ޚަބަރު / އުމަރު ނަސީރު

އެމްޑީޕީ މެމްބަރުން ގޮވައިލައްވަަނީ އުމަރު ހައްޔަރުކުރަން

ފެބްރުއަރީ 16، 2017: އުމަރު ނަސީރު އޭނާގެ އޮފީހުގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ. އުތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން އުމަރު ދައްކަވާ ވާހަކައާ ގުޅިގެން އޭނާ ހައްޔަރުކުރަން ބައެއް މެމްބރުން ގޮވައިލެއްވި

އުތުރު ތިލަފަޅުގައި ސިފައިންްގެ ބަނދަރެއް ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއްމުކުރެއްވި ލިޔެކިއުންތަކަކީ ބޮޑު އޮޅުވައިލުމެއް ކަމަށް ވިދާޅުވެ، އޭނާ ހައްޔަރުކޮށް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުންކަަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ ކަން ތަހުގީގުކުރަން ގޮވައިލައްވައި އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ ގައުމުގެ ސިޔާދަތު ނަގައިލަން ދޮގުހަދައިގެން ވާހަކަ ދައްކާ މީހުން ،މިނިވަންކަމާ އެކީ އުޅެން ދޫކުރުމަކީ ލިބޭނެ ގެއްލުމެއް ކަމަށެވެ.

އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހުރި ވާހަކަތައް ކަަމަށް ވިދާޅުވެ، އުމަރު ވާހަކަ ދައްކަވަނީ އިންތިހާބާ ދިމާކޮށް "ގައުމު ފަސާދަކުރަން" ކަމަށް އޭނާ ސިފަކުރެއްވި އެވެ. އެހެންވެ އެކަން ހުއްޓުވަން ކަމާ ބެހޭ ހުރިހާ ،މުއައްސަސާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ދޭން ޖެހޭ ތަމްރީނުތައް ދިނުމަށާއި އެހެން ގައުމުތަކުގެ އަސްކަރީ މީހުން ބޭތިއްބުމަކީ ކޮންމެ ސަރުކާރެއް އޮތަސް ހިނގާ ކަމެއް ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ބޭރު ބަޔަކަށް އަސްކަރީ ކޮންޓްރޯލް ދޫކޮށްލުން ނޫން ކަމަށް، ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެއް މެމްބަރު ކަމަށް ވާ އަފީފް ވިދާޅުވި އެވެ.

"މިފަދަ ވާހަކަތައް ދައްކާ ފަރާތްތައް، ހަގީގަތާ ހިލާފަށް ރާއްޖޭގެ ސަލާމަތާ ގުޅޭ ގޮތުން މިފަދަ ވާހަކަ ދައްކައި، ރާއްޖޭގެ ސަލާމަތް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލަން މަސައްކަތްކުރާ މީހުންނާ ދޭތެރޭ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް މި ގޮވައިލާ، ކުއްލި މައްސަލައިގައި މި ގޮވައިލާ ގޮވައިލުން، ދިވެހި ސަރުކާރުން އެކަމުގެ މައްޗަށް އަމަލުކުރުމަށް އަޅުގަނޑު ވެސް ސަރުކާރަށް ގޮވައިލަން،" އަފީފް ވިދާޅުވި އެވެ.

އެކަމަކު އުމަރު އިއްޔެ ވިދާޅުވެފައި ވަނީ ލީކްކޮށްގެން އުޅެނީ އިންޑިއާއާ އެކު މި ސަރުކާރުން ކޮށްފައިވާ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު ހާމަކުރަައްވާނެ ކަމަށް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ އަބަދުވެސް ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާ އުމަރު ވިދާޅުވި އެވެ.

ޑްރާފްޓް އެގްރިމެންޓްގައި ހިމެނޭ ބައެއް ކަންކަމާއި މައުލޫއުގެ ހުލާސާ

އުތުރު ތިލަފަޅު މިހާރުގެ މަޝްހޫރު ނަމުންނަމަ ޔޫޓީއެފްގައި ކޯސްޓް ގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާށާއި މަރާމާތުކުރަން ޑޮކްޔާޑަކާއި ވައިގެ ބަނދަރަކާއި ސިފައިން ތިބޭނެ ތަންތަން ހެދުން ފަދަ އެތައް ފެސިލިޓީއާ އެކު ތަރައްގީކޮށްދެނީ އިންޑިއާ ސަރުކާރުންނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިންޑިއާއާ އެކު އެއްބަސްވެފައިވާ ގޮތަށް އެކަން ކުރިއަށް ދާ ނަމަ އެ ބަނދަރު އޮންނާނީ އިންޑިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

އިދިކޮޅުން ދައްކާ ވާހަކަ އެމްއެންޑީއެފާއި ސަރުކާރުން ދޮގުކުރެ އެވެ.

