ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ހަމައެކަނި ރައީސަށް ދޭ ގޮތަށް ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައި. - ފޮޓޯ: މަޖިލިސް
15 ނޮވެމްބަރ 2016 - 10:49
އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ހަމައެކަނި ރައީސަށް ދޭ ގޮތަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ޝާހު ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ދޭން ގާނޫނަށް އިސްލާހު ހުށަހެޅީ އެ މަޖިލީހުގެ ހިންގުން ހަރުދަނާ ކުރުމަށެވެ.
ފަސް މެމްބަރުންގެ މި މަޖިލީހުގައި މިހާރު ތިއްބަވަނީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ ބޭފުޅަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރަކާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ބޭފުޅެއްގެ އިތުރުން ސީދާ ރައީސް ތަމްސީލު ކުރައްވާ ދެ މެމްބަރެކެވެ.
ޝާހު އިސްލާހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން މެމްބަރަކު އައްޔަން ކުރެވޭ ގޮތަށް އޮތް އޮތުން އުނި ކުރުމަށާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން "މަޖިލީހުގެ ރުހުމާ އެކު" މެމްބަރުން އައްޔަން ކުރެވޭ ގޮތަށް ބަދަލު ގެނެސް، ހަމައެކަނި ރައީސަށް މެމްބަރު އައްޔަން ކުރެވޭ ގޮތަށެވެ. އަދި ކުރިން ރައީސް ތަމްސީލް ކުރައްވާ ދެ މެމްބަރުންގެ ބަދަލުގައި ތިން މެމްބަރުންނަށް ބަދަލު ކުރަން ވެސް އިސްލާހު ހުށަހެޅުއްވި އެވެ.
އިސްލާމީ ފަތުވާދޭ މަޖިލިސްގެ ނަމުގައި އޮފީހެއް ރައީސް ގާއިމްކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެއީ، އިސްލާމިކް މިނިސްޓަރަށް ޖަވާބުދާރީ ވާ، އެ މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ ވަކި އިދާރާއެކެވެ. އެކަމަކު، ފަތުވާ ދޭ މަޖިލީހުގެ އޮފީހެއް ރައީސް އަބްދުﷲ ޔާމީން އަދި ގާއިމްކުރައްވާފައެއް ނުވެ އެވެ.
މިދިޔަ އޭޕްރީލް 25 ގައި ތަސްދީގުކޮށް، އަމަލުކުރަން ފެށި ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގްހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދިނީ ލަފާ ފޯރުކޮށް ދިނުމަށް އުފެއްދި މަޖިލީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
16 November 2016
ރައީސްގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ ޤާނޫނުކަމަށް ހަދައި، ތިޔަ މަޖުލިހާއި ކޯޓުތަކާއި މިނިވަން މުއައްސަސާތައް އުވާލާށެވެ.
އަލީ ނަސީރު
16 November 2016
ކޮން ފަތުވާއެއްތަ؟ ސްކޫލް ގަ ކިޔަވާދީބަަލަ! ދުންމާރީން ގިނަވީމަ ގިނަހިލަ އަކީ ޖިންނި މަރަން އަންނަ ހިލަ ގަޑެކޭވެސް ގަބޫލް ކުރާމީހުން މަދެއް ނޫންވިއްޔާ!
ނިއުރާޤް
15 November 2016
ޤައުމުގެ ޙާލަތު މިދަރަޖަޔަށް ވެއްޓި ހުރިހާ ކަމެއް މަސްހުނިވެ ވަކިމީހަކަށް ހުރިހާ ބާރެއްލިބި އެބާރުގެ ބޭނުން އެއްވެސް ޢަދުލުވެރިކަމެއްނެތި ހިފަމުންދާން ފެށީމަ ކޮންމެ ރައްޔިތެއްގެ ވާޖިބެއް ދީނާ ޤައުމާ ދަރިންނާ އަންނަންއޮތް ޖީލްތަކުގެ ޙައްޤުގަ ތެދުވެ ހިންދަމާލުމަށްފަހު ޙައްޤުގެ މަގުގައި ސާބިތުވެ މަސައްކަތްތަކެއް ކުރުން. މި ޤައުމު މިއަދު މިސްރާބު ޖަހާފަމިވަނީ ވަރަށް ނުބައި ދިމާލަކަށް.
