގާނޫނެއް ހަދަން 2005 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކި ދައުރުތަކުގައި ހަ ފަހަރެއްގެ މަތިން އެ ބިލް މަޖިލީހަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް މުހިއްމު ބަދަލުތަކާ އެކު ތައުލީމްގެ ގާނޫނު ފާސްކުރީ މިދިޔަ އޮކްޓޯބަރު 26 ގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތައުލީމީ ގާނޫނެއްގެ ބޭނުމަކީ ހުރިހާ ދަރިވަރުންނަށް ހައްގުތަކެއް ހޯދައިދިނުމެވެ.

ތައުލީމުގެ ގާނޫނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ (މ)، ސްޓޭޓް މިނިސްޓަރު އާތިޔާ އަދި ޑެޕިއުޓީ މިނިސްޓަރު އިހްސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އާ މަންހަޖު ތަންފީޒުކުރަމުން އައި ކަމުގައި ވިއަސް އެކަމަށް ގާނޫނީ ބާރުވެރިކަމެއް ލިބިގެން ދިޔައީ މިދިޔަ އަންގާރަ ދުވަހު ތަސްދީގުކުރި ތައުލީމުގެ ގާނޫނުގެ ދަށުން ކަމަށެވެ. މަންހަޖުތައް އެކުލަވާލުމާއި ރާއްޖޭގައި ބާއްވާ އިމްތިހާނުތަކަށް ހާއްސަ އިންތިޒާމުތަކެއް ކަނޑައެޅުން ވެސް އެ ގާނޫނުން ލާޒިމްވެ، ދަރިވަރުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކަށް އަޅައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މަސްއޫލިއްޔަތުތައް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ހިނގަމުންދާ ކަންތައްތައް ކޮންމެވެސް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެތިގެން ދިއުމުގެ ސަބަބުން ސައްހަ އިސްލާމީ އަގީދާގެ މަތީގައި ކުއްޖަކު ބޮޑުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ތަނަވަސް ފުރުސަތުތަކެއް އެބަ ލިބިގެންދޭ. ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ހާސިލްވެގެން ހިނގައިދާނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވޭ،" އިހްސާން ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޓީޗަރުން ރަޖިސްޓްރީވެ ލައިސަންސް ހޯދަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެ ގާނޫނުން ހުރިހާ ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުން ލާޒިމުވާނެ އެވެ. ރާއްޖޭގައި އުޅޭ 4-16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމް ލާޒިމްވާނެ ކުއްޖެކެވެ. ޕްރީސްކޫލު ތައުލީމުން ފެށިގެން ގްރޭޑު 10 އާ ހަމައަށް ދިވެހި ދަރިވަރުންނަށް އެ ތައުލީމު ހިލޭ ފޯރުކޮށްދޭން ޖެހޭއިރު ޝަރުތު ހަމަވާ ދަރިވަރުންނަށް އޭ ލެވެލް އަށް ވެސް ސަރުކާރުން ހިލޭ ކިޔަވައިދޭންޖެހެ އެވެ. މި ގާނޫނަށް އަމަލުކުރާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ތާރީހެއްގަ އެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފަށާނީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.