ޕީޕީއެމް/ޕީއެންސީން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު އެއްބަސްވުމަކަށް ނުދެވުނީ ވެސް ރާއްޖޭގެ ސިޔާސަދަށް ގެއްލުން ހުރި ކަންކަން ހުރުމުންނެވެ. އަދި ޔޫޓީއެފް އޮތް ސަރަހައްދަކީ، ބައިނަލްއަގުވާމީ ގޮތުން ވެސް މުހިންމު ޕޮއިންޓަކަށް ވެފައި، އިންޑިއާ ނޫނަސް އެހެން ބައެއް ގައުމުތަކުން ވެސް އެތަން ތަރައްގީކުރަން އެދެމުން ދާތީ، އެންމެ މަސްލަހަތު ހުރީ ސަރުކާރުން އެކަން އަމިއްލައަށް ކުރުން ކަމަށް، ޔަމީން ގަބޫލުފުޅުކުރެއްވި ކަމަށް ވެސް، އިދިކޮޅުން ބުނެ އެވެ.

އެކަމަކު މި ސަރުކާރުން ވަނީ ސީދާ އިންޑިއާ ސަރުކާރުގެ އެހީގައި ޔޫޓީއެފް ތަރައްގީކުރަން އެއްބަސްވެ، ސޮއި ވެސް ކޮށްފަ އެވެ. އިއްޔެ ލީކްކޮށްގެން އުޅެނީ، އެ އެގްރިމެންޓްގެ ޑްރާފްޓެއް ކަމަށް، ބައެއް މީޑިއާތަކުން ބުނެ އެވެ. އެއީ ޑްރާފްޓެއްކަން، ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ސިޓީން އެނގެ އެވެ. އެ ސިޓީގައި އެދިފައި އޮތީ "މި ޑްރާފްޓާ މެދު ދިވެހި ސަރުކާރުން އެއްވެސް ހިޔާލެއް އޮތް ނަމަ އެކަން ހުށައެޅުމަށެ"ވެ.

ޑްރާފްޓްގައި ހިމެނޭ އެއް ކަމަކީ ޔޫޓީއެފް "ހިންގާށާއި އިދާރީ ކަންކަމަށް އެކަށީގެންވާ ވަރަށް އިންޑިއާ ސިފަައިިންނަށް ހުއްދަ ލިބެން ޖެހޭ" ވާހަކަ އެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމުގެ ކުރިން ޑިޒައިންކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު ވެސް، އަދި ފަހުން ފެސިލިޓީ މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވެސް، އެކަމަށް އެކަށީގެންވާ ވަރަށް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް، ޑްރާފްޓްގައިވެ އެވެ.

ޔޫޓީއެފް ތަރައްގީކުރަނީ، ދިވެހި ސަރުކާރުގެ ލަފައާ އެކު އިންޑިއާ ސަރުކާރުން ކަނޑައަޅާ ކޮންޓްރެކްޓެއް ކަމަށް ވެސް، އޭގައިވެ އެވެ.

ކޮމިޓީތަކުގައި ދެ ގައުމުން އެއްވަރަކަށް!

އެއްބަސްވުމުގައި ސޮއިކުރި ދުވަހު، އެމްއެންޑީއެފުން ބުނީ ޔޫޓީއެފް ތަރައްގީކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާ "ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ"ން ކަމަށެވެ. ޑްރާފްޓްގައި ވެސް އެ ވާހަކަ އެބަ އޮތެވެ. އެކަމަކު ޖޭޕީއެމްސީގައި ރާއްޖެއަށް އަގުލަބިއްޔަތެއް ނުލިބެ އެވެ. ކޮމިޓީގައި ކޮންމެ ގައުމަކުން ތިބެނީ ތިން މެމްބަރުންނެވެ. އެގޮތުން ރާއްޖެއިން، ޗީފް އޮފް ޑިފެންސް ފޯސް އާއި ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ. އިންޑިއާ ތަމްސީލުކުރައްވާނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރާއި އިންޑިއާ ސަރުކާރުން ކަނޑައަޅާ އިތުރު ދެ މީހެކެވެ.

ކޮންމެ ހަ މަހަކުން މަދުވެގެން ކޮމިޓީގެ އެއް ބައްދަލުވުން، އިންޑިއާ ނުވަތަ ރާއްޖޭގައި ބާއްވަން ޖެހެ އެވެ. މި ކޮމިޓީ އުވޭނީ ޔޫޓީއެފް ތަރައްގީކޮށް ނިމޭތާ ހަ މަސް ފަހުންނެވެ.