وِلِ احمد
15 November 2016
މަނިކްފާނު ތިކޮމެޓީއަށް ބޭފުޅުން އައްޔަން ކުރައްވާއިރު ވަރަށް ރަނގަޅުވާނެ ސަޢުދީ ޢަރަބިޔާގެ އެއްމެ މަތީ ފަތުވާކޮމެޓީގެ ލަފާފުޅެއްހޯއްދެވުން އޭރުން މަނިކުފާނައް އެނގިވަޑައިގައްނަވާނެ މިރާއްޖޭގައި މިއުޅޭ ޝޭޙުންނާއި އެކޮމެޓީގައި އެ ތިއްބަވާ ހެޔޮލަފާ އިޙްލާސްތެރި ހާޤީޤީ ޢިލްމުގެ އަހުލު ވެރިންނަކީ ކޮބައިކަން. އަދިހުރި ފަރަގު.
މާލޭ އަހުމަދު
16 November 2016
ސައުދި މީހުން ކާރި ކުރަން ހެޔޮ މުވާނެ.ނުބައި ކން ހައްދު ފަހަނަޅައިފާ ވާ ބައެއް
ހުސައިން ފަޔާޒް
15 November 2016
ވަރަށް ދެރަ ، ފަތުވާ ދީ ކަންކަން ބަޔާން ކޮށްދޭން ތިބެންވާނީ ދީނީ ޢިލްމު އުނގެނިފައިތިބި ތަޖްރިބާކާރު ހުނަރުވެރި އަދި ރައްޔިތުންގެ އިޙްތިރާމާ ލޯބި ލިބިފައިވާ ބައެއް، ނަމަވެސް ތިޔަ ގެންނަވާ އިސްލާޙްގެ ސަބަބުން ފަތުވާ ދޭ ކޮމެޓީ ވާނީ ސިޔާސީ ކަމާމެދު ޝައްކެއް ނެތް . ރައީސުލް ޖުމްހޫރީއްޔާ ކަމުގައި ކޮންމެ މީހަކު ހުއްޓަސް ދީން ސިޔާސީ ހަތިޔާރަކަށް ހަދައި ފިތުނަވެރިކަން އުފައްދަން ޖާގަ ދެވިގެން ނުވާނެ.
އެމްސް
15 November 2016
ހުރިހާ ކަމެއް ރައީސާއި ޙަވާލު ކޮށްފަ، ހުރިހާ މިނިސްޓްރީއެއްވެސް އުވާލަން ފެނޭ، އޭރުން ފަހަރުގަ ދައުލަތުގެ ޚަރަދުވެސް ތަންކޮޅެއް ކުޑަކުރެވިދާނެ
ކކ
15 November 2016
ޤާނޫނުލް އުޤޫބާތަށް އިސްލާހެއް ހުށަހަލަންޖެހޭ، އެއިސްލާހަކީ 1- ދިވެހިރާއްޖޭގެ ބިން ބޭރު ބިދޭސީންނަށް ވިއްކާ މިލްކު ކޮށް ދިނުމަކީ ކުށެއްކަމަށް. 2- މިކުށުން ކުއްވެރި ވެއްޖެ މީހަކު 25 އަހަރަށް ޖަލަށް ލާންޖެހޭނެކަމަށް 3- މިކުށުގައި ބައިވެރިވާ މީހަކުވެސް 25 އަހަރަށް ޖަލައްލާންޖެހޭނެކަމަށް 4- ބިންވިއްކާ މިލްކު ކޮށްދީގެން ހޯދާފައިސާ އެމުއާމާލާތެއް ކޯޓުން ބަތިލު ކުރުމަށްފަހު އެފައިސާއެއް އެފަރާތަކަށް އަންބުރާ ރައްދުކުރަންވާނެއެވެ!