މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ޓޫރިސްޓުން ފެނިއްޖެ

ކ. އަތޮޅުގައި އޮންނަ އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓު ކައިރި އަށް މޫދަށް އެރި އުޅުނު ދެ ޓޫރިސްޓަކު ގެއްލިގެން ސިފައިން ހޯދަމުން ދަނިކޮށް އެ މީހުން ފެނިއްޖެ އެވެ.


އެމްއެންޑީއެފުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ މީހުން ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ ރޭ 9:00 ހާއިރު އެވެ. އަދި ވަގުތުން ކޯސްޓުގާޑުގެ ތިން ލޯންޗެއް އެ ސަރަހައްދަށް ގޮސް އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

ވާދޫ ރިސޯޓުގެ އުތުރު ފަރާތުގައި ސީބެޑެއްގައި މޫދަށް އެރި އުޅެނިކޮށް އެންމެ ފަހުން ފެނުނު ދެ ޓޫރިސްޓުންގެ ހަބަރު މިހާރު ވެފައިވާ ކަމަށް އެމްއެންޑީއެފުން ދެންމެއަކު ބުންޏެވެ. އަދި އެ ދެ މީހުން މާލެ ގެނައުމަށް، ކޯސްޓްގާޑުގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ރާއްޖެ އަންނަ ބައެއް ޓޫރިސްޓުން މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވާ އިރު، ބައެއް މީހުން ގެއްލިފައި ވެސް ވެ އެވެ.