ރިސޯޓަކަށް ދާ ޓޫރިސްޓަކު ލޯންޗަށް އެރުވުމަށް، އެ ރިސޯޓުގެ މުވައްޒަފުން އެހީވަނީ: ރިސޯޓުތަކުގައި ބަލި މީހުންގެ އަދަދު ދަނީ އިތުރުވަމުން
08 ޖެނުއަރީ 2021 - 00:00
ރާއްޖޭގެ ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި މިއީ އާ ޓްރެންޑެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރިސޯޓުތަކުން ކުރިން އާއްމުކޮށް ޕޮޒިޓިވް ވަނީ 50-60 މީހުން ނަމަވެސް، މިހާރު އެ އަދަދު 108 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 69 ޓޫރިސްޓުންނާއި 39 މުވައްޒަފުންނެވެ.
ޑރ. ޝަހީދު ވިދާޅުވި ގޮތުގައި މިއީ ޗުއްޓީ ދުވަސްވަރު ލަފާކުރި ޓްރެންޑެކެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާއިރު، ގިނައީ ހައި ރިސްކު ގައުމުތަކުން އަންނަ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން އެބަ އިތުރަށް ސަމާލުވާން ޖެހޭ. މިހާރު ވެސް ރިސޯޓެއްގައި ބަލީގެ އައުޓްބްރޭކެއް ވަނީ އައިސްފައި،" ނިޔާމަ ރިސޯޓުގައި ގިނަ ބަޔަކަށް ބަލިޖެހިފައިވާކަން ފާހަގަކުރައްވައި ޝަހީދު ވިދާޅުވި އެވެ.
ނިޔާމަ ރިސޯޓުގެ 14 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. ކޮންޓެކްޓުންގެ ގޮތުގައި 24 މީހަކު އެ ރިސޯޓުން ފާހަގަވެފައިވާއިރު ރަށް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ޝަހީދު ވިދާޅުވީ ރިސޯޓުތަކުގައި ބަލި ފެތުރެމުންދާ ނަމަ، އޭގެ އުނދަގޫ ގިނަ ބަޔަކު ތަަހައްމަލު ކުރަން ޖެހޭނެ ކަމަށާއި ރިސޯޓުގެ އޮޕަރޭޝަން ހުއްޓި، ޓޫރިސްޓުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލިމަޑުކަމާ ގުޅޭގޮތުން ރިސޯޓު މުވައްޒަފުން ވެސް ސަމާލުވާން ޖެހެ އެވެ. އެއީ ގިނަ މުވައްޒަފުން ދިރިއުޅެނީ އެއް ތަނެއްގައި ކަމަށް ވުމުން އެ މީހުންގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމުންނެވެ.
މި ޓްރެންޑަށް އޮތް ހައްލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ކޭސްތައް އަވަހަށް ދެނެގަތުމެވެ. ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޓެސްޓު ކުރުމާއި މާލެ އާއި ރާއްޖޭން ބޭރުގައި ތިބެފައި މުވައްޒަފުން ރިސޯޓަށް ދާއިރު ކަރަންޓީނުވުން މުހިއްމު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އެޗްއީއޯސީން ބުނިގޮތުގައި ގިނަ ޓޫރިސްޓުން ޕޮޒިޓިވް ވަނީ ވެސް ގައުމުން އަންނައިރު ނަގާ ސާމްޕަލުންނެވެ. އޭގެ މާނައަކީ، އޭނާ ރާއްޖެ އައިއިރު ވެސް ބަލި ޖެހިފައި ހުރުމެވެ. މި ފަދަ މީހުންނަށް ރިސޯޓަށް ދެވޭނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު އެވެ.
ޑރ. ޝަހީދު ވިދާޅުވީ މާލެ ތެރޭގައި ބަލި ޖެހޭ ނިސްބަތް މަދުވެފައިވާއިރު، ބައްޔަށް ޓެސްޓު ކުރުމަށް ފްލޫ ކްލިނިކަށް ދާ މީހުންގެ އަދަދު ވެސް މަދުވެފައިވާ ކަމަށެވެ. އެކަމަކު އަލާމާތްތައް ހުންނަ މީހުން ބައްޔަށް ޓެސްޓު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަލީގެ އަލާމާތްތަކާ އެކު ވެސް މީހުން ޓެސްޓު ކުރާކަށް ނުދޭ. އޭގެ ސަބަބެއް ކަމަށް މި ބެލެވެނީ މާ ބޮޑު އަލާމާތްތަކަށް އެކަން ނުވުން. މިސާލަކަށް އާދައިގެ ކަރުގެ ރިހުމެއް ނުވަތަ ކުޑަކޮށް ކެއްސުން ކަހަލަ ކަމެއް ދިމާވުން،" އޭނާ ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ ބައްޔަށް ޓެސްޓު ކުރަނީ އަމިއްލަ މީހާގެ އިތުރުން މުޖުތަމައުގެ ރައްކާތެރިކަމަށް ކަމަށެވެ. އެންމެ އާދައިގެ މީހާއަށް ބަލީގެ ނުރައްކާ ނުފޯރި ނަމަވެސް، އާއްމުންގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހައި ރިސްކުގެ މީހުންނަށް ބަލި ފޯރައި ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ޑޮކްޓަރު އިރުޝާދު ދެއްވީ ކުޑަ އަލާމާތެއް ހުރި ނަމަވެސް ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމަށެވެ. އަދި ރަށްރަށުގައި ވެސް، ބަލީގެ އަލާމާތްތައް ހުންނަ މީހުން ޓެސްޓު ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަށްމއަދު
08 January 2021
ސްޕުލިޓް ސްޓޭ ހުއްޓާލާ.
