ރައީސް ޔާމީން ހަގީގަތް އޮޅުވާލެއްވީ، މުދަލާއި ވަސީލަތް ބޭނުންކުރި މައްސަލާގައި ފިޔަަވަޅު އަޅަން ޖެހޭ: މައުމޫން

ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން ފެކްޝަން ކަން ދައްކަން "އަސްލު" ނަމުގައި ހުކުރު ދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ޕާޓީގެ އާއްމު މެމްބަރުންނަށް އެމަނިކުފާނު އޮޅުވާލައްވާފައިވާ ކަމަށާއި އެ ޖަލްސާގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ބަލައި ފިޔަވަޅު އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.


ޖަލްސާގައި ހިނގި ކަން ކަމަށް އަމާޒުކުރައްވައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އާއްމު މެމްބަރުންނާއި ރައްޔިތުން ބައިވެރިވާން ވާނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. އެކަމަކު ވަޒީފާގެ ބިރު ދައްކައި މަޖުބޫރުކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ އެކި ދާއިރާތަކުގެ މުވައްޒަފުން ޖަލްސާ އަށް ގެންގޮސްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"މިކަންކަމުން ވެސް އެނގިގެން މިދަނީ، މި ޕާޓީގެ ރައީސް ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަން ނިންމި ނިންމުމުގެ ސައްހަ ކަމެވެ. އަދި ބިރު ދައްކާ މަޖުބޫރުކޮށްގެން ބޭއްވި ޖަލްސާ އިން ހާމަވަނީ އެ ބޭފުޅުންގެ އަސްލަކީ ބާރާއި ނުފޫޒު ބޭނުންކޮށްގެން ހުރިހާ ކަމެއް ކުރެއްވުން ކަމެވެ،" މައުމޫން ވިދާޅުވި އެވެ.

ދައުލަތުގެ މުޅި މުދަލާއި ވަސީލަތްތައް އެ ޖަލްސާ އަށް ބޭނުންކުރިއިރު އެ މައްސަލަ އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މައުމޫން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.

ޕީޕީއެމްގެ ރައީސް ޖަލްސާ އަށް ވަޑައިނުގަތުމުން ފަޅުކަން އިހްސާސްކުރެއްވުނު ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ވެސް މައުމޫން ވަނީ ރައްދު ދެއްވައިފަ އެވެ.

އަސްލު ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މުހަންމަދު ޝަރުހާން

އެމަނިކުފާނު ވިދާޅުވީ ޖަލްސާ އަށް ޕީޕީއެމްގެ ރައީސަށް ދައުވަތު ނުދީ، އަދި ދައުވަތު ނުދެއްވާނެ ކަމަށް އެ ފެކްޝަނުން މީޑިއާތަކުގައި ބުނުމަށް ފަހު، ޕާޓީގެ ރައީސް ނެތުމުން ފަޅުކަމަށް ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ އާއްމު މެމްބަރުންނާއި ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކަމަށެވެ.

މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމަކީ ވަކި ބައެއްގެ ހިޔަނީގައި އޮންނަން ޖެހޭ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ މުސްތަޝާރާ އެކު މަސައްކަތް ކުރައްވަން ޕާޓީގެ ރައީސް އެނބުރިވަޑައިގަތުމަށް އެދުމުން ވެސް އެނގެނީ "ޕީޕީއެމްގެ ރައީސް ފައްޓަވާފައިވާ ޕީޕީއެމް އިސްލާހުކުރުމަށް އެކުލަވާލެއްވި އިސްލާހީ އެޖެންޑާގެ ސައްހަކަން" ކަަމަށެވެ. އަދި ހަމައެއާ އެކު، އިސްލާހީ އެޖެންޑާ އެކުލަވާލި ހިސާބުން ޕާޓީގެ ބާރުތައް އަތުލަން ޕާޓީގެ ރައީސަށް އެކި ގޮތްގޮތުން މަޖުބޫރުކޮށް ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީ ހިންގަމުން ދާކަން އެނގި ހާމަވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"މަޝްވަރާގެ ރިވެތި އުސޫލު އޮއްވާ އެގޮތަށް ކަންކަން ނުކޮށް އަދި މަޝްވަރާ ކުރަން މަސައްކަތް ކުރުމެއް ނެތި މަޝްވަރާކުރަން މަސައްކަތްތަކެއް ކުރި ކަމަށް ބުނުމަކީ ޕާޓީގެ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމުގައި ނުވާނެ އެވެ،" މައުމޫން ވިދާޅުވި އެވެ.

ރައީސް ޔާމީން ފެކްޝަނުން ބޭއްވި ޖަލްސާ އަށް ރަށްރަށުން ގެނައި މީހުންނާ އެކު 12،000 މީހުން ބައިވެރިވި ކަމަށް އެ ފެކްޝަނުން ބުނެ އެވެ. އެ ޖަލްސާ އަށް ގިނަ ބަޔަކު ގެންދިޔައީ ފައިސާ ދީގެން ކަމަށް ބުންޏަސް ރައީސް ޔާމީން ފެކްޝަނުން ބުނަނީ "އެންމެން ވެސް ދިޔައީ އުފަލުން، ހިތްހަމަޖެހުމާ އެކު" ކަމަށެވެ.