މިދިޔަ ހަ ދުވަހު ވެސް ކޮންމެ 24 ގަޑިއިރަކުން އިތުރު 1،000 ކޭސް ދަނީ ފެންނަމުން. ޕޮޒިޓިވްވާ ރޭޓް ދަށެއް ނުވޭ
މަހުގެ ފުރަތަމަ 14 ދުވަހު ކޮވިޑް ކޭސްތައް ހުރި ގޮތް
14 މެއި 2021 - 23:55
ކޮވިޑް-19 ގެ ކޭސްތައް އާދަޔާ ހިލާފަށް އިތުރުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން ދިޔަ ނަމަވެސް މި މަހުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި މާބޮޑު ނަތީޖާއެއް ނުފެނި، ޓެސްޓުކުރި ކޮންމެ ފަސް މީހަކުން އެކަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އާންމު ހިސާބުތަކުން ދައްކައިފި އެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެ އިން ކޮވިޑް-19 އަށް 939 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި ކުރީގެ ސާމްޕަލްތަކުގެ ތެރެއިން ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތަކުން ލިބުނު ނަތީޖާ އެކު ޖުމްލަ 1،467 ކޭސް އަލަށް ފެނުނު ކަމަށް އެޗްޕީއޭ އިން މިރޭ ހާމަކުރި އެވެ. މިއާ އެކު މި މަހު ކުރި ޓެސްޓުގެ އަދަދު ވަނީ 62،898 އަށް އަރައިފަ އެވެ. މީގެ ތެރެއިން 12،940 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއީ 20.5 ޕަސެންޓުގެ ޕޮޒިޓިވީ ރޭޓެވެ. އެހެންވެ މިއީ ޓެސްޓްކުރި ކޮންމެ ފަސް މީހަކުން އެކަކު ބައްޔަށް ޕޮޒިޓިވް ވުމެވެ.
މަހުގެ ފުރަތަމަ 14 ދުވަހަށް ބަލާއިރު ޓްރެންޑް ފެންނަނީ ކުރާ ޓެސްޓުގެ ނިސްބަތުން ޕޮޒިޓިވްވާ ރޭޓް ދަށް ނުވެ މަތިވަމުންދާ ތަނެވެ. އަދި މި ޓްރެންޑާ އެކު މިދިޔަ 24 ގަޑިއިރު 939 ކޭސް އަލަށް ފެނުމަކީ 24 ގަޑިއިރަކަށް ބަލާއިރު އަނެއްކާވެސް ރެކޯޑް މަތީ އަދަދެކެވެ. އަދި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 15،000 އަށް ވުރެ މައްޗަށް މިއަދު ގޮސްފައި ވާތީ މިއީ ބަލީގެ ހާލަތު ނުރައްކާކަން އަންގައިދެ އެވެ.
އެޗްޕީއޭ އިން ހާމަކުރާ ދުވަހު ހިސާބުގެ މައްޗަށް ބިނާކޮށް ހިސާބު ހެދުމުން މި މަސް ފެށުނު އިރު ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 10.43 ގަ އެވެ. ފުރަތަމަ ހަތް ދުވަސް ނިމުނު އިރު މި ރޭޓް ހުރީ ދެ ގުނަ އަށް ވުރެ މަތިވެ 24.29 ގަ އެވެ. އަދި ދެ ވަނަ ހަފުތާ މިއަދު ނިމުނު އިރު ހުރީ 29 ޕަސެންޓަށް އަރައިފަ އެވެ. އަދި މިދިޔަ ހަ ދުވަހު ވެސް، ކުރީގެ ސާމްޕަލްތަކުގެ ނަތީޖާއާ އެކު ކޮންމެ 24 ގަޑިއިރަކު އަލަށް ފެންނަ ކޭސްތަކުގެ އަދަދު ހުރީ ހާހުން މަތީގަ އެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަަކަށް ބަލާއިރު އަލަށް ކޮވިޑަށް ޕޮޒިޓިވްވި 1،467 މީހުންގެ ތެރެއިން 1،267 މީހުންނަކީ މާލެ ސަރަހައްދުގައި އުޅޭ މީހުންނެވެ. ރަށްރަށުން 182 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އެއީ ޓެސްޓުކުރި 5،037 ސާމްޕަލްގެ ތެރެއިންނެވެ.
