ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހު ރިޔާސަތުގައި: އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން އަމާޒުވި- ފޮޓޯ: މަޖިލިސް
20 ނޮވެމްބަރ 2016 - 11:50
ރައްޔިތުންގެ މަޖިލީހަށް ފަހަކަށް އައިސް ހުށަހަޅާ ކަންކަމުގައި ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭތީ އިދިކޮޅު ބައެއް މެމްބަރުންގެ ފާޑުކިޔުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް މިއަދު އަމާޒުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން ދިޔައީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށެވެ.
ދެ ބިލަށް ވާހަކަދެއްކުމުގެ ބަދަލުގައި ބައެއް މެމްބަރުން ފާޑު ވިދާޅުވީ މަސީހަށެވެ. އެ ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ޕީޕީއެމްގެ ބައެއް މެމްބަރުން ރައްދު ދެއްވައި ވިދާޅުވީ މަސީހު ކުރަައްވަމުން ގެންދަވަނީ އެހެން މެމްބަރަކަށް ނުކުރެއްވޭ ވަރުގެ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ޕީޕީއެމް މެމްބަރުންނާއި ވައްޑެއާ ދެމެދު ބޮޑެތި ތަފާތު ކުރުންތަކެއް ދަނީ ގެންގުޅެމުންނެވެ. އެ ގޮތުން ޕީޕީއެމް މެމްބަރުންނަށް ވާހަކަ ދައްކަވަން ގިނަ ވަގުތު ދީފައި، ވައްޑެއަށް އެކަށީގެންވާ ވަގުތު ނުދޭތީ އޭނާގެ ދިފާއުގައި އިދިކޮޅު މެމްބަރުން ތެދުވެންނެވި އެވެ. އަދި ވައްޑެ ވެސް އެކަން މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ގެންނެވި އެވެ.
ޖަލްސާގައި ބިލަށް ބަހުސް ކުރައްވަން ވައްޑެއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ވެރިކަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް މިހާ ރަނގަޅު ފުރުސަތެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --ފޮޓޯ: މަޖިލިސް
އެކަމަކު މަޖިލީހުގައި "ސުޕާ މެޖޯރިޓީ" އޮވެ ސަރުކާރާ މެދު ހިތްހަމަޖެހިގެން ތިއްބެވީ ކިތައް މެމްބަރުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ސަރުކާރާ އެކު ތިއްބެވީ ޕީޕީއެމްގެ ވަރަށް މަދު އަދަދެއްގެ މެމްބަރުން ކަމަށާއި ގިނަ މެމްބަރުންގެ ތާއީދު ސަރުކާރަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހުންނެވި ވައްޑެއަށް ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވީ އެންމެ 30 ވަރަކަށް ސިކުންތެވެ. އެހެންވެ، ނިޒާމީ މައްސަލަ ނަންގަވައި ވައްޑެ ވަނީ މަޖިލީހުގެ ގަވާއިދަށް އަމަލުކުރން ގޮވާލައްވައިފަ އެވެ.
"މަޖިލިސް ހިންގުމުގައި ގަވާއިދެއް އޮވޭ، (ޕީޕީއެމް) ޕީޖީ ލީޑަރު (އަހުމަދު ނިހާނު) ވިދާޅުވިތޯ އަޅުގަނޑަށް އެއް މިނެޓުތޯ ދޭން ޖޭހެނީ،" ވައްޑެ ސުވާލު ކުރެއްވި އެވެ.
އޭނާ ނެންގެވި އެ މައްސަލައާ ގުޅިގެން މަސީހު ވިދާޅުވީ ޕާޓީތަކުގެ މެމްބަރުންނަށް ވަގުތު ކަނޑައަޅަނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން ރިޔާސަތަށް އަންގަވާފައި އޮންނަ ގޮތެއްގެ މަތިން ކަމަށެވެ.
"ބައެއް ފަހަރު ވަކިވަކި މެމްބަރުންނަށް ދޭން ޖެހޭ މިނެޓް ވެސް އަންގަވާ، އެއީ ރިޔާސަތުން ކުރާނެ ކަމެއް ނޫން،" މަސީހު ވިދާޅުވި އެވެ.
އެކަން ގަބޫލުނުކުރައްވައި ވައްޑެ ވަނީ މަޖިލިސް ތަޅުމުގައި ގިނަ އިރުތަކެއް ވަންދެން އަޑުގަދަ ކުރައްވާ މަސީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މަޖިލީހުގައި ގާނޫނުއަސާސީއާ ހިލާފަށް ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއްގެ ޒިންމާ މަސީހު ނަންގަވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޕާޓީތަކުގެ މެމްބަރުންނަށް ވަގުތު ކަނޑައެޅުމުގައި އެ ޕާޓީން އެއްވެސް މެމްބަރަކާ މެދު ތަފާތުކުރުން ނުގެންގުޅޭ ކަމަށެވެ. އަދި މިއީ މަސީހު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސީހު ދިފާއުކުރައްވަމުން ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތަށް މުޅި ގައުމުގެ ރައްޔިތުން ފަހުރުވެރިވާ ކަމަށެވެ. އަދި މަސީހާ 50 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.
