މައުމޫނަށް ވަރަށް އަސަރުކުރި ވަގުތުކޮޅެއް، ވިދާޅުވީ މި ފެންނަނީ ފެންވަރު ކަމަށް!

ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ހުރި މުދާތައް ގަދަކަމުން ބޭރުކުރުމަށް ފަހު، އެމަނިކުފާނާއި ޕާޓީގެ އާއްމު މެމްބަރުންނަށް ނިސްބަތްކޮށް އޮފީސް ތެރޭގައި ހުތުރު ބަސްތައް ލިއުމުން ފެންނަނީ އެކަން ކުރި ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ފެންވަރު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ހިތާމަފާޅުކުރައްވައިފި އެވެ.


ޕީޕީއެމް ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނާ، ސިވިލް ކޯޓާއި ހައި ކޯޓުން ހަވާލުކުރުމުން އެ ފެކްޝަނުން ވަނީ އޮފީހުގައި ހުރި މުދަލާއި ލިޔެކިޔުންތައް ގެންގޮސްފަ އެވެ. އޮފީހުގެ ފާރާއި ދޮރުތަކުގައި މައުމޫނަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރު ބަސްތައް ލިއެފައިވެ އެވެ. އެއް ފާރުގައި، "އޮންނާނީ މައުމޫން އަތުން ޕާޓީ އަތުލާފައި" ލިއެފައިވާއިރު "ދެން ލަލާ" ފަދަ ބަސްތަކުން އެމަނިކުފާނަށް މަލާމަތް ރައްދުކޮށްފައިވެ އެވެ.

ޕީޕީއެމް އޮފީހުގެ ފާރުގައި ލިޔެފައިވާ ލިޔުންކޮޅެއް. - ފޮޓޯ: ޓުވިޓާ

ދެން ހުރީ ހުތުރު ބަސްތަކުން މުހާތަބުކޮށްފައިވާ ވާހަކަތަކެވެ.

އެކަން ހިނގި ފަހުން ފުރަތަމަ ފަހަރަށް މިއަދު އޮފީހަށް ވަޑައިގެންނެވި ވަގުތު އެ މަންޒަރުތައް ފެނިވަޑައިގަތުމުން އަސަރުކުރިކަން މައުމޫންގެ މޫނުފުޅުމަތިން ފެނުނެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ "ފާރުތަކުން މި ފެންނަނީ އެ ބޭފުޅުންގެ ފެންވަރު" ކަމަށެވެ.

"ފާރުތައް ބައްލަވާލެއްވީމަ އެނގިވަޑައިގަންނަވާނެ މިތަނަށް އެ އައި ބައެއްގެ ފެންވަރު. މިތަނަށް ވަދެ މި ހުރިހާ ކަމެއް ކުރި ބައެއްގެ ފެންވަރު ހުރީ ކިހާ ވަރަކަށްތޯ. އަޅުގަނޑު ދަންނަވާކަށް ނެތިން، ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މި ހިރީ ލިއެފައި ހުރި އެއްޗިއްސާއި ކުރި ކަންތައްތައް،" ނޫސްވެރިންނަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަހުޒީބު މުޖުތަމައެއްގެ ވާހަކަ ދައްކާއިރު، ވޭތުވެދިޔަ ތިން އަހަރު ގާއިމްކުރެވުނީ ކިހާ ވަރެއްގެ ތަހުޒީބު މުޖުތަމައެއްތޯ ވިސްނާލަން ޖެހެ އެވެ. ޕީޕީއެމްގެ ރައީސާއި ޕާޓީގެ އާއްމު މެމްބަރުން ޕާޓީ އޮފީހުން ބޭރަށްލީ، މައުމޫން ވިދާޅުވި ގޮތުގައި، ގަދަ ބާރުންނެވެ.

"ގަދަކަމުން ގަދަ ބާރު ދައްކައިގެން، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން. އެއީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ދިޔަ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. ހަގީގަތުގައި ވެސް ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގައި ދިޔަ ކަންތައްތަކެއް އެއީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އޮފީހުގައި ހުރި ލިޔެކިޔުންތަކާއި ގޮނޑި އާއި މޭޒާއި ކޮމްޕިއުޓަރުތައް ފަދަ ހުރިހާ ސާމާނެއް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު މިހާރު އެތަނުގައި ހަތަރު ފާރު ނޫން އެއްޗެއް ނެތް ކަން ފާހަގަކުރެއްވި އެވެ.

މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ނިޝާން އަލީ/ މިހާރު

އެމަނިކުފާނު ވިދާޅުވީ ހުރިހާ ތަކެތި ގެންދިޔަ ނަމަވެސް ކުރިން ހުރި ވަރަށް ވުރެން މާ ފުރިހަމަކޮށް އޮފީސް އަލުން ތައްޔާރުކުރައްވާނެ ކަމަށެވެ. އަދި އެ އޮފީހުގައި ޕާޓީ ކުރިއަށް ވުރެ ހަރުދަނާކޮށް ހިންގާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މައުމޫން ވިދާޅުވީ އެކި އޮފީސް އޮފީހުގައި ޕީޕީއެމްގެ ރަސްމީ މަސައްކަތް ބަޔަކު މީހުން ކުރަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަސާސީ ގަވާއިދު ބަދަލުނުކޮށް އެގޮތަށް ޕާޓީ ނުހިންގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ފެކްޝަނުން ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން "އަސްލު" ޖަލްސާގެ ނަމުގައި ބާއްވަން އުޅޭ ޖަލްސާ އަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަކޮށް ނިމިއްޖެ ކަމަށެވެ. ޕާޓީގެ ރަސްމީ އޮފީހުގައި ބޭއްވުމުގެ ފުރުސަތު ނުދިނަސް އަހަރީ ދުވަހުގެ ކޭކު ވެސް ފަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަދި އެ ރޭ އަޅުގަނޑުމެން ދެއްކި ވާހަކަތަކުގައި ޕީޕީއެމްގެ އަސްލު މަގްސަދުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކިން. އެ މަގްސަދުތައް ހާސިލްކުރަން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނަން. ޕީޕީއެމް ކުރިއަށް ވުރެ ވަރުގަދަކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަމުން ދާނަން،" މައުމޫން ވިދާޅުވި އެވެ.

އެކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.