ޚަބަރު / މަނީ ލޯންޑްރިން

ޔާމީންގެ ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެމެހެއްޓީ މިއަދުގެ ޝަރީއަތުގައި ބައިވެރި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން.

ހައި ކޯޓް، މާލެ: ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު ޝަރީއަތް ޖެނުއަރީ 21، 2021 ގައި ކުރިއަށް ގެންދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، އެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ނޮވެމްބަރު، 2019 ގައި ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ދައުވާގައިވެ އެވެ.

އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުގައި މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި ނިންމީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަޒީދު ހުކުމް އިއްވަވަމުން ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށަކަށް ވާނީ ކުށްކޮށްގެން ހޯދި މުދަލެއް ނުވަތަ ފައިސާއެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތެއް އޮވެގެން ކަމަށް ވާއިރު، އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން އެ މަނިކުފާނަށް އަންގާފައިވުމުން އެއީ ޝައްކު ކުރެވޭ ފައިސާއެއް ކަމަށް ގަބޫލުކުރަން އެކަށީގެންވާ ސަބަބެއް އޮޮތް ކަމަށް ބެލެވޭނެ ކަމަށެވެ. އަދިި އެކަން އޭސީސީން އެ މަނިކުފާނަށް އެންގި ކަން ހެކިތަކުން އެނގޭ ކަމަށާއި އެކަމަކު ދައުލަތާ އެ ފައިސާ ހަވާލު ނުކުރައްވައި، އިންވެސްޓް ކުރެއްވި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"އެ ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތެއް އުފެދިފައިވާ ކަމަށް ބެލެވޭ،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ޝައްކު ކުރެވޭ ހާލަތެއް އޮތް ފައިސާއެއް ކަން އެނގި ހުންނަވައި ޔާމީން އެ ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރައްވައި، ފައިސާ އިންވެސްޓް ކުރައްވާފައި ވާތީ އެއީ މަނީ ލޯންޑްރިންގެ ބޭނުމަށް އެ ފައިސާ އަތުގައި ބެހެއްޓެވުމާއި އޭގެ އަސްލު އޮޅުވާލުން ކަމަށް ބެލެވޭނެ ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

ފައިސާއާ މެދު ޝައްކުވާ ހާލަތެއް އޮތް

ފަނޑިޔާރު މަޒީދުގެ ރައުޔަށް ތާއީދުކުރެއްވުމާ އެކު، އިތުރަށް ބައެއް ނުކުތާތައް ފާހަގަކުރައްވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށަކަށް ވަނީ މަނީ ލޯންޑްރިންގެ ކުށަކުން ހޯދި މުދަލެއް ނުވަތަ ފައިސާއަކުން މުއާމަލާތް ކުރުމުން އެކަނި ނޫން ކަމަށާއި އެހެން ބާވަތެއްގެ ކުށަކުން ވެސް ހޯދާ ފައިސާއިން މުއާމަލާތް ކުރުމަކީ މަނީ ލޯންޑްރިންގެ އަމަލަށް ވާނެ ކަމަށެވެ. އަދި ދައުލަތުން ސާބިތުކޮށް ދޭން ޖެހެނީ އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއް ކަމަށް ޝައްކުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްކަން އެކަނި ކަމަށް ވެސް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ދައުލަތުގެ ހެކިތަކަށް ބަލާއިރު، އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތެއް އޮތް ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ލިބިފައިވާ ފައިސާގެ ތެރެއިން އަދީބުގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ކަމަށް ޔާމީން ވިދާޅުވިޔަސް، އެކަން މަދަނީ މިންގަނޑުން ޔާމީނަށް ސާބިތުކޮށްދެއްވިފައިނުވާ ކަމަށާއި އޮތީ ހަމައެކަނި ބުނާ ބުނުމެއް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ހުކުމް އިއްވުން ފަސް ގަޑިއެއްހާ އިރަށް ވުރެ ދިގު ދެމިގެންދިޔަ މަޖިލީހުގައި ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި އެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާވީ އަދީބުގެ އެކައުންޓުން ނޫން ކަމަށް ވެފައި، އެސްއޯއެފް ކިޔާ ކުންފުންޏަކުން އެހާ ބޮޑު އަދަދެއްގެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރި ގޮތް އެ މަނިކުފާނު ބައްލަވާފައި ނެތުމަކީ ޝައްކުކުރެވޭ ހާލަތެއް އޮތުން ކަމަށް ބެލެވިދާނެ އެވެ.

