މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ފަތުވާދޭ މަޖިލިސް އެކުލަވާލުމުގެ ބާރު ރައީސަށް ދެއްވުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް
21 ނޮވެމްބަރ 2016 - 15:13
އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ބާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 23 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.
ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ބާރު ރައީސަށް ދިނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، އެ މަޖިލީހުގެ ހިންގުން ހަރުދަނާ ކުރުމަށެވެ.
ފަސް މެމްބަރުންގެ މި މަޖިލީހުގައި މިހާރު ތިއްބަވަނީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ ބޭފުޅަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރަކާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ބޭފުޅެއްގެ އިތުރުން ސީދާ ރައީސް ތަމްސީލު ކުރައްވާ ދެ މެމްބަރެކެވެ.
އެކަމަކު ފާސްކުރި އިސްލާހުގައިވާ ގޮތުން ފަތުވާ ދޭ މަޖިލީހުގައި ދެން ތިއްބަވާނީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރަކާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަން ކުރައްވާ މެމްބަރަކާއި ރައީސް ތަމްސީލް ކުރައްވާ ތިން މެމްބަރުންނެވެ.
ރިފާއު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން މެމްބަރަކު އައްޔަން ކުރެވޭ ގޮތަށް އޮތް އޮތުން އުނި ކުރުމަށާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން "މަޖިލީހުގެ ރުހުމާ އެކު" މެމްބަރުން އައްޔަން ކުރެވޭ ގޮތް ބަދަލު ކުރުމަށެވެ.
އިސްލާމީ ފަތުވާދޭ މަޖިލިހުގެ ނަމުގައި އޮފީހެއް ރައީސް ގާއިމްކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެއީ، އިސްލާމިކް މިނިސްޓަރަށް ޖަވާބުދާރީ ވާ، އެ މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ ވަކި އިދާރާއެކެވެ. އެކަމަކު، ފަތުވާ ދޭ މަޖިލީހުގެ އޮފީހެއް ރައީސް އަބްދުﷲ ޔާމީން އަދި ގާއިމްކުރައްވާފައެއް ނުވެ އެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގްހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދިނީ ލަފާ ފޯރުކޮށް ދިނުމަށް އުފެއްދި މަޖިލީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާން
22 November 2016
ރާއްޖޭގައި ދީން މިއޮއްދަނީ ހަލާކުވަމުން އެކަމަކު ދީނީންވެސް ތިބީ ސިޔާސީ ކަންކަމުގަ ފޫގަޅާފަ ޕޯޑިއަމް ތަކަށް އަރަން ދީނީ ކަމެއް ހިންގަން އެދުރުގެއެއް ރަށެއްގަ ހުޅުވުމުގެ ޚިޔާލެއް ފިކުރެއްނެތް ކީއްތޯވާނީ ގުރުވާން ކޔަވައިދިނުމާ ނަމާދުކުރުމާ ދީނުގެ ބައިތައް ދަސްކޮށްދިނުމަށް ކޮންމެ ރަށެއްގަ އެދުރުގެއެއް މުސާރަވެރިޔަކާއެކު ބެހެއްޓިއްޔާ ދީނީ މީހުންގެ ބަސްކިޔުމެއް ނެތް އިސްލާމިކް މިނިސްޓަރީގެ އެއްވެސް ހަރަކާތެއް ނެތް ބަނދެވިފަ ތިބި ބަސްނުކިޔޭ ދީނީންތަކަކަށް ތިކަން އޮތުމަށްވުރެ ތިގޮތްވެސް މާރަނގަޅު
އަލީ
21 November 2016
މިކަން ކުރެއްވީތީ ރ ޔާމިން އައް ސަޕޯޓް ކުރާނަން. މުޅި ދުނިޔެ ހަލާކު ކުރަނީ ދުންމާރީންގެ މައްޗައް ބިރު ދައްކައިގެން، ބޯކައިލައިގެން، ތިރިކޮންގެން، އުޅޭ 'ފަތުވާ' ދޭ މީހުން!
އަހުމަދު
21 November 2016
ހުރިހާ ތަނަކަށް އުނދުޅި ބާނަނީއެވެ.
ޢަބްދުﷲނާފިޒު
21 November 2016
"ފަތުވާދޭ މަޖިލިސް އެކުލަވާލުމުގެ ބާރު ރައީސަށް ދެއްވުމަށް މަޖިލީހުން ފާސްކޮށްފި" ރައީސް މީހާއަށް ނުލިބެނީ ކޮންބާރެއްބާ! ރައީސް މީހާއަށް ނުލިބެނީ މިވެނި ބާރެކޭ ބުނެވޭނެ އެއްވެސް ޖާގައެއްނެތް ދެއްތޮ.
ގާގެ ޒަކީ
21 November 2016
ދެން ހުކުރު ހުތުބާގައި ވެރިންނަށް ކިޔަމަންވުން ފިޔަވާ އިތުރު މައުޟޫއަކަށް ހުތުބާ ނުކިޔޭނެކަމަށް ނިންމާނެ. ހާލަތު ޟަރޫރީ /ޝުކުރިއްޔާ ޤައުމު
އުމަރު
21 November 2016
ތިކަންވެސް ރައީސަށް އެކަނީ، ރައީސްގެ ދައުރު ނިމޭއިރު ހުރިހައި ބާރެއް ރައީސައް
ޕަޕެޓް ފެކްޝަން
21 November 2016
ތިބާރު ޞަދަޤާތު ފައުންޑޭޝަނަށް ދިނުމަށް ވަރަށް އެދެން!
ސާމީ
21 November 2016
ފަތުވާދޭ މަޖީލީހުގެ ރައީސަކައް ރީކޯ މޫސާ ހަމަޖައްސައީދެއްވުމައް ރައީސް ޔާމީނު އަރީހުން އެދެން.
ދެއިރުސެއިހު
21 November 2016
އަވަހަށް ޑޮކުޓަރު ޝަހީމު ތީގެން މަގާމަކަށް ޖަހާލާ. އޭނާ ބުނެފައިވަނީ މި ސަރުކާރު ހިމާޔަތްކުރުމަކީ ދީނީ ވާޖިބެއްކަމަށް
އެމްސް
21 November 2016
ހުރިހާބާރެއް އެކަކުގެ މުށުތެރެއަށް