ރާއްޖެ އިން ކޮވިޑް-19 ފެނުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެ ބަލީގައި 100 ވަނަ މީހާ ރޭ ފަތިހު ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ކޮވިޑްގައި 100 ވަނަ މީހަކަށް ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް-11" ގައި ފަރުވާދެމުން އައި އުމުރުން 56 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. އޭނާ ނިޔާވީ ރޭ ފަތިހު 4:41 ގަ އެވެ.
މިއީ ކޮވިޑް ބަލީގައި މިއަދު ނިޔާވި ދެވަނަ މީހާ އެވެ. ކޮވިޑް ޖެހިގެން އިއްޔެ ވެސް ހަތަރު މީހަކު ނިޔާވެފައިވާއިރު، މިއީ އެ ބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މި މަސް ދެބައިއިރު ވަނީ ކޮވިޑް ބަލީގައި 25 އަށް ވުރެ ގިނަ މީހުން ނިޔާވެފަ އެވެ.
ރާއްޖެ އިން ފަހަކަށް އައިސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ކުރިއަށް ވުރެ އަވަހަށް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އެވްރެޖްކޮށް ކޮންމެ ދުވަހަކު ނިޔާވާ މީހުންގެ އަދދު ވެސް އުޅެނީ 4-5 ގަ އެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި މިއިން ދުވަހަކު ގޯސްނުވާ ވަރަށް ގޯސްވުމުން މުޅި ރާއްޖޭގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. މާލެ ސަރަހައްދުގެ އިތުރުން އެހެން ރަށްރަށަށް އެ ބަލި ފެތުރުމުން ގިނަ ރަށްތަކެއް ވަނީ ބަންދުކޮށްފަ އެވެ.
ރާއްޖޭގައި މިހާރު ވެސް ކޮވިޑް ޖެހިފައިވާ 15،000 އަށް ވުރެ ގިނަ މީހުން ތިބިއިރު 200 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެނީ އެޑްމިޓް ކޮށްގެންނެވެ.