"އެކަމާ މެދު ބަލައި ހޯދުމެއް ނެތި، ސުވާލު ކުރުމެއް ނެތި ލޯ މަރާލުމަކީ ނުވަތަ ވިލްފުލް ބްލައިންޑްނެސްއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ މަނީ ލޯންޑްރިންގެ ކުށުގެ ނިޔަތުގެ ގޮތުގައި ބަލާ އެނގިފައިވުން ނުވަތަ ޝައްކުކުރެވޭ ހާލަތެއް އޮތުން ކަމަށް ވާތީ، މި މިންވަރުން ވެސް މި އުންސުރު ފުރިހަމަ ވުމަށް ފުދޭ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައި ވާއިރު، އެ ރިޕޯޓުން ވެސް ޝައްކުކުރެވޭ ހާލަތެއް އޮޮތް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ޚިޔާނާތް ހިނގަމުންދާ ކަން 2014 ވަނަ އަހަރު އޭރުގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒް ވެސް ރައީސް ޔާމީންގެ ސަމާލު ކަމަށް ގެންނެވި ކަމަށާއި އެކަމަކު ރައީސް ކަމުގައި ހުންނަވައިގެން ޔާމީން އެކަމަށް ފިޔަވަޅު އަޅުއްވާފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ފައިސާއެއް ޖަމާކުރުން ގޯސް

އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ތަހުގީގު ނިމެންދެން، އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ޔާމީން އެއް މިލިއަން ޑޮލަރު ޖަމާކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓެއް ހުޅުވަން އޭސީސީގައި ޔާމީން އެދިވަޑައިގަތްއިރު ވެސް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓުން އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އަދި އެ އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރިޔަސް، ޝައްކުކުރެވޭ އެއް މިިލިއަން ޑޮލަރުން ޔާމީނަށް ފައިދާ ލިބިވަޑައިގަންނަވަމުން ދިޔަ ކަމަށާއި އެއީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

"އެހެން ގޮތަކުން ހޯދި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބުންޏަސް، އެކަން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަމަލުކުރި ގޮތުން ގަބޫލުކުރެވޭކަށް ނެތް،" ފަނޑިޔާރު ވިދާޅުވި އެވެ.

އަދީބާއި ޒިޔަތުގެ ބަހަށް ބާރު ލިބޭ ހެކި ހުރި

ޔާމީނާ ދެކޮޅަށް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދަށު ކޯޓުގައި ހެކިބަސް ދެއްވާފައި ވާތީ، އެ ބޭފުޅުންގެ ހެކިބަސް ގަބޫލުނުކުރެވޭނެ ކަމަށް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ފާހަގަކުރި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަދީބާއި ޒިޔަތަކީ ޚިޔާނާތުގެ ބައިވެރިންނަށް ވުމުގެ އިތުރުން ޔާމީނަށް ތުހުމަތުކުރާ މައްސަލާގައި އެ މީހުން ބައިވެރިވުން އޮތް ބަޔަކަށް ވާތީ އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް އެކަނި ބިނާކޮށް މައްސަލަ ސާބިތު ނުވާނެ ކަމަށެވެ. އެކަމަކު އެ މީހުންގެ ބަހަށް ބާރު ދޭނެ އިތުރު ގަރީނާތައް ހުރި ކަމަށާއި ދަށު ކޯޓުން މައްސަލަ ނިންމީ އެގޮތަށް ބަލައިގެން ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އެހެންވެ އޭނާގެ ނިންމެވުމަކީ އެ މީހުންގެ ހެކިބަސް ބަލައިނުގަތަސް، ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ ހެކި އެބަހުރި ކަމެވެ.

ޔާމީންގެ މައްސަލަ ދަށު ކޯޓުގައި ފުރަތަމަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމުން އޭރު އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެ މައްސަލަ ބައްލަވަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމުގައި އަމަލު ކުރެއްވި ގޮތާއި އެ މައްސަލައާ ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދެއްކެވި ކަމަށް ބުނެ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ފާހަގަކުރި އެވެ. އެކަމަކު ފަނޑިޔާރު ނިޔާޒް ވިދާޅުވީ ބެންޗް އެކުލަވާލެއްވީ ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށާއި އެކަމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށެވެ.