އެހެންވީމާ
08 January 2021
އެމީހުން ގައުމުން އަންނައިރު ނަގާ ސާމްޕަލުން ނެގެޓިވްކަމަށް ދައްކާ މީހުންގެ ރިޒަލްޓް ރަގަޅުނުވީމަ އެމީހުންގެ ފަރާތުން ބަލި އަރާތީތާ ބަލި މިގައުމަށް ތިޔަހެން ތި އެތެރެވަނީ.
ސެމި
08 January 2021
ސިއްހަތަށްވުރެ ފައިސާ އިސްކުރީމަ ވާގޮތް
ލޮލްޒް
08 January 2021
އަންދާޒާ ކުރި ޱްރެންޑެއް. ނޮޱް އުންމީދު.
ކިންބަޅި
08 January 2021
ވެކްސިން ގެނެސް ޖަހަންވީ
އަލްޖިބްރާ
08 January 2021
ވަރިހަމައެއްނު ! ޑޮލަރު ލިބުނީމާ ނިމުނީނު ! އަދިވެސް މިލިއަނުން ގެސްޓުން ހަމަކުރާނަމޭ ގޮވާ ! ކޮބާތަ ޓްއަރިޒަމް މިނިސްޓަރު ؟ ފަރުވާއެއް ނުލިބިގެން އުޅޭ ބައްޔެއް ފެތުރެމުން ދާއިރު އަދިވެސް އެންމެ ވަރުގަދައަށް ބަލިފެތުރޭ ޤައުމުތަކުން ކޮންމެހެންވެސް ގެސްޓުން ގެނެވޭތޯ ބަލަންޖެހޭނެ !
ވެސްޓަކުން
08 January 2021
ނުގެނެސް ކޮންތާކުން ލާރި ހޯދައިގެންތަ ކައިބޮއި އުޅޭނީ؟
9924521
08 January 2021
ބޯޑަރު ހުޅުވާނުލައިގެން ފަތުރުވެރިން ނުގެނެސްގެންވެސް ހީވީ ރެވިތެޔޮ ވަށައިގެން އުޅުނުހެން، ދިވެހިންނެއްނު ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ.
މަސްވެރިޔާ
08 January 2021
"ވިދާޅުވި ގޮތުގައި މިއީ ޗުއްޓީ ދުވަސްވަރު އުއްމީދު ކުރި ޓްރެންޑެކެވެ"
1828
08 January 2021
ރިސޯޓް މުވައްޒަފުންނަކީ ސަރުކާރުން ޤުރުބާންކުރާ ކަންބަޅި ތަކެއް. އެ 'ކަންބަޅި'ތަކަކަށް ނޯވޭ އިތުރު ގޮތެއް. މައިންބަފައިންނާއި އަނބިދަރިންނަށް ކާންދެވެން އޮތް ހަމަ އެކަނި ގޮތްވީމައި ފުރާނަ އަތްމައްޗަށްލައިގެންވެސް ވަޒީފާ އަދި ޑިއުޓީއަށް ނުނިކުމެވާނެ ހަމަ އެއްގޮތެއްވެސް ނެތް.
ސަންޕަ
08 January 2021
ކޮން މެ ކަންބަޅިއަކަށް ގެރިއަކަށްވެސް އޮންނާނެ ގޮތް. އެވަޒީފާ ދޫކޮށް އެހެންވަޒީފާއެތް ހޯދީ މާ ނި މުނީ ސަރުކާރަކުން މަޖްބޫރެއް ނުކުރޭ ރިސޯޓް ވަޒީފާއަކަށް ދާކަށް. ގުރްބާނޭ ތިކިޔަނީ ކޮންކަ މެއް ވެގެންބާ؟ ސަރވިސް ޗާޖަށް މަހަކު ހާހުން ޑޮލަރު ލިބޭތީބާ؟ އަބިދަރިންނަށް ކާންދޭން ފުރާނަ އަތް މައްޗަށް ލައިގެން އުޅެނީ ރިސޯޓް މުވައްޒަފުން އެކަނިބާ؟
ބަބުރަންޖީ ހާޖީ
08 January 2021
ރިސޯޓުތަކަށް ޓޫރިސްޓުންގެންނައިރު ތަންކޮޅެއް އަނެއްކާ ހަރުކަށިވާންއެބަޖެހޭ.