ސަލީމާއި ސުޖާގެ ކޮޅު ބަދަލުކުރީ އިތުރު ގޮތެއް ނެތުމުން: މުސްތޮފާ

ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ގޮތަށް ކުރެއްވުނު ކަންކަމަށް މައާފަށް އެދިވަޑައިގެން ކުރީގެ ރައީސް މައުމޫނާ އެކު އިސްލާހަށް މަސައްކަތް ކުރައްވަން ނިންމެވުމަށް ފަހު އެނބުރި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގަތީ އެ ދެ މެމްބަރުންނަށް އިތުރު ގޮތެއް ނެތިގެން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު މައްސަލަތަކާ ހެދި ޕީޕީއެމް ދެ ފަޅިވެ ދެ ފެކްޝަނެއްގެ ގޮތުގައި ހިންގާ އިރު، މި ހަމަނުޖެހުމުގައި، މަޖިލީހުގެ މެމްބަރުން ވެސް ވަނީ ދެ ބަޔަށް ބެހިފަ އެވެ. ޕީޕީއެމް ޕީޖީ ގްރޫޕުގެ ނިންމެވުންތަކާ މެދުު ހިތްހަމަޖެހިވަޑައިނުގެން ސަލީމާއި ސުޖާއު ރައީސް މައުމޫނާ އެކު މަސައްކަތް ވެސް ފެއްޓެވި އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ދެ މެމްބަރުން ވަނީ އަލުން ރައީސް ޔާމީން ފެކްޝަނާ ގުޅިވަޑައިގެންފަ އެވެ.

އޭގެ ސަބަބަކީ، ދެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކުގައި އެއްބާރުލުން ދޭން ދާއިރާގެ ރައްޔިތުން ބޭނުން ވުމެވެ.

އެކަމަކު، ވިޔަފާރީގެ ގޮތުން ގުޅިފައިވާ ސަލީމާއި ސުޖާއު ކޮޅު ބަދަލުކުރެއްވީ، ރެޑްވޭވުން 50 މިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން ހުޅުމާލޭގައި ހެދި ފިހާރައާ އެކު ހުޅުވަން ޖެހޭ ކެފޭ އާއި ބޮޑު ގުދަނުގެ އެއްބަސްވުން ބާތިލުކޮށް ތަން އަތުލާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައި ވަނިކޮށެވެ. މި ނިންމެވުމާ އެކު ކެފޭ ހުޅުވުމަށް ދިން މުއްދަތު ވެސް ވަނީ އިތުރު ކޮށްދީފަ އެވެ.

ސަލީމުގެ ވިޔަފާރި އަށް ގެއްލުން ލިބޭ ގޮތަށް ކުރިިމަތި ކުރި ޕްރެޝަރުތަކަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވީ ރައީސް ޔާމީނާ އަލުން ގުޅިވަޑައިނުގަތް ނަމަ ސަލީމުގެ ވިޔަފާރި އަށް ކުރިމަތިކުރާނެ ގެއްލުންތައް ބުނެދޭން ވެސް ނޭނގޭނެ ކަމަށެވެ. މި ސަރުކާރަކީ ކޮންމެ ފަދަ ކަމެއް ކުރަން ވެސް ޖެހިލުންވާނެ ސަރުކާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަލީމް އެހެން ނުހެދި ނަމަ ހުރިހާ ތަނެއް ނަގާނެ، ގާނޫނީ އެއްބަސްވުމަކަށް ނުވަތަ އެހެން ކަމަކަށް ވެސް ބަލާ ސަރުކާރެއް ނޫން މިއީ،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެމްބަރުންނަށް އެއްވެސް ދިމާލަކުން އަދި ސަލާމަތްތެރިކަމެއް ނެތެވެ. ގޯސްކޮށް ކަންކަން ކޮށްފި ނަމަ، ސަލާމަތް ހޯދަން އޮތީ ޝަރުއީ ނިޒާމުގެ ތެރެއިން ނަމަވެސް އެ ތަނުން ހައްލު ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ރައީސް ޔާމީނާ އަލުން ގުޅިވަޑައިގަތްކަން ނޫސްވެރިންގެ ކުރިމަތީގައި އިއުލާން ކުރައްވަމުން ސަލީމް ވިދާޅުވެފައި ވަނީ މައުމޫނަށް ތާއީދުކުރަން ނިންމި ނިންމުން އޭދަފުށީ ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ 90 ޕަސެންޓްގެ އެދުމަކީ ރައީސް ޔާމީނާއެކު މަސައްކަތް ކުރުން ކަމަށް ވެސް ސަލީމް ވިދާޅުވެފަ އެވެ.