ޚަބަރު / ކްރިމިނަލް ކޯޓް

ބޮޑެތި ޝަރީއަތްތަކެއްް ނިމުމަކާ ގާތަށް، ފަހު އަޑުއެހުން މާދަމާ

އަދީބު ކްރިމިނަލް ކޯޓަށް ގެންދަނީ: މާދަމާ ހުކުމްކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ --މިހާރު ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް މިދިޔަ އަހަރު ބާރު ސްޕީޑްގައި ހިންގި ދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވި އެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެ ދެ މައްސަލަ ހިންގައި، ހުކުމް ކުރުމުން އޭގެ ފާޑު ކިޔުން ޖުޑިޝަރީއަށް އަމާޒުވިއިރު އެކަމަށް ތައުރީފްކުރި ބަޔަކު ވެސް ތިއްބެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހުން އަނެއްކާވެސް މިއީ އެފަދަ ދުވަސްވަރެކެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ގާތް ދެ ބޭފުޅުންނާއި އޭނާގެ ދެ ބޮޑީގާޑުންނާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އަދި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ޝަރީއަތް ބާރު ސްޕީޑްގައި ހިންގައި، މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބާއި އޭނާގެ ގާތް މީހެއް ކަމަށްވާ ހާމިދު އިސްމާއިލާއި އަބްދުﷲ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައިވާއިރު ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން އިތުރު ދެ ދައުވާއެއް އަދީބަށް ވަނީ ކޮށްފަ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އެވެ. އަދި ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނެ ވެސް ޓެރަރިޒަމްގެ އިތުރު ދައުވާއެއް އަދީބަށް ވަނީ ކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ފޭކް ކޯޓު އަމުރެއް ހެދި ކަމަށް ބުނެ މުހުތާޒް މައްޗަށް ތިން ދައުވާއެއް ކުރާއިރު އެ މައްސަލާގައި މެޖިސްޓްރޭޓް ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް ކުރެ އެވެ. އޭގެ ތެރޭގައި، ކުށް ސާބިތުވެއްޖެ ނަމަ ބޮޑު އަދަބުތަކެއް އަންނަ ޓެރަރިޒަމްގެ ދައުވާ ވެސް ހިމެނެ އެވެ.

ކުރީގެ ޕީޖީ މުހުތާޒު: އޭނާ ވަނީ ރޭ ގާޒީ ބާރީއާ ކޯޓުގައި ޒުވާބުކުރައްވާފައި -- ފައިލް ފޮޓޯ

ކުރިން އެކި ފަނޑިޔާރުން އަދި ފަނޑިޔާރުންގެ ބެންޗްތަކުން ބަލަމުން އައި އެ މައްސަލަތަކުގައި މި ހަފުތާގައި ހެކިބަސް ނަގަން ހަމަޖައްސާފައި ވަނިކޮށް ކުއްލި ގޮތަކަށް އެ ހުރިހާ މައްސަލައެއް ވެސް ބެލުމާ ހަވާލުވެވަޑައިގަތީ ގާޒީ އަބްދުލްބާރީ ޔޫސުފް އެވެ. އެ ހިސާބުން ދެން ފެނުނީ ބާރު ސްޕީޑްގައި ފުލުފުލުގައި ކޮންމެ ދުވަހަކު އެ ޝަރީއަތްތައް ބާއްވައި، ހެކިބަސް ނަގަން ފެށި ތަނެވެ.

މިދިޔަ ބުދަ ދުވަހާއި އިއްޔެއާ ދެ ދުވަހު ވެސް ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑާ އެއްކޮށް ހެކިބަސް ނެގުން ކުރިއަށް ގެންދިޔަ އެވެ. ދައުވާ ލިބޭ މީހުންނާއި ދެ ފަރާތުގެ ވަކީލުންނާއި ދައުވާ ލިބޭ މީހުންގެ އާއިލާ މެމްބަރުންނާއި ނޫސްވެރިން މި ދެ ދުވަހު އެއްކޮށްހެން ހޭދަކުރަން ޖެހުނީ ކޯޓުގަ އެވެ. ރޭ ބޭއްވި ޝަރީއަތްތައް ނިމުނުއިރު މެންދަމު 1:30 ވާން އޮތީ ގާތްވެފަ އެވެ.

