ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) (މ). އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
15 ނޮވެމްބަރ 2016 - 13:32
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ލިބެން ޖެހޭ ހައްގުތަކުގެ މަތީގައި ސަރުކާރުން "އަތް އަޅާފައިވާ" ކަމަށް ވިދާޅުވެ، ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ނުފޫޒުގެ ތެރެއިން ކަންކަން ކުރަމުން އަންނަ ތަން ފެންނަ ކަމަށެވެ. އެކަމަކު، ސަރުކާރުގެ ޒިންމާއަކީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރައްޔިތުންނަށް ހުރިހާ ކަމެއްކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްޑެގެ ވާހަކައިގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމަށް ސަރުކާރުން އެތައް ފިއްތުންތަކެއް ކުރިމަތިކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރެޑްވޭވް ސަލީމަށް ގާނޫނުގެ ތެރެއިން ލިބިފައިވާ ހައްގުތަކުގައި ސަރުކާރުގެ އިދާރާތަކުން "އަތް އެޅީ" ވަކި ބޭފުޅަކަށް ތާއީދު ކުރަން މަޖުބޫރު ކުރުމަށް ފަހު އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް. (މ). އޭނާއަށް ސަރުކާރުން ތަފާތު ފިއްތުންތައް ކުރިމަތިކުރުވި ކަމަށް ވައްޑެ ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު
"އޭނާ އަށް (ސަލީމަށް) ވަނީ މަޖުބޫރީ ހާލަތުގެ ބޭނުން ކުރަން ޖެހިފައި. މަޖުބޫރީ ހާލަތުގެ ސަބަބުން އޭނާގެ ހައްގުތައް އަލުން ލިބިގެން ދިޔަ،" ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ މެމްބަރު ވައްޑެ ވިދާޅުވި އެވެ.
"ގާސިމަށް ކޮން ފަދަ ހާލެއްތޯ އެ ޖައްސަވަނީ؟ ބޭނުންވާ މީހެއްގެ ހައްގު މަތީގައި އަތް އަޅާފައި އެއީ ތިމާމެން ހެޔޮ ކަމުން ދޭ އެއްޗެއް ގޮތުގައި ހަދާފައި، އެ ހައްގުތަކުގެ މައްޗަށް އަރައިގަންނާތީ އަޅުގަނޑުމެން ބަލަން އެބަޖެހޭ ގާނޫނާއި ގަވާއިދުތައް، ސައުދުﷲ އަށް ވެސް ހައްގުތައް ދީފައި ހައްގުތައް އަތުލީ."
ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކުން މިސާލު ނަންގަވަމުން ވައްޑެ ވަނީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ނުހިންގުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ސަލީމްގެ ކުންފުނި ރެޑް ވޭވް އަށް ހުޅުމާލެ އިން ދޫކުރި އިމާރާތުގައި ހެދި "ރެޑް ވޭވް ކެފޭ" އަށް ހެލްތު މިނިސްޓްރީން ލިބެންޖެހޭ ހުއްދަ ދިނީ ޕީޕީއެމްގެ މުސްތަޝާރު ޔާމީންގެ ކޮޅަށް ކުއްލި ގޮތަކަށް ވިސްނެވުން ބަދަލު ކުރުމުންނެވެ. ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގަތުުމުގެ ނަތީޖާއަކީ ހެލްތު މިނިސްޓްރީގެ ހުއްދަ ވެސް ކެފޭއަށް ލިބި، އަދި ކެފޭ ހުޅުވުމުގެ މުއްދަތު މި މަހުގެ 25 ގެ ނިޔަލަށް ސަލީމަށް ލިބުމެވެ.
އެޗްޑީސީން ކުރިން އަންގާފައި އޮތީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ކެފޭ ހުޅުވަން ޖެހޭނެ ކަމަށާއި އެކަން އެ މުއްދަތުގައި ނުކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި 50 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްގެން ހުޅުވާފައިވާ ރެޑް ވޭވް ފިހާރަ ހިންގަން ދިން އެއްބަސްވުން ބާތިލް ކުރުން ހިމެނެ އެވެ. ހެލްތުން ލިބެން ޖެހޭ ހުއްދަތައް ލިބުމުން މިދިޔަ އާދިއްތަ ދުވަހު ވަނީ އެ ކެފޭ ހުޅުވައިފަ އެވެ.
ގާސިމަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް މައުމޫން ވެސް ކުރިން ވާހަކަ ދެއްކެވި އެވެ. ގާސިމަށް ދަތިކުރަނީ ކޮން ކަމަކުން ކަމެއް މައުމޫން ސާފުކޮށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު މިގޮތަށް ވިދާޅުވިއިރު ގާސިމްގެ ވިޔަފާރިއާ ގުޅޭ ގޮތުން ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކެއްގެ ޝަރީއަތް އަވަސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި (ކ) އަދި ޕީޕީއެމްގެ ރައީސް މައުމޫން. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަލީމާއި ގާސިމްގެ އިތުރުން ސައުދުﷲ ގެ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ލޮޅުން އަރަން ވަނީ ފަށައިފަ އެވެ. އެ ގޮތުން ޅ. ހިންނަވަރު ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން މިދިޔަ މަހުގެ 1 ގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއު ހުއްޓާލަން ސަރުކާރުން ވަނީ އަންގައިފަ އެވެ.
ބަޖެޓަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ ކުރީގެ ބަޖެޓުތަކުގައި ހިމެނިފައި ހުރި ކަންކަން ނުވެ ހުރެފައި، އަނެއްކާ މި އަހަރަށް ބަޖެޓް ކުރެވިގެން ދާތަން ފެންނަމުންދާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަކީ ވަރަށް ތާކުން ތާކު ނުޖެހޭ މުއައްސަސާތަކެއްކަން ބަޖެޓަށް ބަލާލީމަ ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުން ޝަރުއީ ދާއިރާ އަށް ކަނޑައަޅާފައިވާ އަދަދުން ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ނުދެވުމަކީ އެ ދާއިރާއަށް ދިން ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފިނޭންސް މިނިސްޓްރީއަށް ބަޖެޓުގައި ހިމަނާފައިވާ އަދަދުން ކުރަނީ ކޮން ކަމެއްތޯ ސާފު ނުވާތީ އެ މިނިސްޓްރީއަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓްރީއަށް ހައްދެއް ނެތް ބަޖެޓެއް ކަނޑައަޅާފައި އޮތީ، އެ ބަޖެޓުގައި އެއްވެސް ތަފްސީލެއް ހިމަނާފައެއް ނެތް، ކޮން ކަމަކާ ގުޅޭ ގޮތުން އޮތް ބަޖެޓެއް ކަމެއް އެނގެން ނެތް،" އޭނާ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވި ގޮތުގައި ބަޖެޓަކީ ކިތަންމެ ސާފު ބަޖެޓަކަސް، ބަޖެޓުގެ ފޮނި މީރު ކަމަކީ ބަށި ކޯޓަކުން ނުވަތަ ފުޓްސަލް ދަނޑެއް އެޅުމަކުން ވާނެ ކަމެއް ނޫނެވެ. އަދި ޒުވާނުންނަށް ދަޅަ ދެއްކުމުގެ ބަދަލުގައި އެ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ
15 November 2016
ބާކީ 2 އަހަރު ، އިލެކްޓޯރަލް ވޯޓެއް ތަޢާރަފްކުރޭ. ޢެނުންގޮތަކަށް ޔާންބެ ހޮވޭނެ ގޮތެއްނެތް. ޔާންބެ ދަންނަބައެއް ނުއުަޅޭނެ. ފަހަރުގައި ފައިސާގެ ދަހިވެތިވެފައިތިބި ބަޔަކު ތިބެދާނެ. ޢެމީހުންވެސް މިފަހަރަކު ނުދޭނެ ވޯޓެއް، ނުހޮވޭނެކަން އިނގޭވިއްޔާ.
އުދުހޭ
15 November 2016
ހައްލަކީ މިކަންކަން ދެން އަންނަ ވެރިކަމެއްގައި ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތަށް ރައްޔިތުންނަށް މިސާލަކަށް ވާގޮތަށް އެޅުން! އެ އުންމީދު އަޅުގަނޑު އެބަކުރަން!
މަކުނުދޫ ވާހިދު
15 November 2016
ބަލަގަ ރީނދޫކުލައިގެ މަމެން މީގެ ތިންހަތަރު އަހަރުކުރިން ގޮވަމުންދިޔައީ މިވާހަކައޭ! މިހާރު ތިއޮތީ އަމިއްލައަށް ފޭނުހު އިލޮށި އަމިއްލަމީހާގެ ލޮލައް ހެރިފައި!! ދެން ލަލަލާލލލލލލ
ވަޑަން
15 November 2016
ވައްޑެމެންގެ މައްސަލައަކީ ވައްޑެމެންގެ ކަމެއްގައި ހައްޤު ގެއްލޭ ވާހަކަ ދައްކާއިރު، އާދައިގެ ނިކަމެތި މީހާގެ ހައްގުގައި މިނިވަން މުއައްސަސާތައްވެސް ހަމައަކަށް އަޅުވަން ނޫޅެވުނުކަން. މި ޤައުމުގެ އެންމެ ބޮޑު މައްސަލައަކީ ތިމާއަށް މައްސަލައެއް ތަހައްމަލު ކުރެވުމުގެ ކުރިން، އެހެން މީހުންގެ ހާލަތާއި މެދު ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން ނެތްކަން.
ހާމިދު
15 November 2016
ވަރަށް ރަނގަޅު ވާހަކައެއް!
އަހްމަދި
15 November 2016
ދެންފާޑުވިދާުވާނެކަމެއްނެތް ވިދާޅުވޭ ރަގަޅު
ހާމިދު
15 November 2016
ކޮމާކޯޅިއެއްގެ ތެރޭގައި "ރަނގަޅު"
ކޮލަމާފުށި
15 November 2016
ސާބަސް ވައްޑެ...ހައްގުބަސް ބުނުމުގަ ދެމިހުންނާތި
ސޮބާ
16 November 2016
ވައްޑެ އަށް ހައްގުބަސް ތިބުނެވެނީ ވައްޑެއަށް ހައްގުތައް ގެއްލެންފެށީމަ