ކޮވިޑްގެ ބަލީގައި މިހާތަނަށް 91 މީހަކު ރާއްޖެ އިން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން މި މަހުގެ މިހާތަނަށް ވެސް 18 މީހަކު މަރުވެފައި ވެ އެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް މިހާރު ވަނީ 290 އަށް އަރައިފަ އެވެ.
ރާއްޖެ އިން މިހާތަނަށް 42،775 މީހުންނަށް ކޮވިޑް ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން 27،672 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ވަނީ ދިގު ދަންމާލައިފަ އެވެ. އަދި ކެފޭ/ރެސްޓޯރަންޓުތަކާއި ސްކޫލުތަކާއި އެހެނިހެން ބައެއް ތަންތަން ވެސް ވަނީ ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
15 May 2021
ކޮވިޑުޖެހި ރަނގަޅުވާ މީހުންނަށް މަދުވެގެން 3މަސް ވަންދެން އެބަލީގެ ރައްކާތެރިކަން ލިބިދޭއިރު އެއްކޮޅުން ކޮންމެ ދުވަހަކު ތިހާ ގިނަބަޔަކަށް ކޮވިޑުޖެހި ރަނގަޅުވަމުންދާއިރު އަނެއްކޮޅުން އާބާދީގެ ބޮޑުބައެއްދަނީ ވެކްސިންޖަހާ ރައްކާތެރިކަން ހޯދަމުންނެވެ. އެހެންވީއިރު ކިތައްޕަސެންޓް މީހުންނަށް ކޮވިޑާއި ވެކްސިން ޖެހުމުންތޯ ރައްކާތެރިކަންލިބި ފިޔަވަޅުތައްދޫކުރަނެކަމަށް އެޗްޕީއޭއިން ދެކެނީ؟ މަގަބޫލުކުރާގޮތުގައި އެންމެނަށް ވެކްސިންޖެހިއަސް ބާރެއްދޫނުކުރާނެ.
ޝެނީޝާހް
15 May 2021
ފުލް ލޮކްޑައުނަކަށް ނުގޮސް މާލޭގައި ކޮވިޑު ކޮންޓްރޯލު ނުވާނެކަން މިހާރު ގެޓު ވާން ވެއްޖެ ކަން ނޭގޭ. މައްސަލައަކީ ފިޔަވަޅުތައް ކަޑަވީމައެއް ނޫން. އެކަކުވެސް ފިޔަވަޅުތަކަށް ބޯނުލަނބާތީ. ސަރުކާރު އޮފީސްތަކާއި، މާލެ އޭރިޔާކެ ކޯޓުތަކަށް ގިނަ މުވައްޒަފުން ނެރެގެން އެބަ ހިންގާ. އެތަންތަނަކުން ވެސް ބޯ ނުލަނބާ ދައްކަނީ ނުކިޔަމަންތެރިކަމާއި ވަރިހަމަކަން. ޕާމަސިސްޓުގެ މާސްކުވެސް ދަތްދޮޅީގައި. ސިގިރޭޓް ދުން ބުރުވާ މީހުން މަގުތަކުގައި. މާރުކޭޓް ފުރިފައި
ފޭކު ކޭސްތައް އިންއެކިޔުރޭޓް
15 May 2021
ކޮވިޑް ރާއްޖޭގައި ފެތުރެން ފެށިއިރު އަތޮޅުތަކުގެ މައި ހޮސްޕިޓަލްތަކުން ޕީސީއާރު ޓެސްޓު ހެދޭ. އެކަމަކު މިހާރު ނެހެދޭ. ހުރިހާ ޓެެސްޓެއް ގެންދަން މިޖެހެނީ މާލެ. ރާއްޖެއަަށް އަންނަ ޓޫރިސްޓުންނަށް ވީމާ ރިސޯޓްތަކުން ޕީސީއާރު ޓެސްޓް އެރިސޯޓަކުން ހެދޭ. ރަށްތަކުން ޓެސްޓް ހަދަން އެބަ ނަގާ 2-3 ދުވަސް. ކަރަންޓީން ނިމުނަސް 3 ދުވަސް ވަންދެން މަޑުކުރަން އެބަޖެހޭ. މިއީ އެއްވެސް ގޮތެއް ނޫން.