ޑްރާފްޓް އެގްރިމެންޓް ބުނާ ގޮތުން ޔޫޓީއެފަކީ ދިވެހި ރާއްޖޭގެ މިލްކެކެވެ. ނަމަވެސް ތަން މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. އެކަމަށްޓަކައި ކޮންމެ ގައުމަކުން މަދުވެގެން ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖޮއިންޓް ރެސިޑެންޓް ޓީމް (ޖޭއާރުޓީ) އެއް އުފައްދަ އެވެ.

ޔޫޓީއެފްގެ ހިންގުމުގައި ދުވަހުން ދުވަހަށް ނަގަން ޖެހޭ ޒިންމާތައް ނަގާނީ ޖޭއާރުޓީންނެވެ.

ޔޫޓީއެފްގައި ހިމެނޭ ހުރިހާ ފެސިލިޓީއެއް، އޭގެ ތެރޭގައި ކޯސްޓް ގާޑު ބަނދަރާއި ވައިގެ ބަނދަރު ވެސް، ދެ ގައުމުގެ ސިފައިންނަށް ބޭނުންކުރެވޭނެ ކަމަށް، ޑްރާފްޓް އެގްރިމެންޓްގައި ބުނެ އެވެ. ބަނދަރު ހެދުމާއި ހިންގުމުގައި އިންޑިއާއިން ވެސް ހޭދަކުރާތީ، ޑްރާފްޓް އެގްރިމެންޓް އޮތް ގޮތުން، ބަނދަރުން އިންޑިއާއިން ހޯދާ އެއްވެސް ހިދުމަތަކަށް ޗާޖެއް ނުކުރެވޭނެ އެވެ.

އެހެން ގައުމެއްގެ އަސްކަރީ އުޅަނދަކަށް ފުރުސަތެއް ނެތް!

ޔޫޓީއެފް ފުރަތަމަ ތަރައްގީކުރުމުގެ ހިޔާލު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ގެންގުޅުނީ ބޭރުގެ އަސްކަރީ އުޅަނދު ފަހަރަށް ވެސް ހިދުމަތް ހޯދޭ ގޮތަށެވެ. އެކަމަކު ލީކްވި ޑްރާފްޓްގައި ބުނެފައިވާ ގޮތުން، އެތަނުގެ ބޭނުން ތިން ވަނަ ޕާޓީއަކަށް (އިންޑިއާ އާއި ދިވެހި ސިފައިން ނޫން) ހޯދޭނީ، ހަމައެކަނި އަމިއްލަ ފަރާތްތަކަށެވެ.

މިއީ ކުރީގެ ރައީސް ޔާމީން ވެސް އެންމެ ކަންބޮޑުވެވަޑައިގެންނެވި އެއް މައްސަލަ ކަމަށް، އިދިކޮޅުގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ރަހުމަތްތެރި އެހެން ގައުމެއްގެ ސިފައިންގެ އުޅަނދުފަހަރަށް ވެސް ހިދުމަތް ނުހޯދޭ ގޮތަށް ހަމައެކަނި އެއް ގައުމެއްގެ ބާރު ހިނގާހެން، ޔޫޓީއެފް ތަރައްގީކުރުމަކީ މައްސަލައެއް ކަމަށް، އިދިކޮޅުގެ ބަައެއް ބޭފުޅުން ދެކެވަޑައިިގަންނަވަ އެވެ.

މި ޑްރާފްޓަކީ ދޮގެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރު ތަފުސީލެއް ނުހިމެނެ އެވެ. އެހެންކަމުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި މީގެ ތެރެއިން އުނިކޮށްފައި ވަނީ ކޮން ބައެއް ކަމެއް ނުވަތަ ސަރުކާރުން އިތުރުކުރީ ކޮން ޕޮއިންޓްތަކެއްކަމެއް އެނގޭނެ ގޮތެއް ނެތެވެ.

68 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 2%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަކީނާއްތަ

24 March 2021

އުމަރުއަކީ ތަފާތު ވިސްނުމެއްގެ ބޭކަލެއް. އަހަރެމެންނަށް ބޭނުންވޭ އުމަރު ކަހަލަ ކެރޭމީހަކު ހުއްނަން އިދިކޮޅުގައި. ގައުމުހަމަ މަގުގައި ކުރިޔަށް ދާނީ ތަފާތުވިސްނުންހުއްނަ މީހުންނަށް ފުރުސަތުދީގެން. އުމަރު އެތެރެކުރި ކުއްތާތަކަކީ ފުލުހުންގެ މަސައކަތް ހަރުދަނާކުރުމަށް ކުރެވުނު މުހިއްމުކަމެއްނޫންތޯ.

The name is already taken The name is available. Register?