"މަސީހު މަސައްކަތް ކުރައްވަނީ ވަރަށް ޒިންމާދާރުކަމާ އެކު. ކޮމެޓީތަކުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް މަސީހު ގެންދަވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން،" ޖަމީލް ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ރައްޔިތުން ތަމްސީލްކުރައްވާ ކޮންމެ މެމްބަރަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. އެކަމަކު އަމިއްލަ މެމްބަރަކަށް ވަގުތު ކަނޑައެޅުމުގައި ރިޔާސަތަށް ގޮތްތަކެއް ނިންމިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހަމަހަމަ އުސޫލަކުން ލިބެން ޖެހޭނެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރި ނަމަ،" ނިޒާރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަޕެޓް ފެކްޝަން
20 November 2016
ޕަޕެޓުން ބޭނުމެއްނުވޭ ތިތަނަށް،
ވިސްނާ
20 November 2016
އަދި ދުވަހެއް އެބައޮތެވެ. ފިރުއައުނާއި ހާމާނުވެސް މިހާރު ނެތެވެ. ހެޓިލަރެއްވެސް ނެތެވެ. ޕިލިޕީންސް ގެ މާކޯސްވެސް ނެތެވެ. ޔޫގޮސްލޭވިޔާގެ ސްލޮބްޑާން މިލޮޝެވިކްވެސް ނިމިދިޔައީއެވެ. ސައްދާމާއި ގައްޒާފީވެސް ނެތި ދިޔައީއެވެ. ވީމާ، ބާރެއް ލިބުނަސް އަދި ތެޅިގަންނާކަށް ނުޖެހެއެވެ. ނިމިދިޔުން ރަގަޅުނޫންކަށް ދުނިޔެވަނީ ދައްކާދީފައެވެ.
ޒިންދަގީ ހަސަން މަނިކް
20 November 2016
މަސީހު މެނަށް އަދި ތިޔަކަމުގެ ހިތި ނަތީޖާ ފެންނާނެ.
އުމަރު
20 November 2016
ހަގީގަތަކީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދަކީ ޤާނޫނު އަސާސީއާއި މުޅިން ހިލާފް ގަވައިދެއް އެއީ ޤާނޫނު އަސާސީގައިވެސް އަދި ރައްޔިތުންގެ މަޖިލިހުގެ ބާބުގައިވެސް ނޮއޮންނާނެ ސިޔާސީ ޕާޓީތަކުގެ އެއްވެސް ދައުރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގެ ގަވައިދު ހެދުމަކަށް، އެހެންކަމުން މަޖިލިހުގެ މެންބަރުންނަށް ވަގުތު ކަނޑައެޅުމުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ދައުރު ނޮއޮންނާނެ، އެކަން އެގޮތަށް އޮތިއްޔާ އެއީ ޤާނޫނު އަސާސީއާއި ފުށުއަރާ ގަވައިދެއް، ކޮންމެ 5000 ރައްޔިތަކަށް މަޖިލިހަށް މެންބަރަކު އައްޔަން ކުރެވެނީ އެހެންކަމުން ކޮންމެ 5000 ރައްޔިތުންގެ އަޑު އިއްވަން އެމީހުން ތަމްސީލްކުރާ މެންބަރަށް މަޖިިހުގެ ތެރެއިން ފުރުސަތުދޭންވާނެ، އެހެންކަމުން މިހާރު މަޖިލިހުގެ ރައީސް އެހިންގަވަނީ ޤާނޫނު އަސާސީއާއި މުޅިން ހިލާފް އަމަލެއް، މިފަދަކަންކަން ރައްޔިތުންގެ މަޖިލިހުގައި ރިކޯޑްކުރެވެންޖެހޭ
އޯލްރައިޓް
20 November 2016
ވައްޑެ އަށް ވާހަކަ ދައްކަން ފުރުސަތު ނުދޭތީ ދެން ކޮބާތޯ މައްސަލަ އަކީ. މަޖްލީހުގައި ތަމެން ވާހަކަ ދައްކައިގެން ކެއްކޭނެ ޑޮންޑޮނެއް އެބައޮތްތޭ މަމެން ސަރުކާރުން ތަމެންނަށް ކަމެއް ނުކޮށްދޭނަމަ. ތަމެންނަށް މުސާރަވެސް ދެނީ އެއީ މަމެން ސަރުކާރުން ކުރާ މަސައްކަތުން ނޫންތޭ. ހިއަރ ވީ ޕިންކީންސް އާރ އެގެެއިން. ބެޓަރ އޮފް އިޓް ދިސްވޭ. އޯލް ރައިޓް..
މައްޓި
20 November 2016
އަދި ވިސްނޭނެ ކޮއްކޮ އައް
ގައުމު
21 November 2016
މިއަދި ހާދަހާ މައްޗަކަަށް އަރުއްވައިފައި ހުންނަ ބޭކަލެކެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ބަހައްޓާފައިހުރީ ރައްޔިތުންނަަށް ބަދުބަސް ގޮވަން ދޯ؟ މި މީހުން ހިތުން މިއިން މީހަކު މަރެއްވެސް ނުވާނެ. ބޭފުޅާ! އެނގޭތަ ހާރޫނާއި ޤާރޫނަަށް ވީ ގޮތް؟ އަބޫޖަހުލު ދަންނަންތަ؟ ބޮޑާކަމާއި، މާއްދިއްޔަތަށް ހެއްލެވިފައި ހުރިލެއް ތަންްކޮޅެއް ބޮޑުހެން ހީވަނީ... ތިހެން ކޮމެންޓް ކޮށްކޮށް އޮއްވާ މާދަމާ ނޫންކަމެއް ނޭނގެ ނަގާ ހޫރާލާނީއަކީ.... ދެން ދާނީ މަހަށްތަ؟ ފަރަށްތަ؟