ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ރޭ ބޭރުކޮށްލުމާ އެކު، އެމްޑީޕީގެ އެތެރެ "ފަޅައިގެން" ގޮސް ނަޝީދުގެ ސަޕޯޓަރުންގެ ފަރާތުން ހޫނު ހަމަލާތަކެއް ދީފި އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ނުފޮނުއްވޭނެ ކަމަށް އަންގައި، މަޖިލީހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި ޒަމީލް ސޮއިކުރެއްވުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ނިންމަވައި ނަޝީދު ވަނީ ޒަމީލަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި ވެސް އެދިވަޑައިގެންފަ އެވެ. އެކަމަކު، އެއީ ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީ އަށް ވެސް ފޮނުއްވުމެއް ނެތި ނިންމެވި ނިންމެވުމެކެވެ. ކޮމިޓީ އަށް މައްސަލަ ފޮނުއްވީ މާ ފަހުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސަޕޯޓަރުންގެ ފިއްތުންތަކާއެކު، ރޭ ބޭއްވި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި، ނަޝީދު ފޮނުއްވި މައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓުން ކަމަށް ވުމަކީ ނަޝީދުގެ ފަޅީގެ މެމްބަރުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވެ، ރޭ ވަނީ ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގައި ހޫނު ރައްދުތަކެއް ދޭން ފަށައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕް ވެސް ހޫނުވެ، ނަޝީދުގެ ސަޕޯޓަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެ މަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެ ގުރޫޕްގައި އެންމެ ބޮޑަށް ރައްދު ދެއްވި އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

އީވާ ތުހުމަތު ކުރެއްވި ގޮތުގައި ނަމަ، ބިގޭ އުޅުއްވަނީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ "ފަނިކޮށްލާ"ށެވެ.

"ހަމައެއްނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިގެން ތިހެން މިކަން ފަނިކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމިއޮންނާނެ،،" ވަޓްސްއެޕް ގުރޫޕްގައި އީވާ ވިދާޅުވި އެވެ.

އޭނާ ވަނީ، ނަޝީދު އެދިވަޑައިގެން އެހެން ކޮމިޓީއެއްގައި މަސައްކަތެއް ކުރިޔަސް ކޮންމެ ފަހަރަކު އެކަން "ގޯސް" ކުރަން ބިގޭ އުޅުއްވަނީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވައިފަ އެވެ.

"ރައީސްގެ ހާލަތަކަށް ވީ ހަމްދަރުދީގެ ޑެޑްލައިން ހަމަވީތަ؟ މާތް ކަލާކޯ މިއީ ވާ ސަރުކާރެއް،" ބިގޭ އަށް އަމާޒު ކުރައްވައި ގައުމީ މަޖިލީހުގެ ވަޓްސއެޕް ގުރޫޕްގައި އީވާ ލިޔުއްވި އެވެ.

ނަޝީދު އެ ގުރޫޕަށް ފޮނުއްވި މެސެޖު ސީދާ އަމާޒު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ނަޝީދުގެ މެސެޖުން އެނގޭ ގޮތުގައި، ވަކިވަކި ސިފައިން 241 ކޮމިޓީ އަށް ނުފޮނުއްވަން ބާރު އަޅުއްވަނީ ސީދާ ރައީސެވެ.

ހަމަނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިގެން ތިހެން މިކަން ފަނިކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމިއޮންނާނެ،،" ---އީވާ

"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 (ކޮމިޓީ) އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަށް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ނަޝީދު ދޫކޮށްލެއްވި މެސެޖުގައި ވިދާޅުވި އެވެ.

ރައީސް ހާސިލް ކުރައްވަން ބޭނުންފުޅުވާ ކަންކަން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ހާމަކޮށްދެއްވުމަށް ވެސް ނަޝީދު އެދިވަޑައިގަތެވެ.

އިމްތިޔާޒާ ބެހޭ ކޮމިޓީ ރޭ ބާއްވަން ފުރަތަމަ ތާވަލުކުރީ 9:30 އަށެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ބައްދަލުވުން ފަސްކުރުމަށް ފަހު އަލުން ފެށިއިރު ވެސް ދެ ފަޅީގެ ކޯލްތައް ބައެއް މެމްބަރުންނަށް އައީ ލިބެމުން ކަމަށް ވެ އެވެ. ރައީސްގެ ފަޅިން ކޮންމެހެން ހަދާފައި ވެސް ބޭނުންވީ އެ މައްސަލަ ބޭރުކޮށްލަަން ނުވަތަ ކޮމިޓީ ނުބޭއްވުމަށެވެ. އެހެންވެ، ދެ ފަޅީގެ ޕްރެޝަރު އޮތީ ހެސްކިޔާފައި ޖައްސައިފަ އެވެ.

