ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ތެރެއިން 20 ޕަސެންޓަކީ އިތުރު އެއްވެސް ބައްޔެއް ނެތް މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކޮން ކަހަލަ ބަލިތަކެއް ހުރި މީހުންނެއްތޯ ބެލިިއިރު އޭގެ ތެރެއިން 20 ޕަސެންޓް މީހުންގެ އެއްވެސް ބައްޔެއް ނެތް ކަމަށެވެ.

އެއީ މިދިޔަ އޭޕްރީލް މަހުގެ 28 އިން ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށް މަރުވި 111 މީހުންގެ ތެރެއިންނެވެ. އެ މުއްދަތުގައި މަރުވީ 80 އަހަރުން މަތީގެ 31 މީހަކާއި 65-80 އަހަރާ ދެމެދުގެ 37 މީހަކު އަދި 40-64 އަހަރާ ދެމެދުގެ 35 މީހެއްގެ އިތުރުން 40 އަހަރުން ދަށުގެ އަށް މީހެކެވެ.

މި ސާޖްގައި ވެސް އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ ހަގު އުމުރުގެ މީހުންނަށް ބަލީގެ ނުރައްކާ އޮތް މިންވަރު: ޑރ. ޝަހީދު

ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަކީ ކޮޮވިޑް ނުރައްކާތެރިކަން އޮތް ބައެއްގެ ގޮތުގައި ފެށުނީއްސުރެ ފާހަގަކުރާއިރު ޑރ. ޝަހީދު ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި އާންމުކޮށް ހުރި ބަލިތަކަކީ ލޭމައްޗަށް ދިއުމާއި ހަކުރު ބަލި، ހިތުގެ ބަލި، ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ކަމަށެވެ. އަދި މަރުވި މީހުންގެ އަށް ޕަސެންޓަކީ ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދި މީހުންނެވެ.

ކޮވިޑްގައި މަރުވި މީހުންގެ އާންމުކޮށް ހުރި ބަލިތައް
ކޮވިޑްގައި މަރުވި މީހުންގެ އާންމުކޮށް ހުރި ބަލިތައް

ޑރ. ޝަހީދު ވިދާޅުވީ މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އޭގެ ތެރެއިން ކޮންމެސް އެއް ބައްޔަކަށް ފަރުވާކުރަމުން އައި މީހުން ކަމަށާއި 60 ޕަސެންޓް މީހުންނަކީ ދެ ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހުން ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ހައި ރިސްކް މީހުން ނަމަވެސް އޭގެ ތެރެއިން ވެކްސިން ޖަހާފައި ވަނީ އެންމެ 30 ޕަސެންޓް މީހުން ކަމަށެވެ.

"ގާތްގަނޑަކަށް 20 ޕަސެންޓް މީހުން އެއްވެސް ބައްޔަކަށް ފަރުވާ ނުހޯދައި މީހުން. އަޅުގަނޑުމެން އެބޭފުޅުންގެ ރިކޯޑްސްތައް ބެލިން. އެއްވެސް ކަހަލަ ބައްޔެއް ހުރި ކަމަކަށް ފާހަގައެއް ނުކުރެވޭ."

"މީގައި އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ ދިގު މުއްދަތަކަށް މި ފަރުވާ ކުރާ ގައިންގަޔަށް ނާރައި ބަލި، ލޭމައްޗަށް ދިއުން، ހަކުރު ބަލި، ހިތުގެ ބަލި، ކިޑްނީ ބަލި ހުންނަ މީހުން ބައްޔާ މެދު ސަމާލުކަން ދިނުމުގެ މުހިއްމުކަން ފާހަގަކުރުން."

ކޮވިޑްގައި ރާއްޖެއިން ވެސް މަރުވި ގިނަ މީހުންނަކީ ފިރިހެނުންނެވެ. އެއީ 60 ޕަސެންޓެވެ.

ޑރ. ޝަހީދު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ވެސް ދައްކަނީ މަރުވި މީހުންގެ ނިސްބަތުން ފިރިހެނުން ގިނަކަމެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅުގައި ރާއްޖެ މިވަގުތު އޮތް ނަމަވެސް މިއީ އެންމެ ފަހު ސާޖްކަމަށް ނުބެލޭނެ ކަމަށާއި އެހެންވެ އިތުރަށް ސަމާލުވުމަށް ޑރ. ޝަހީދު އިލްތިމާސްކުރެއްވި އެވެ. މިވަގުތަށް ކޭސްތައް ދަށްވިޔަސް، އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް އޭނާ އެދިވަޑައިގަތެވެ.