ޔާމީން ހެޔޮ ނިޔަތް އެބަ އޮތް، މަނީ ލޯންޑާއެއް ނުކުރޭ

ފަނޑިޔާރު ޝަހީދުގެ ތަފާތުވި ރައުޔުގައި ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަން ފާހަގަކުރެއްވީ ޔާމީނާ ދެކޮޅަށް ހެކި ނެތުމާއި ދައުވާ އުފުލުމާއި ތަހުގީގު މަރުހަލާގެ ތެރެއިން ޝަރީއަތުގެ މަރުހަލާ އާއި ހެކި ބަލައިގަތުމުގެ ހުރި ބައެއް ގޯސްތަކެވެ. އޭނާ ވިދާޅުވީ އެސްއޯއެފްގެ ފަރާތުން ފައިސާ ލިބިވަޑައިގަތް ޔާމީން ނޫން އެހެން ފަރާތްތަކުގެ މައްޗަށް ދައުލަތުން މިހާތަނަށް ދައުވާ ކޮށްފައިނުވާ ކަމަށާއި އެހެންވެ، އެއީ ތަފާތު ކުރުމުގެ ތެރެއިން ދައުލަތުން އުފުލާފައިވާ ދައުވާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ޚިޔާނާތުގެ ބައިވެރިންގެ ގޮތުގައި ތިބި އަދީބާއި ޒިޔަތުގެ ހެކިބަސް އެ މައްސަލާގައި ބަލައިނުގަނެވޭނެ ކަމަށް ވެސް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ. އަދި މުޖްތަމައުގެ މަސްލަހަތަށްޓަކައި ކަމަށް ބުނެ ގާނޫނީ ގޮތުން ސައްހަ ނޫން ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާއިރު، ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ މީހުންގެ ހެކިބަސް ގަބޫލުނުކުރެވޭނެ ކަމަށް އިސްލާމީ ޖުމްހޫރީ އިލްމުވެރިންގެ ވިދާޅުވާ ކަމަށް ވެސް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.

"އެ ދެ ފަރާތުގެ ހެކިބަސް ބަލައިގަނެވޭނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް،" ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ.

ވޮޑަމުލާގެ މުއާމަލާތާ ގުޅިގެން ޔާމީން ގުޅުއްވި ކަމަށް އަދީބާއި ޒިޔަތު ވިދާޅުވާ ވިދާޅުވުން އިތުރަށް ކަށަވަރުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ. އަދި އަދީބަކީ ކުރިން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާފައިވާ ބޭފުޅަކަށް ވާތީ އޭނާގެ ހެކިބަހަށް އެއްވެސް ބުރަދަނެއް ނުދެވޭނެ ކަމަށް ވެސް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ. އަދި ޒިޔަތު ޖަލުން ގޭ ބަންދަށް ބަދަލު ކުރުމާއި އަދީބަށް އެހެން ދައުވާތައް ކޮށްފައިވާ ވަނިކޮށް އެ ދެ ބޭފުޅުން ދެއްވާފައިވާ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފަނޑިޔާރު ޝަހީދު ވިދާޅުވީ ޔާމީންގެ އަމަލުތަކުން އެނގެނީ އެ މަނިކުފާނުގެ ހެޔޮ ނިޔަތެއް އޮތްކަން ކަމަށެވެ. އަދި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ހިންގެވުމުގެ ނުބައި ނިޔަތެއް ނެތި، ޔާމީން ހިންގެވި މުއާމަލާތެއް ކަމަށް ވެސް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރި ކަމަށް ދައުލަތުން ބުނާ ބުނުން އެއްވެސް ގޮތަކަށް ހަމަނުޖެހޭ ކަމަށެވެ.

"މިއީ މަނީ ލޯންޑްރިންގެ އަމަލެއް ނުވަތަ ކުށެއް ނޫންކަން އެނގޭ،" ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަހުގީގު ފުލުހުން ހިންގާފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށެވެ. އޭގެ ސަބަބުން ޔާމީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން ދަށު ކޯޓުން ޝަރީއަތުގެ ތާވަލް ދުރާލާ ކަނޑައަޅާފައި ނުވާ ކަމަށާއި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ޔާމީނަށް ލިބިދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީންގެ މައްޗަށް ދަށު ކޯޓުން ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ޖޫރިމަނާ ކުރަން ޖެހޭނީ ފަސް މިލިއަން ޑޮލަރަށް ވާ ދިވެހި ރުފިޔާއިން ކަމަށް ވެސް އޭނާގެ ރައުޔުގައިވެ އެވެ.

ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަން ފަނޑިޔާރު ޝަހީދު ރައުޔު ނެރުއްވިޔަސް، އަޣުލަބިއްޔަތު ރައުޔުގައި ފަނޑިޔާރު މަޒީދު ފާހަގަކުރެއްވި އެހެން ބައެއް ނުކުތާތަކަށް އޭނާ ވެސް ތާއީދު ކުރެއްވި އެވެ.

72 ކޮމެންޓް, 145 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 14%
icon angry icon angry 33%
icon wow icon wow 3%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރޒިބެ

22 January 2021

ސަހީދު މީ ޔާމިނު ގެ ދިފާއީ ވަކީލުތަ?

The name is already taken The name is available. Register?