މުހުތާޒު ރޭ ވަނީ ގާޒީ ބާރީ އަށް ރައްދު ދެއްވައި، "މިރޭ ފަތިސް ވަންދެން ވެސް ޝަރީއަތް ކުރިއަށް ގެންދަވަނީތޯ" ސުވާލުކުރައްވައިފަ އެވެ. އޭގެ ޖަވާބުގައި ގާޒީ ބާރީ ވިދާޅުވީ ފަތިސްވެ، އިރުއަރާތޯ ނުބައްލަވާ ކަމަށެވެ. އަދި ކޯޓަކީ 24 ގަޑިއިރު މަސައްކަތްކުރާ ތަނެއް ކަމަށް ގާޒީ ވިދާޅުވުމުން މުހުތާޒު ރައްދު ދެއްވީ އެގޮތަށް ކުރިއަށް ގެންދަނީ ވަކި ޝަރީއަތްތަކެއް ކަމަށް ވިދާޅުވެ އެވެ.

މުހުތާޒު ވިދާޅުވި ގޮތުގައި އަވަސް އަރުވާލައިގެން ޝަރީއަތް ކުރިއަށް ގެންދަނީ އޭނާގެ ބަލި ހާލަތަށް ވެސް ބެއްލެވުމެއް ނެތި އެވެ.

މިހާރު ކުރިއަށް ދާ ޝަރީއަތްތަކުގެ ތެރެއިން އަދީބުގެ އެންމެ މައްސަލައެއް ފިޔަވައި އެހެން ހުރިހާ މައްސަލައެއްގައި ވެސް ދެ ފަރާތުގެ ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފަ އެވެ. އެ މައްސަލަތަކުގެ ފަހު އަޑުއެހުން ނުވަތަ ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުން މާދަމާ ހެނދުނާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.

ކޮންމެ މައްސަލައެއްގައި ވެސް ފަހު އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމެވެ. މީގެ ކުރިން ނަޝީދާއި ނާޒިމްގެ މައްސަލާގައި ވެސް ހުކުމްކޮށްފައިވަނީ ޚުލާސާ ބަޔާން ހުށަހެޅި އަޑުއެހުމަށް ފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެހެންވެ މި މައްސަލަތަކުގައި ވެސް މާދަމާގެ ވަގުތެއްގައި ހުކުމް ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ހެކިބަސް ނަގާ ނުނިމި އޮތީ ރިޔާސީ ލޯންޗް "ފިނިފެންމާ"ގައި އަދީބު ބޮމެއް ހަރުކުރި ކަމަށް ބުނެ އަދީބާއި އޭނާގެ ދެ ބޮޑީގާޑަކަށް ކުރާ ދައުވާގަ އެވެ. ނުނެގި އޮތީ ވެސް ދައުލަތުގެ އެންމެ ސިއްރު ހެކިވެރިއެއްގެ ހެކިބަހެވެ. އޭނާގެ ހެކިބަސް ވެސް އަންނަ އާދިއްތަ ދުވަހު ނަގާނެ ކަމަށް ބެލެވޭތީ އެ މައްސަލަ ވެސް ނިމުމަކާ ގާތަށް ދާން މާ ގިނަ ދުވަހެއް އޮތް ކަމަކަށެއް ނުބެލެވެ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ަައ ލ ޤ

04 June 2016

ޤާޒީ ބާރީ އަކީ ބިރެއްނެތި ޝަރީޢަތް ކުރާ ބޭފުޅަކީތާއެވެ. ބުނޭނެ ބަހެއް ނެތެވެ. ޙައްޤައްނޫނީ ޙުކުމް ނުކުރައްވާށެވެ. އެކަކަށްވެސް އަނިޔާވެރި ވުމެއްނެތެވެ. ނުބައި ނުލަފާ ޙުކުމް ނެރޭޤާޟީގެ ނުބައިކަމާއެވެ!!!

The name is already taken The name is available. Register?

އޮފްދާރު

03 June 2016

ބާރީ ބާރު ސްޕީޑްގައި ޝަރީއަތް ތިޔަކުރަނީ - ބާރަށް ބާރަށް ކުރިއަށް ދެވިދާނޭ ހިތާތަ؟ ނޫނެކެވެ. އެހެންޏެއް ނުވާނެއެވެ.. ތެޔޮހުސްވެ އުޅަނދު ހުއްޓޭނީ އެއްކަލަ ނާއިންސާފުން ހުކުމް ކޮށް - އަނިޔާ ދިންމީހުން ތިބިތާ މެދަށް ކަން ޔަގީނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454