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް
މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

މި މައްސަލަ ކޮމިޓީން ބޭރުކޮށްލި މެމްބަރުންގެ މައިގަނޑު ވާހަކައަކީ ޑިފެންސް މިނިސްޓްރީގެ ސިޓީގައި ޑެޕިއުޓީ މިނިސްޓަރު ސޮއިކުރެއްވިޔަސް ޒިންމާ ނަންގަވަން ޖެހޭނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނުވަތަ ސިފައިގެން ވެރިން ކަމަށެވެ. އެހެންވެ، މަޖިލީހުގެ އިމްތިޔާޒަށް ޑެޕިއުޓީ މިނިސްޓަރު ޒަމީލް އަރައިގަތް ކަމަށް ނުނިންމޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މިއީ އިމްތިޔާޒު ކޮމިޓީއާ ގުޅޭ މައްސަލައެއް ވެސް ނޫން. ވަކިވަކި ސިފައިން ހާޒިރުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ އެހެން ކޮމިޓީން ނުވަތަ މަޖިލީހުން ގޮތް ނިންމާ ހިސާބުގައި އޮތް ކަމެއް މިއީ. އެހެންވީމާ އެ ކޮމިޓީތަކުން ނުވަތަ މަޖިލީހުން އެބަޖެހޭ ފުރަތަމަ އެ މައްސަލައިގައި ގޮތެއް ނިންމަން. އޭގެ ފަހުން އިމްތިޔާޒަށް އަރައިގަތްތޯ ނުވަތަ ނޫންތޯ ވެސް ނިންމޭނީ،" ކޮމިޓީގެ މެމްބަރަކު ނަން ހާމަނުކުރަން އެދިވަޑައިގަންނަވަމުން ވިދާޅުވި އެވެ.

އެންމެ ބޮޑު މައްސަލައަކީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު، މައްސަލަ ކޮމިޓީން ބޭރުކޮށްލުމެވެ. އެހެންވެ، ނަޝީދަށް މަރުދޭ ބައެއް މެމްބަރުންގެ ނަޒަރުގައި މިއީ ސީދާ "ބަޣާވާތެކެވެ". ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެ ހާލުކޮޅުގައި ހުންނަވަނިކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ކުރެއްވި ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް އެ މަނިކުފާނުގެ ބައެއް ސަޕޯޓަރުން ދެކެ އެވެ.

"ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން، އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިން އަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ޓުވީޓުގައި ވެ އެވެ.

ޓުވިޓާގައި އެހެން މީހަކު ބުނިގޮތުގައި، ނަޝީދުގެ ފޮޓޯ ބޭނުން ކުރައްވައިގެން މެމްބަރުކަމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ތިއްބެވީ ދެ ޕްރޮޖެކްޓުގެ ދޭތެރޭގައި ތާށިވެފައި ކަމަށެވެ.

"އެ މީހުން ކޮންޓްރޯލް ކުރަނީ ސަރުކާރު ކުންފުނިތަކުގެ ކޯލިށޝަންގެ އެމްޑީން،" އޭނާ ބުންޏެވެ

"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 (ކޮމިޓީ) އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަށް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ، --- ނަޝީދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ، އިންތިހާބެއް ބާއްވާ ނަމަ އަރިއަރިމަތިން ވެސް ފެންނަން ހުންނާނީ ނަޝީދުގެ ފޮޓޯ ކަމަށެވެ. އޭނާ ވިސްނައި ދެއްވަން އުޅުއްވަނީ ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލެއްވި މެމްބަރުންގެ އިންތިހާބުގެ ކެމްޕެއިންގައި ވެސް ބޭނުންކުރެއްވީ ނަޝީދުގެ ފޮޓޯފުޅު ކަމަށެވެ.

"ބަޣާވާތް ކޮށްފައި ތިބި ބައެއްގެ މަޅީގައި ޖެހި، ބައިއަތު ހިފާނީ ނޫނޭވާ. ސާބަސް އެމް.ޑީ.ޕީ އެންޕީންނަށް.!!އިންސާނެއް ވިއްޔާ ލަދުހަޔާތުގެ ކަންފުޅެށް ވެސް ހުންނަންވާނެ. ބަޤާވާތެއް ކޮށްފައި ތިބި ބައެއްގެ މަޅީގައި ޖެހި ބައިއަތު ހިފާނީ ފިސާރި ލަދުހަޔާތް ކުޑަވީމާ. އިންތިހާބަށް ވީމަ އަރިއަރި މަތީ ރައީސް ނަޝީދު ގެ ފޮޓޯ،" މުހައްމަދު ރަޝީދު ކުރެއްވި ޓުވީޓެއްގައި ވެ އެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އޭނާ ވެސް ސަބަބެއް ކަމަށް ދެއްކެވީ ޑިފެންސް މިނިސްޓްރީގެ ސިޓީގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވިޔަސް އެއީ އެ މިނިސްޓްރީގެ އެންމެ އިސްވެރިން ޒިންމާވާން ޖެހޭ ކަމަކަށް ވުމެވެ.

ނަޝީދާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން އިމްތިޔާޒު ކޮމިޓީން ނިންނި ނިންމުމެއް ކަމަށް ނަޝީދުގެ ސަޕޯޓަރުން ބުނަމުން ދިޔަ ނަމަވެސް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހުގެ ފަޅިން އެ ވާހަކަތަކަށް ރައްދެއް ނުދެ އެވެ.