ފަހުުދު

22 January 2021

މިއީ ހަމަ ހަގީގަތުގަވެސް ގަޓު ރައީސްއެއް. އެހެން އެންމެންވެސް ބަނޑުގަ ރިއްސާ ބޮލުގަ ރިއްސާ ލޮލައްނުފެނި ބުރަކަށި އޮޕަރޭޝަން ކުރަންޖެހި އާގުބޯޓަކައް އަރައިގެން ފިލަންވެސް އުޅުނު

The name is already taken The name is available. Register?

އަޑީނޭގެކަންތައް؟

22 January 2021

ރާއްޖޭ މިނިވަން ވިޔަފާރިއެއް ދެން ނޯންނާނޭ އަވައްޓެރި ޤައުމަކުން ދިންއެއްޗެ ކައިގަން ދިވެހިން ތިބެން ޖެހޭނީ. ދިވެހިން ވިސްނާ ފުކުރެއް ނުކުރޭ.

The name is already taken The name is available. Register?

ހިލަބެ‫

22 January 2021

‫އީޓިން ސްލީޕިން 5 ޔާ ނޯޕްރަބްލެމް

The name is already taken The name is available. Register?

ފުރެންޑު

22 January 2021

ޖޭއެސްސީ އަކީ ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ތިބޭ ގޮތަށް އޮންނަ ހާހިދަކު، ތި ކޯޓުތަކުން ހުކުމް ނުކުންނާނީ ސަރުކާރު ބޭނުންވާ ގޮތަށް. އެހެންނޫނީ ކުއްލިޔަކަށް އެގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ ގައި ހިންގާ އެ ގާޒީ ދުވަސް ދުއްވާލާނެ. ޖުޑިޝަރީއަށް އައި ބަދަލަކީ ކުރިން އޮތީ ރައީސް އަތުގަ މިބާރު. މިހާރުމިބާރު އޮތީވެރިކަން ހިންގާޕާޓީގެ އަތުގައި.

The name is already taken The name is available. Register?

ަީާ ހަރީރާ

22 January 2021

އަލް ޙަމްދު ލިއްﷲ. ރައްޔިތުންގެ ލާރި ގަނޑު ހިތުހުރި ގޮތަކަށް ކައި ބައި އެޅި ދުވަހު ހިތަކަށް ނޭރި ތިމަން މި ދުވަސް ދެކެން ޖެހިދާނެ ކަމެއް. ހީކުރީ އުމުރު ދުވަހު މަތިހަށި ނަގާ މޮޅު ބަސްބުނެ ކާލަކާލާ ހުރެވޭނެ ކަމަށް.. މިހާރު ވެރިކަމުގަ ތިބި މީހުން ވެސް ވިސްނާލަން ރަނގަޅު އިބުރަތެއް މީ ހަމަ

The name is already taken The name is available. Register?

Logging in

22 January 2021

ދިވެހިރާއްޖޭަގައި ވެސް އެބަ އުޅޭ ވަގުންނަ ހިއްވަރު ދޭ އަދި އެވަގުން އަތުން ލާރި ހޯދައިގެން ހައްޖަ ދާ އަދި މިސްކިތް އަޅާ މީހުން ވެސް. މިއޮތީ ގައުމެއް

The name is already taken The name is available. Register?

ަފަހުދު

22 January 2021

މޑޕ ގެ އިންސާފު އަދި ރަން ފަސްއަހަރުގެ ބާނީ

The name is already taken The name is available. Register?

ށަވިޔަނި

22 January 2021

ތި މައްސަލާގައި މައްސަލަ ހުރިކަން ގަބޫލުކުރެވޭ. ތި ހުކުމުން އެކަން ދޭހަވޭ. ބެލެވޭ ބުރަވެވޭ ފަދަ ބަސްތައް ޖިނާއީ މައްސަލައެއްގަ ރަނގަޅު ނުވާނެ. ޔަގީންވޭ ކަށަވަރުވޭ މިއީ ރަނގަޅު ގޮތް.

The name is already taken The name is available. Register?

ކިޔު

22 January 2021

ތީނަ މޮޅު. ހެހެ

The name is already taken The name is available. Register?

ޟަމީރ

22 January 2021

ދުވަސް ވުމަކީ ޔާމީނު ކުރިވައްކަން ތިނެސްކަނަށް ބަދަލުވާންޖެހޭ ސަބަބެއްނޫން. ޚޮދު ޖަމީލު ބުނެފަ އޮންނާނެ ޔާމީނުއަތުގައޭ މިހުރިހާ ފައިސާއެއްވާނީ. މިހާރު މާ ހެޔޮއެދިގެންކަމަށް އުޅުނުސް ކައިރިގަ ހުރެޖެން އެތިފަހަރެއް ޖަހަން ފަސޭހަވާނެތީ ތިހާ ގާތްވެގެން ތިއުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454