މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކްލެމެންސީ ބޯޑުން ވައްޑެ ވަކި ކުރާތީ މެމްބަރުންގެ މެދުގައި ވަނީ ހޫނު ބަހުސެއް ހިނގާފައި. - ފޮޓޯ: މަޖިލިސް
17 ނޮވެމްބަރ 2016 - 13:33
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ކްލެމެންސީ ބޯޑުން ވަކިކުރަން އުޅޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް މިއަދު ހިނގައިފި އެވެ.
ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާ ކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ. އެ ބޯޑުގައި އެކަށީގެންވާ މަސައްކަތެއް ވައްޑެ ކުރައްވަމުން ނުގެންދަވާ ކަމަށް ގަރާރުގައިވެ އެވެ.
އެހެންވެ، އާރިފް ހުށަހެޅުއްވީ އެ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވުމަށެވެ. އެ ބޯޑަށް މީހުން އައްޔަންކޮށް އަދި މީހުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު ވައްޑެ. އޭނާއަކީ ކްލެމެންސީ ބޯޑުގެ މެމްބަރެއް. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މި ގަރާރަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވި ގޮތުގައި އޭނާ ކްލެމެންސީ ބޯޑުން ވަކި ކުރަން އުޅެނީ ހައްގު ގޮތުގައި ތެދުވެ، ހަގީގަތާއި އެއްގޮތަށް ވާހަކަ ދައްކަން ފެއްޓެވީމަ ކަމަށެވެ. އަދި ކަމެއް ގޯސްކޮށް ހިނގާނަމަ، ސަރުކާރު ޒިންމާދާރު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޯސްކޮށް ކަމެއް ހިނގާ ކަމަށްވަނީނަމަ، އެންމެ ކުރީ ސަފަށް ނިކުންނާނެ ބޭފުޅަކަށް ހުންނާނީ އަޅުގަނޑު، ކުރެވޭނެހާ ވެސް ކަމަކަށް އޮންނާނީ ފްރޭމްކޮށްގެން ގޮނޑި ދުއްވާލުން،" ވައްޑެ ވިދާޅުވި އެވެ.
ވައްޑެގެ ވާހަކައިގައި ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރައީސް އަދި ބަންޑާރަ ނައިބު މުހައްމަދު އަނިލް ޖަލްސާތަކަށް ވަޑައިނުގަންނަވާތީ ފާޑު ވިދާޅުވި އެވެ. އަދި މިހާރަކަށް އައިސް މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ބަހުސް ކުރުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިނުގަންނަވާތީ މަޖިލީހަށް ފާޑު ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ކްލެމެންސީ ބޯޑުން ވައްޑެ ވަކި ކުރަން އުޅެނީ ޖަވާބުދާރީވުމަށް ވައްޑެއަށް އެކަށީގެންވާ ފުރުސަތު ނުދީ ކަމަށެވެ. މިއީ މަޖިލީހުގެ ހުދުމުހުތާރު ކަމުގެ ލާމަސީލު މިސާލެއް ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ މަޖިލީހަށް އެކި އިސްލާހުތަކާއި ގަރާރުތައް ހުށަހަޅައިގެން ބާރުތައް އެއް ކުރަން ކަމަށް ވެސް ނިޒާރު ތުހުމަތު ކުރެއްވި އެވެ. އަދި އަންނަ އޮތް ޖީލުތަކަށް މި ގައުމު ސަލާމަތް ކުރުމަށް އެންމެން އަތުގުޅާލައިގެން ތެދުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކްލެމެންސީ ބޯޑުން ވައްޑެ ވަކި ކުރުމާ ގުޅޭ ގަރާރު ހުށަހެޅުއްވީ އާރިފް (ވ-2). - ފޮޓޯ: މަޖިލިސް
"ކޮންމެ ދުވަހަކު ގާނޫނުތަކަށް އިސްލާހު ހުށަހަޅައިގެން ބާރުތައް އެއް ކުރުމަށް ކޮންމެވެސް އެއް ބޭފުޅަކު ވަކި ކުރާނެ،" ނިޒާރު ވިދާޅުވި އެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން އާރިފް ވިދާޅުވީ ކްލެމެންސީ ބޯޑުން ވައްޑެ ވަކި ކުރަން އުޅެނީ ވައްޑެގެ ނާގާބިލްކަމުން ނޫން ކަމަށާއި އެއީ ޖަލްސާތަކުގެ ހާޒިރީއަށް ބަލާފައި ކުރަން ނިންމި ކަމެއް ކަމަށެވެ. އަދި ވައްޑެއަށް އެކަށީގެންވާ ވަރަށް ޖަލްސާތަކަށް ވަގުތު ނުދެވޭ ކަމަށް އާރިފް ވިދާޅުވި އެވެ.
"ވައްޑެ ހޮއްވެވީ އަޅުގަނޑުމެން، އެހެން ބޭފުޅުންގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" އާރިފް ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވި ގޮތުގައި މިއީ ރައީސް ޔާމީން ވިދާޅުވާހާ ގޮތަކަށް އަމަލު ކުރަން އޮންނަ މަޖިލީހެކެވެ. އަދި މި ގައުމުގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށް އޭނާ ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ވައްޑެ މަގާމުން ވަކި ކުރުމަކީ ގައުމުގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. މަޖިލިސް ތަމްސީލް ކުރައްވަން ވައްޑެ ކުރައްވާފައިވާ މަސައްކަތްތަކަކީ ބަލައިގަންނަން ޖެހޭ ފަދަ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލު ކުރަން ދަތި ވައްޑެއަށް ވުރެ ވަކި ގާބިލް ބޭފުޅަކު، ދެން އެ މަގާމަށް ކަނޑައެޅިދާނެ ކަމާމެދު، މިއީ ކޮންމެވެސް ނުފޫޒެއްގެ ދަށުން ހިނގާ ކަމެއް،" ފާރިސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ވައްޑެ އެ ބޯޑުން ވަކި ކުރަން މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ. އެ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލި ބޯޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
17 November 2016
ވައްޑޭވެސް މިއަދު އެދުވަހުކުރެވުނު ކަންތައްތަކާ މެދު ދެރަވާނެ ދެންވެސް ހެޔޮނިޔަތުގައި މަސައްކަތްކުރައްވާ
ތާރީޚް
17 November 2016
7 ފެބުރުއަރީގައި ވައްޑޭ ގޮސް އެމްއެންބީސީގެ ޗެނަލްވަންގެ ނަން ބަދަލުކުރުވައި، ރަޖިސްޓަރީ ނުކޮށް އޮތް ޗެނަލެއްގެ ނަމުގައި ބްރޯޑުކާސްކުރި ޓީވީގައި ވާހަކަދެއްކި ދުވަސް މަ ހަނދާންވެއްޖެ
ދދ
17 November 2016
ވައްޑެގެ ގޮޑިވެސް ގެއްލެންވާނެތާ އޭނަޔަށް މަސްއޫލިއްޔަތު އަދާނުކުރެވެންޏާ!