ބައިނާ

17 March 2021

ގައުމުގެ ސިޔާދަތު ނަގާލަން ދޮގުހަދައިގެން ވާހަކަ ދައްކާ މީހުން ހައްޔަރުކުރަންޖެހޭނަމަ އެންމެ ކުރިން ހައްޔަރުކުރަންޖެހޭނީ މިހާރު ވެރިކަމުގަ ތިބި މީހުން. އެކަހަލަ ވާހަކައަކީ ވަކި މީހަކަށް ވަކި ސަރުކާރަކަށް ފެތެންޖެހޭ ކަމެއް ނޫން. އެޒާތުގެ އެންމެ ގިނަ ދޮގު ހެދުނީ ޔާމީންވެރިކަމުގަ ޔާމީން ސަރުކާރާ ދެކޮޅަށް. އެކަމު އަނިޔާވެރިކަމަށް ކިޔާ ޔާމީންވެސް އެކަމާ ގުޅިގެން މީހުން ހައްޔަރެއްނުކުރޭ.

The name is already taken The name is available. Register?

ހާދަ މަޖަލޭ

16 March 2021

އެމްޑީޕީން ގޮވާ ގޮވެއްޔެއް ވިއޔާ ކަލޭމެންވެސް ގޮވާނެނު. ހައްޔަރު ކުރިޔަސް ބޭޒާރުވެ ފަ ތިއޮތީ. ތެޅިބާލާތަން ފެނުނީމަ މަ ހީނހީނ ބަލިވެއްޖެ. އަބަދު ބައިތިއްބަންވީ ނޭވާހޮޅިއަށް އަޅުވާ ފަ.

The name is already taken The name is available. Register?

މަސްކަނޑު

16 March 2021

ތިޔަ ބޮޑު ކޯލިޝަނަށްވުރެ އުމަރު އެކަނި ދައްކާ ވާހަކަވެސް މަށަށް ގަބޫލްކުރެވޭ. ލުތުފީ އިއްޒަތުގަ ގެންގުޅޭ ވާހަކަވެސްވީ މާސިންގާ ތެދަކަށް. އެކަމަކު ކަލޭމެން އޭރުބުނީ އެއީވެސް ދޮގެކޭ

The name is already taken The name is available. Register?

އުދުހޭ

16 March 2021

އެހެން އެ ގޮވަނީ ހަރުކަށިފިކުރުގެ ހައްދުފަހަނަ އަޅާފައިވާ މީހުން

The name is already taken The name is available. Register?

ރަން

16 March 2021

މިހާރު އެ އަދަދު 60 އަށް އަރުވައިފި

The name is already taken The name is available. Register?

ޓިކްޓޮކް

16 March 2021

އެބަ ރަނގަޅުވޭ. ސާބަހޭ އުމަރު .. ތިތިބީ ދިވެހި ދަރީން! ޔެސް ސަރ " ސެލިއުޓް "

The name is already taken The name is available. Register?

ހަސަދު

16 March 2021

ފޮތެއްތާކު އޮތަކަސް އެދުރެއްނުވާނެ. އެފޮތުން އެއްވެސް ފޮޅުވަތެއް ވިދާޅު ވިހެނެއް ހިއެއްނުވޭ. ނުވަތަ ވިދާޅުވިއަސް ފަހުމް ނުވީ.

The name is already taken The name is available. Register?

ހށނ

16 March 2021

އުމަރުގެ މޭޒުމަތީ އެއޮތީ އުމަރުގެ ގޯލްޑް ކޭމްޕެއިން މެނުއަލް. އޭގަ އޮތްގޮތަށް އުމަރު ކުރިއަށް އެގެންދަނީ. މިއަންނަ ފަހަރަކީ އުމަރު ކާމިޔާބު ކުރާނެ ފަހަރު. މަވެސް މިތައްޔާރުވަނީ އުމަރުގެ އޮޑިއަށް އެރޭތޯ.

The name is already taken The name is available. Register?

ޜޯލިން

16 March 2021

އުތުރުތިލަ ފަޅޭ އެބުނާތަނެއް އެބުނާގޮތަށް އެޤްރިމެންޓް އެއީ ހަޤީގަތެއް ކަމުގައި ވަންޏާ އަންނަ ރިޔާސީ އިންތިހާބު ނޯވެދާނެ ފަހަރެއްގައި. އެއީ އިންޑިއާއިން އެވަންނަނީ އެހީވުމުގެ ނަމުގައި ސީދާ އެމީހުންގެ އަސްކަރިއްޔާ މެދުވެރިކޮށް އުތުރުން ދެކުނަށް އެކިސަރަހައްދު ތަކުގައި އެކި ޕުރެހެކްޓްތައް ހިންގާ އެގައުމުގެ ސި ފައިންގެ ރޯލް މިގައުމުގެ އެކިސަރަހައްދު ތަކުގައި ވަރުގަދަކުރަމުން. އެހެންވީމާ ސީދާ ހާޑުވެއާ އަށް އެވަދެގެންނަނީ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454